އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީން ޝުއައިބު އެކަހެރިކޮށްފި

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން އެކަހެރިކުރި ޝުއައިބު އަލީ

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމުގައި ހުންނެވި ޝުއައިބު އަލީ މިއަދު މަގާމުން އެއްފަރާތް ކޮށްފިއެވެ.

އެމްޑީޕީއިން ބުނެފައިވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުއައިބު އަލީ އެއްފަރާތްކޮށްފައިވާ ކަމަށެވެ.

ނަމަވެސް އޭނާ މަގާމުން އެއް ފަރާތްކޮށްފައިވާ ސަބަބެއް އެމްޑީޕީއިން އިތުރަށް ހާމަކޮށްފައެއް ނުވެއެވެ.

ޝުއައިބު މަގާމުން އެކަހެރި ކޮށްފައި އެވަނީ ޝުއައިބު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ތުހުމަތުތަކެއް ކުރައްވާ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަށް ސިޓީއެއް ފޮނުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޝުއައިބު ހަސަން ލަތީފަށް ފޮނުވި ސީޓީގައި އެދިފައިވަނީ، ރައީސް ނަޝީދު ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ސިޔާސީ ނުހަމަ ނުފޫޒު ތަކުރާރުކޮށް ފޯރުއްވާ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓުވުމަށެވެ.

ޝުއައިބުގެ ސިޓީގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން ރައީސް ނަޝީދުގެ ވިސްނުންފުޅު މިހާރު ގެންގުޅުއްވަނީ ބަދަލު ހިއްޕެވުމުގެ ރޫހުގައި ޝުއައިބުގެ ސިޓީގައި ބުނެފައިވެއެވެ. އަދި ޕާޓީގެ "ރޫޙާނީ ލީޑަރު"ގެ އުސޫލުތަކާއި ހަމަތަކާއި ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތަށް އެކަނި ލިބިފައިވާ ބާރެއްގެ ބޭނުން ރައީސް ނަޝީދު ނުހަމަ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ސިޓީގައި ބުނެފައިވެއެވެ.

ޕާޓީގެ އެންމެ އިސް ލީޑަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށާއި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ވެރިކަން ބަދަލުކޮށް ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރަން އޭނާ ނުރުހޭ ކަމަށް ޝުއައުބުގެ ސިޓީގައި ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް