އެކުވެނި ޓްރެކުގެ ކޮންކްރީޓު މަސައްކަތް ފަށައިފި

އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

މާލޭގައި ގިނަބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައި، ކޮންކްރީޓް އަޅަން ފަށައިފި އެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ދުވުމާއި، ކަސްރަތުގެ ޓްރެންޑެއް އައިސްފައިވާ އިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެންވަރު ރަނގަޅު ދުވާ ޓްރެކެއް ނެތުމެވެ. ގިނަ ބަޔަކު ބޭނުން ކުރަމުން އައި މާފަންނު އެކުވެނި ޓްރެކަކީ 1996 ވަނަ އަހަރު މާލޭގައި ބިނާ ކުރި ޓްރެކަކަށްވާއިރު އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ ޓްރެކް އަލުން މަރާމާތުކޮށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ސިންތެޓިކް ޓްރެކަކަށް ބަދަލު ކުރުމަށް ނިންމާފައިވާ އިރު، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާ (ޕޮލްކޯ) އާ އެވެ. އެގޮތުން އެ ކުންފުނިން މިއަދު ވަނީ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ފަށައިފަ އެވެ.

އެކުވެނި ޓްރެކް ސިންތެޓިކް ކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ// ޔޫތް މިނިސްޓްރީ

މި މަސައްކަތް ފެށުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަނުގެ އިސްވެރިން މިއަދު ވަނީ ބައިވެރިވެފަ އެވެ.

އެކުވެނީ ޓްރެކުގައި ނޫސްވެރިންނާ ބައްދަލު ކުރައްވަމުން މަހްލޫފް ވިދާޅުވީ، އާރްކޭއެލްގެ ސީއެސްއާރުގެ ދަށުން ކޮންކްރީޓްގެ މަސައްކަތް ކުރަން ފަށާފައިވާ އިރު އަމާޒު ޖަހާފައިވަނީ މި މަސް ނިމެންވާއިރަށް އެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.

"މި މަސައްކަތް ނިމުނުހާ އަވަހަކަށ ސިންތެޓިކުގެ މަސައްކަތް ފެށޭނެ. ސިންތެޓިކަށް ބޭނުންވާ ސާމާނުވެސް މިހާރު ބަރުކޮށްގެން ރާއްޖެއަށް އެބައާދޭ،" މަހްލޫފް ވިދާޅުވި އެވެ.

އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް، ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފައިވާ އިރު މި ޓްރެކަކީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާ އައިއޯއައިޖީއަށް ބޭނުން ކުރެވޭނެ ޓްރެކެއް ނޫންކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

އެކުވެނި ދަނޑުގައި ޓާފް އެޅިފަހުން މިއަހަރަށް 24 އަހަރު ވެފައިވާ އިރު އެތަނަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ޒުވާނުންނާއި، ދުވަސްވީ އުމުރުގެ މީހުންވެސް ކަސްރަތުކުރުމާއި، ދުވުމަށް ބޭނުން ކުރާ ތަނެކެވެ.

comment ކޮމެންޓް