ރޭޕްކުރާ މީހުން އާންމުގެ ކުރިމަތީގައި ދަންޖައްސައިގެން މަރުގެ އަދަބު ދޭންޖެހޭ: އިމްރާންޚާން

އިމްރާންޚާން

އިސްލާމް އާބާދު (ސެޕްޓެމްބަރު 15) : ޕާކިސްތާނުގައި ރޭޕްގެ ޖަރީމާތައް ހިންގާ މީހުން އާންމުގެ ކުރިމަތީގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމަށް ނޫނީ ކެމިކަލް ދީގެން އެމީހުންގެ ޖިންސީ ބާރު ކަނޑުވާލުމަށް ތާއީދު ކުރައްވާކަމަށް އެގައުމުގެ ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމްރާން ޚާން ވިދާޅުވީ ޕާކިސްތާނުގައި ރޭޕްގެ ޖަރީމާތައް ހިންގާ މީހުންނަށް މަރުގެ އަދަބު ދޭންޖެހޭ ކަމުގަ އެވެ. ނޫނީ އެމީހުންނަށް ކެމިކަލެއް ދީގެން އެމީހުންގެ ޖިންސީ އެދުންވެރިކަމުގެ ބާރު މުޅި އުމުރަށް ކަނޑުވާލުމަށް ތާއީދު ކުރައްވާ ކަމަށާ އެކަމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް އިމްރާންކާން ވިދާޅުވި އެވެ.

ކުރިއާ ޚިލާފަށް ޕާކިސްތާނުގައި މިހާރު ރޭޕްގެ ކޭސްތައް އިތުރުވަމުން ދާތީ އެކަން ހުއްޓުވުމަށް ޓަކައި ހަރުކަށި ގާނޫނުތަކެއް ފާސްކުރުމާއި މުޖްތަމައު ހޭލުންތެރި ކުރުވުމަށް ދާދި އަވަހަށް މަސައްކަތް ފަށާނެ ކަމަށް ވެސް އިމްރާން ކާން ވިދާޅުވި އެވެ.

2018 ވަނަ އަހަރު ޕާކިސްތާނުގައި ރޭޕްކޮށްގެން މަރާލި ތުއްތު އަންހެން ކުއްޖެއް ކަަމަށްވާ ޒައިނަބު

ރޭޕްގެ މައްސަލާގައި ޕާކިސްތާނުގައި މިހާރު އަމަލުކުރާ ގާނޫނުތައް އިސްލާހުކޮށް އައު ގާނޫނުތަކެއް ވުޖޫދަށް ގެންނަން ޖެހިފައިވާ ކަމަށާ އޭގެތެރޭގައި އެފަދަ މީހުންނަށް ކެމިކަލް ދީގެން ޖީންސީ އެދުންވެރިކަން އެއްކޮށްކަނޑުވާލުން ހިމަނަންޖެހޭ ކަމަށް ވެސް އިމްރާންޚާން ވިދާޅުވި އެވެ.

ރޭޕްކުރާ މީހުންނާއި ކުޑަކުދިންނަށް އަނިޔާކޮށް އެކުދިން މަރާމީހުން އާންމުތަކެއްގައި އެންމެންގެ ކުރިމަތީގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމުގެ ބިލަކާ ބެހޭ ގޮތުން ތަންކޮޅެއް ކުރިން ޕާކިސްތާނުގެ ޕާލަމެންޓްގައި މަޝްވަރާ ކޮށްފައިވެ އެވެ. ނަމަވެސް އެ ޕާލަމެންޓް މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުން އެބިލް ފާސްވެ ގާނޫނަކަށް ވެފައެއް ނުވެ އެވެ.

ދާދިފަހުން ޕާކިސްތާނުގައި ހައިވޭއެއްގައި ކާރަކުން ދަތުރުކުރި އަންހެނަކު ބަޑިން ބިރުދައްކައިގެން ހުއްޓުވުމަށް ފަހު އޭނާ ރޭޕްކޮށްލުމުން ޕާކިސްތާނުގެ މުޖްތަމައަށްވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. މިޖަރީމާގައި ބައިވެރިވީ ދެމީހުންކަމަށް ބެލިފައިވާއިރު އޭގެތެރެއިން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އަނެއް މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. ހައްޔަރުކުރި މީހާ ވަނީ އެޖަރީމާ ހިންގިކަމަށް ތަހްގީގުގައި އިއުތިރާފް ވެސް ވެފަ އެވެ. އޭނާގެ ޑީއެންއޭ ޓެސްތްވެސް ދިމާވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް