ޔުގަންޑާގެ ޖަލަކުން 219 ގައިދީން ފިލައިފި

ޔުގަންޑާގެ ޖަލަކުން ފިލި 219 ގައިދީން ހޯދުމުގެ މަސައްކަތް ސަލާމަތީ ފައުޖުތަކުން ވަނީ ފަށާފަ -- ފޮޓޯ: އޭޕީ

ކަމްޕާލާ (ސެޕްޓެމްބަރު 17): ޔުގަންޑާގެ ޖަލަކުން އިއްޔެ 219 ގައިދީން ހަތިޔާރު ވަގަށް ނެގުމަށް ފަހު ފިލައިފި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

ޔުގަންޑާގެ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ފްލާވިއާ ބިޔެކުވާސޯ ވިދާޅުވި ގޮތުގައި އެގައުމުގެ މޮރޮޓޯ ޑިސްޓުރިކްޓުގައި ހުރި ޖަލަކުން ގައިދީން ފިލީ އެވަގުތު ޑިއުޓީގައި ހުރި ޖަލުގެ ވެރިޔާ ހިފެހެއްޓުމަށް ފަހުގަ އެވެ. އަދި ފިލުމުގެ ކުރިން އެމީހުން ޖަލުގެ އާމަރީއަށް ވަދެ، ބަޑި އާއި ވަޒަން ވަގަށް ނެގި ކަމަށް އޭނާ ވިދާޅުވި އެވެ.

ބިޔެކުވާސޯ ވިދާޅުވި ގޮތުގައި ޖަލުން ފިލި މީހުންގެ ތެރޭގައި ވައްކަން ކުރުމާއި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށުގައި ޖަލަށްލާފައިވާ މީހުން ހިމެނެ އެވެ. އަދި އެ މީހުން ވަނީ ރީނދޫ ކުލައިގެ ޖަލު ޔުނިފޯމް ބޭލުމަށް ފަހު އެ ސަރަހައްދުގައި ހުރި މައުންޓް މޮރޮޓޯގެ ޖަންގަލި ތެރެއަށް ވަދެގެން ގޮސްފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ގައިދީން ހޯދުމުގެ މަސައްކަތް ޔުގަންޑާގެ ސަލާމަތީ ފައުޖުތަކުން ކުރިއަށްގެންދާ އިރު މިހާތަނަށް ތިން މީހަކު ވަނީ ހަމަލާ ބަދަލު ކުރުމުގެ ތެރޭގައި މަރުވެފަ އެވެ. އެއީ ޖަލުން ފިލި ދެ މީހަކާއި ސިފައިންގެ މީހެކެވެ. އަދި ދެ ގައިދީއަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ.

އެއީ ކޮރޯނާވައިރަސް ފެތުރެން ފެށި ފަހުން ޔުގަންޑާގެ ޖަލަކުން ގައިދީން ފިލި ތިން ވަނަ ފަހަރެވެ. އެގައުމުން މިހާތަނަށް 5،266 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި ޖަލުގައި ތިބި ތިން މީހަކު ހިމެނެ އެވެ.

ޔުގަންޑާގެ ޕްރިޒަން ސާވިސްއިން ބުނާ ގޮތުގައި މިދިޔަ މާޗު މަހާއި އޮގަސްޓު މަހާ ދޭތެރޭ އެގައުމުގެ ޖަލުތަކުގައި ތިބި މީހުންގެ އަދަދު ވަނީ 10 ޕަސެންޓު އިތުރުވެފަ އެވެ. އެއީ ދަތުރުފަތުރު ނުކުރުން ފަދަ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުގެ ސަބަބުން ހައްޔަރު ކުރި މީހުންގެ ސަބަބުންނެވެ.

ޔުގަންޑާއިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 60 މީހަކު ވަނީ މަރުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް