ފަޒީލް މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލް--

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަ އާއި ގުޅިގެން ފުލުހުންގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު ބެލުމަށް "ސަން" އިން ސުވާލު ކުރުމުން ފުލުހުން ބުނި ފުލުހުންގެ ޖެންޑާ އެންޑް ފެމެލީ ޑިޕާޓްމެންޓުން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ. މައްސަލަ އާއި ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓްރީގައި ވަޒީފާ އަދާކުރައްވަމުންދާ ފަޒީލްގެ މައްސަލަ ބަލަން އެ ޕާޓީން ވަނީ ފުލުހުންނާ ޖެންޑާ މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އޭނާ މިހާރު ހުންނެވީ މަގާމުން ސަސްޕެންޑްވެސްކޮށްފަ އެވެ.

ފަޒީލްއަށް ކުރެވިފައިވާ ބޮޑެތި ތުހުމަތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިން މައްސަލައެއް ހިމެނޭއިރު އަންހެން ކުދިންނަށް "އޮޅިގެން" ކަމަށް ބުނެ ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުން ވެސް ހިމެނެ އެވެ.

އެ ތުހުމަތު ތަކަށް އިންކާރުކުރައްވާ ފަޒީލް ވިދާޅުވެފައިވަނީތުހުމަތުތައް ބަލަން އޭނާ އަމިއްލަ އަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ޢުމުރުން 17 އަހަރުގައި ކުރިކަމަށްބުނާ ކުށުގެ ތުހުމަތަށް އިންކާރުކުރަމެވެ. އެމައްސަލަ ފުލުސް އޮފީހަށް ހުށަހަޅާތަހުގީގު ކުރިކަމެއް އެނގިފައެއް ނެތެވެ. ތުހުމަތުގައިވާ ގޮތަށް ސިޔާސީ ނުފޫޒެއް ބޭނުންކުރަން، އޭރު އަޅުގަނޑީ ސިޔާސީކަމެއްގައި އުޅުނު މީހެއް ނޫނެވެ." ފަޒީލްގެ ޓުވީޓުގައިވެ އެވެ.

ފަޒީލް އިތުރަށް ވިދާޅުވީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް އުނދަގުލެއް ކުރިމަތިވެފައިވާނަމަ މާފަށް އެދޭ ކަމަށާއި އެފަދަ މައްސަލައެއް ހިމެނޭ ނަމަ ކަމާ ބެހޭ ފަރާތަށް އެންގުމަށް ވަނީ އެދިފައެވެ.

"އަދި އެމައްސަލައެއްގައި، އަޅުގަނޑުގެ ފަރާތުން އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ. އެފަދަ ކަމެއް އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުގެ ފުށުން ނުހިނގާނެ އެވެ. އަދި އެއިންކަމެއް އަޅުގަނޑުގެ ފުށުން ވިޔަނުދިނުމަށް މިހިރީ އަޒުމް ކަނޑައަޅައިގެންނެވެ." ފަޒީލް ވިދާޅުވި އެވެ.

ފަޒީލްގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާއިރު ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުރި އަލީ ހާޝިމް (ސްމިތު) ރޭޕްކުރުމަށް ހިތްވަރުލިބޭ ފަދަ އިބާރާތަކުން ޓްވީޓެއް ކުރި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް