ރާއްޖެ އައި މީހުން 69 ޕަސެންޓު އިތުރުވެއްޖެ

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަމުން އެބަދޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ފަހުން މިދިޔަ މަހުގައި ރާއްޖެ އައި ފަރާތްތަކުންގެ އަދަދު ވަނީ 69.36 ޕަސެންޓް އިތުރުވެފައި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖޭގެ ބޯޑަރު އަލުން މިދިޔަ ޖުލައި މަހުގެ 15 ގައި ވަނީ ހުޅުވާފައެވެ. ޖުލައި 15 އިން ފެށިގެން އޯގަސްޓް މަހުގެ 15 އާ ދެމެދު ރާއްޖެ އައިސްފައިވަނީ 7،607 މީހުންނެވެ. އެ އަދަދާ އަޅާ ބަލާއިރު މިދިޔަ މަހުގެ 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 12،883 މީހުންނެވެ. އެއީ ކުރީގެ އަދަދާ އަޅާ ބަލާއިރު 69 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއޭސީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ރާއްޖެއިން ވަނީ 9،241 މީހުން ފުރާފައެވެ. އަދި މިދިޔަ މަހާއި މި މަހާ ދެމެދު ރާއްޖެއިން ފުރާފައިވަނީ 14،984 މީހުންނެވެ. އެއީ ކުރީގެ އަދަދަށްވުރެ 62.15 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ އޯގަސްޓު 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގައި ބައިނަލްއަގުވާމީ 441 އެއާ ޓްރެފިކް މޫވްމެންޓް ރިކޯޑުކޮށްފައިވާ ކަމަށެވެ. އެއީ ކުރީގެ 419 އަށްވުރެ 5.25 ޕަސެންޓް އިތުރު އަދަދެކެވެ.

ބައިނަލްއަގުވާމީ ދަތުރުތައް އިތުރުވި ނަމަވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ވަނީ އެ މުއްދަތުގައި މަދުވެފައެވެ. އެގޮތުން ޖުލައި 15 އިން ފެށިގެން މިދިޔަ މަހުގެ 15ގެ ނިޔަލަށް އަތޮޅުތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އައިސްފައިވަނީ 3،576 މީހުންނެވެ. އެއީ ފަހުގެ 3،469 އަށްވުރެ 2.99 ޕަސެންޓް އިތުރު އަދަދެކެވެ. އަތޮޅު ތެރެއަށް ފުރާފައިވާ މީހުންވެސް ވަނީ ފުރަތަމަ މަހަށްވުރެ މަދުވެފައެވެ. އެގޮތުން އަތޮޅު ތެރެއަށް ފުރާފައިވާ މީހުންގެ އަދަދު ވަނީ 19.71 ޕަސެންޓް ދަށްވެފައެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ އޯގަސްޓު 16 އިން ފެށިގެން އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެތެރޭގެ އުދުހުންތައްވެސް ވަނީ 362 އިން 310 އަށް ވެއްޓިފައެވެ. އެއީ 14.36 ޕަސެންޓުގެ ދަށްވުމެކެވެ.

comment ކޮމެންޓް