"ސާތު ނިބާނާ ސާތިޔާ 2"ގައި ކޯކިލާގެ ރޯލުން ރޫޕަލް!

ރޫޕަލް ޕަޓޭލް---

ދެހާސް ދިހަ ވަނަ އަހަރު ސްޓާޕްލަސް އިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ސާތު ނިބާނާ ސާތިޔާ"ގެ ދެވަނަ ސީޒަންގައި ކޯކިލާބެންގެ ރޯލުން ފެނިގެންދާނީ ރޫޕަލް ޕަޓޭލް ކަމަށް އޭނާ ބުނެފި އެވެ.

ސީޒަން އެކެއްގައި ވެސް ކޯކިލާބެންގެ ރޯލުން ފެނިގެންދިޔައީ ރޫޕަލް އެވެ. ނުފޫޒު ގަދަ މައިދަތައެެއްގެ ރޯލު ކުޅޭ ރޫޕަލް ބުނީ ސާތު ނިބާނާ ސާތިޔާގެ ދެ ވަނަ ބައިން ފެނިގެންދާނެ ކަމަށާއި އެ ރޯލު އަލުން ކުޅެލަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ. އަދި ޑްރާމާ ބެލުންތެރިންނަށް ދައްކަން ކެތްމަދުވެފައި ހުރި ކަމަށެވެ. ރޫޕަލް ބުނީ އެ ފުރުސަތު ލިބުމުން އުފާވި ނަމަވެސް ސްޓާޕްލަސްގެ ދެ ޑްރާމާގައި އެއް ފަހަރާ މަސައްކަތް ކުރަން ޖެހުމުން ކަންބޮޑުވި ކަމަށާއި ނަމަވެސް ކޯކިލާބެންގެ ރޯލަކީ ނުކުޅެ ދޫކޮށްނުލެވޭނެ ފަދަ ރޯލެއް ކަމަށެވެ. ރޫޕަލް މިހާރު މަސައްކަތްކުރަމުން އަންނަނީ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގަ އެވެ.

މިހާރު ސްޓާޕްލަސް އިން މިވަނީ ޑްރާމާގެ ޓީޒާއެއް ދައްކާލައިފަ އެވެ. ގޯޕީ ބަހޫ އާއި ކޯކިލާގެ ނަމުން މަޝްހޫރުވެގެން ދިޔަ މި ޑްރާމާގެ ދެވަނަ ސީޒަން ދައްކަން ފަށާނީ އޮކްޓޯބަރު މަހު ކަމަށް ހަބަރުތައްބުނެ އެވެ. އަދި އެ ޑްރާމާ ދެއްކުމުގެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާ ހަމައަށް ދިގު ދެމިގެންދިޔަ ސާތު ނިބާނާ ސާތިޔާއަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ޑްރާމާއެކެވެ. ނުފޫޒުގަދަ މައިދަތަައަކު އުޅޭ ގެއެއްގެ ތެރޭގައި ހިނގާ ކަންތައްތަކެއް ދައްކުވައިދިން އެ ޑްރާމާވެފައިވަނީ ބޮޑު ހިޓަކަށެވެ.

comment ކޮމެންޓް