ބޭކްޑް އެމްވީގެ ސިއްރަކީ ލިޔުގެ ރަހަ ހެޔޮވަރުކުރުން

އާމިނަތު ލިއުޝާ އިސްމާއިލް --ފޮޓޯ:ފަޔާޒް މޫސާ/ ސަން

ވިސްކަކާއި ސްޕެޓިއުލާއެއްގެ އެހީގައި ބޭކްޑް އެމްވީގެ އުންމީދީ ވިޔަފާރި އާމިނަތު ލިޔުޝާ އިސްމާއިލް (ލިޔު) ފެށީ މި އަހަރުގެ ޖެނުއަރީގަ އެވެ. ދަމަކުން ބަޑިއެއް ޖަހާހެން ކަމެއް ކުރުމުގެ ބަދަލުގައި އޭނާ މިކަން ފެށީ އެތަށް ދުވަހުގެ ތަޖުރިބާ އާއި ނާކާމިޔާބީން ހިތްވަރުލިބިގެންނެވެ.

އޮންލައިންކޮށް އެކި ފޮނިކާތަކެތި ތައްޔާރުކުރަމުންދާ ޕޭޖުތަކުގެ ތެރެއިން ބޭކްޑް އެމްވީއަކީ މިއަދު ސޯޝަލް މީޑީއާގައި މަގުބޫލު ޕޭޖެކެވެ.

ލިއު މަސައްކަތުގައި -- ފޮޓޯ:ފަޔާޒް މޫސާ/ސަން

ދެ ކުދިންގެ މަންމައެއް ކަމުގައިވާ ލިޔު އަކީ އިންޑިއާގެ ބީޖީއެސް ގްލޯބަލް ހޮސްޕިޓަލްގެ މާކެޓިން އެގްޒެކެޓިވްގެ ގޮތުގައި މިވޭތުވެދިޔަ ހަތް އަހަރު މަސައްކަތްކުރަމުން އަންނަ ޒުވާނެކެވެ. މިވަގުތު ނޯޕޭ އެއްގައި ހުރި ނަމަވެސް، އިންޑިއާގެ ބީޖީއެސް ހޮސްޕިޓަލަށް ދާ 95 އިންސައްތަ ދިވެހިންގެ ބޭސްފަރުވާގެ ހުރިހާ ކަމެއްގެ އެންމެ ގާތް އެހީތެރިއަކީ ލިޔު އެވެ. ދަތުރުކުރުމާއި، ބޭސްކުރުމާއި، އެމެޖެންސީތަކުގެ އިތުރުން އެއާޕޯޓް ޕިކްއަޕްގެ ޒިންމާއަކީވެސް ސީދާ ލިއު ބަލަހައްޓަމުން އައި ކަންކަމެވެ. ނުވިތާކަށް ބައްދަލުވުންތަކާއި، ސެމިނާ އަދި ޓްރެއިިނިންތަކުގައި ބައިވެރިވުމަށްޓަކައި ބެންގަލޫރަށް އަބަދުމެހެން ދަތުރުކުރަންޖެހެ އެވެ.

މަސައްކަތު މާހައުލުން ބޭރުން، ބޭކިން އަކީ ލިޔުގެ އެންމެ ބޮޑު ޕެޝަން އެވެ. އެކި ތަންތަނުން ރެސިޕީތައް ހޯދައި ތަޖުރިބާ ކުރުމަކީ އޭނާގެ ހޮބީ އެވެ. ލިޔު ބުނާގޮތުން އޭނާ ކުރިން ކުރި ހުރިހާ އެކްސްޕެރިމެންޓްތަކަކީވެސް ހަމަ "ފްލޮޕް" އެކެވެ. އެހެން ނަމަވެސް، އެއީ ފިލާވަޅެއްގެ ގޮތުގައި ބަލައިގަނެ، ހިތްވަރު އެލުވާނުލާ މި މަސައްކަތް އޭނާ ދިޔައީ ކުރަމުންނެވެ. މިގޮތުން އެކި ދިމާތަކުން ފެންނަ ރެސިޕީތައް މޮޑިފައިކޮށް، އިތުރަށް ރަހަ ހެޔޮވަރު ކުރަމުންދިޔަ އެވެ. އެންމެ ފަހުން އޯޑަރުތައް އަންނަން ފެށީ އާއިލާގެ އެކި މެންބަރުންގެ އުފަންދުވަސް ފަދަ މުނާސަބަތުތަކަށް ކޭކާއި ކުކީސް ފަދަ ތަކެތި ތައްޔާރުކުރާށެވެ. މިހެން އުޅުމުގެ ތެރެއިން އަމިއްލަ ޕޭޖެއް ހެދުމުގެ ހިޔާލު ދިނީ ލިޔުގެ ކޮއްކޮ އެވެ.

" ބޭކިން ޑިސްކްރައިބް ކުރަންޏާ ބުނެވޭނީ މިއީ ހަމަ ވޭ އޮފް ސްޕެރިޑިން ލަވް އޭ "- ލިއު

އެއާ އެކު ބޭކްޑްއެމްވީ ގެ ނަމުގައި އޭނާ ފޭސްބުކަށް ފުންމާލީ އެވެ. ލިޔޫގެ މި ކުޑަކުޑަ ކޭކް ޝޮޕްގެ މެނޫގައި، ޗޮކްލެޓް ގަނާޝް ކޭކާއި، އޯރިއޯ، ނަޓެއްލާ، ޗީޒްކޭކް ބްރައުނީސް އާއި އެކި ބާވަތްތަކުގެ ކުކީސްއާއި ޗީޒްކޭކްސްވެސް ހިމެނެ އެވެ.

ބޭކްޑް އެމްވީގެ އެންމެ މަޝްހޫރު އޯރިއޯ ބްރައުނީސް--ފޮޓޯ:ފަޔާޒް މޫސާ/ސަން

މި ހުރިހާ ބާވަތްތަކުގެ ތެރެއިންވެސް ބޭކްޑް އެމްވީގެ "ފޭވަރިޓަކީ" ޑަބަލް ޗޮކޯ ފަޖީ އޯރިއޯ ބްރައުނީސް އެވެ. މިއީ ދެ ވައްތަރެއްގެ ޗޮކްލެޓް ބޭނުންކޮށް، އެކި ލޭޔާސްތަކަށް އޯރިއޯ ބިސްކޯދު އަޅަައިގެން ތައްޔާރުކުރެވޭ ފަޖީ ބްރައުނީ އެކެވެ.

ލިޔޫ ބުނާގޮތުގައި އަމިއްލަ ރެސިޕީއަކަށް ބޭކު ކުރުމަކީ ގޮންޖެހުން ބޮޑުކަމެކެވެ. ހާއްސަކޮށް ރަހަ ހެޔޮވަރުކުރުމަކީ ބޮޑު މަސައްކަތެކެވެ. އަދި ރަހައާ އެއްވަރަށް ކޮންމެ ކާއެއްޗަކީ ވެސް ރީތިގޮތަކަށް މީހުންނަށް ޕްރެޒެންޓްކުރެވޭ އެއްޗަކަށް ހެދުމަށް ވެސް ލިޔޫ ބޮޑު ސަމާލުކަމެއްދެ އެވެ.

"އަމިއްލަ ރެސިޕީއެއް ހެދުމަކީ ވަރަށް ޗެލެންޖިން ކަމެއް. އޭގެ ރަހަ ހެޔޮވަރުކުރުމާއި، ބޭކިން ޓައިމް އާއި އޭގެ ފައިނަލް ޕްރޮޑަކްޓް ޕްރެޒެންޓޭޝަން. މިހުރިހާ ކަމަކަށް ބަލަންޖެހޭ،" ލިޔު ބުންޏެވެ.

މިހުރިހާ ކަމެއްގައި ފިރިމީހާ އާއި އާއިލާގެ ފަރާތުން ލިބޭ އެހީތެރިކަން ލިޔު ވަރަށް އުފަލާއި އެކީގައި ބަލައިގަނެ އެވެ. ލިޔު ބުނާގޮތުގައި އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވީހާވެސް ސާފުތާހިރުކޮށް ތަކެތި ތައްޔާރުކޮށް ގެންގުޅެ އަދި އަތްފޯރާ އަގެއްގައި އާންމުންނަށް ތަކެތި ފޯރުކޮށްދެވޭތޯ އެވެ.

އުމުރުން 12 އަހަރުގެ ކުއްޖަކާ އަދި 11 މަހުގެ ތުއްތު ކުއްޖެއް ލިޔުގެ ހުންނައިރު، މި ދުވަސްކޮޅު އޭނާ ހުންނަނީ މުޅީންހެން ބޭކްޑްއެމްވީގެ މަސައްކަތަށް ހުސްވެގެން އެވެ.

"ހެނދުނު ހެނދުނާ ހޭލާފައި ގޭގެ މަސައްކަތްތައްކޮށް ނިންމާލަނީ. އެއަށްފަހު ބޮޑު ދަރިފުޅު، ބޭބީ ގޮވައިގެން އުޅޭނެ ބޭކްކުރާ ގަޑީގައި. ދެން ޕްރީ އޯޑާސްތަކުގެ މަސައްކަތް ފަށަނީ. ބައެއްފަހަރު އެންމެ ފަހު ވަގުތުކޮޅުގައި ވެސް ކަސްޓަމަރުން އޯޑަރު ދޭނެ. ކިރިޔާވެސް ނެގެން އޮތިއްޔާ ހަމަ އޯޑަރެއް ދުލެއް ނުކުރަން،" ލިޔު އޭނާގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކިޔައިދިނެވެ.

ލިއު މަސައްކަތުގައި --ފޮޓޯ:ފަޔާޒް މޫސާ/ސަން

ޖެނުއަރީގައި ބޭކްޑް އެމްވީ ގެ މަސައްކަތް ފެށުނުއިރު، ކޮވިޑްް19 ގެ ސަބަބުން ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ އަސަރުތަކެއް ކުރިކަން ލިޔު ފާހަގަކުރި އެވެ. މިގޮތުން ބޭނުންވާ ބައެއް އިންގްރިޑިއަންޓްތައް ނުލިބުމާއި، އަދި ބައެއް ދުވަސްވަރު ޑެލިވަރީ ކުރުމަށްވެސް ދަތިތަކެއް ދިމާވި އެވެ.

ލިއު ބުނާގޮތުން މި މަސައްކަތުގައި ދެމިހުރުމަށް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ފިރިމީހާއާއި އަދި ކަސްޓަމަރުންނެވެ.

"ފިރިމީހާގެ ސަޕޯޓު ވަރަށް ބޮޑު، ގަޑިން ގަޑިއަށް ހުރިހާ ޑެލިވަރީސް ކޮށްދޭއިރު، ގިނަފަހަރު ދާންޖެހެނީ ދަރިފުޅުވެސް ގޮވައިގެން. ކަސްޓަމަރުންގެ ފަރާތުންވެސް އެކަން ވަރަށް ބޮޑަށް ބަލައިގަނޭ. އެހެންވީމަ މިއީ އަސްލު ހަމަ ފެމިލީ އެފޯޓެއް،" ލިޔު ބުންޏެވެ.

ލިޔު ތައްޔާރުކުރާ ' ޑަ ބޮމްބް' އަދި ޗޮކްލެޓް ގަނާޝް ކޭކް-- ފޮޓޯ:ފަޔާޒް މޫސާ/ސަން

މިހާތަނަށް ވިޔަފާރިއަށް އައި ކުރިއެރުމާއެކު، ލިއުގެ ވިސްކާއި ސްޕެޓިއުލާގެ އިތުރަށް މިއަދު ލިއު މަސައްކަތްކުރަމުންދަނީ މިފަދަ ކަމެއް ކުރުމަށް ބޭނުންވާ އެންމެ ފަސޭހަ އާލަތްތަކާއި އެކީގަ އެވެ. އޭނާގެ އުންމީދަކީ އަދިވެސް މިކަމުގައި ކުރިއަށް ދިއުމެވެ.

comment ކޮމެންޓް