ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވިޔަސް ހާއްސަ ހާލަތެއްގައި ބޭހަށް ބޭރަށް ފޮނުވޭތޯ މަސައްކަތްކުރާނަން: ޑރ. އަފްޒަލް

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ --- ފޮޓޯ: އެންއީއޯސީ

ކޮވިޑް ޖެހި ރަނގަޅުވާފަހުން ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވިޔަސް ހާއްސަ ހާލަތެއްގައި ބޭހަށް ރާއްޖެއިން ބޭރަށް ފޮނުވޭތޯ މަސައްކަތްކުރާނެކަމަށް އައިޖީއެމްއެޗްގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ކޮވިޑް ޖެހޭ މީހަކު ބަލިން ރަނގަޅުވެ ނެގެޓިވް ވިޔަސް އެ ބަލީގެ ޑީއެންއޭ އެތިކޮޅުތައް ހަށިގަނޑުތެރޭ ތިން މަސް ދުވަސް ވަންދެން ހުރުމުގެ ފުރުސަތު އޮންނާތީ ތިން މަސް ތެރޭ ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވުމުގެ ފުރުސަތު އޮވެެއެވެ.

އެފަދަ ހާދިސާތަކާ ގުޅިގެން ރާއްޖެއިން ބައެއް މީހުންނަށް ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށް ދިއުމަށް ވަނީ ހުރަސް އެޅިފައެވެ.

ކޮވިޑާ ގުޅޭގޮތުން މިރޭ ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގއި ޑރ. އަފްޒަލް ވިދާޅުވީ އެފަދަ ހާލަތްތަކާ ގުޅިގެން ރާއްޖެއިން ބޭރަށް ނުދެވެނީ އެހެންގައުމުތަކުން އަމަލުކުރާ ރައްކާތެރިމިންގަނޑުތަކުގެ ސަބަބުން ކަމަށެވެ. އަދި އެއްވެސް ވަރަކަށް ބަލިޖެހިފައި ހުންނަ މީހަކު އެ ގައުމަށް އެތެރެވާން ބޭނުންނުވަނީކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންްވެސް ބޭނުމެއް ނުވާނެ އެހެން ގައުމަކުން ޕޮޒިޓިވްވެފައި ހުރި މީހަކު ކަނޑައެޅިގަން ރާއްޖެ އަންނާކަށް. ހަގީގަތަކީ އޭނާއަށް ކުރިން ޖެހުނު އިންފެކްޝަނެއްގެ ސަބަބުން މިހާރުވެސް އޭނާގެ ކިބައިގައި މިހާރުވެސް ޑީއެންއޭ ފްރެގްމަންޓްތަކެއް ހުރެގެން ފޯލްސް ޕޮޒިޓިވްއެއް ދެއްކުންވެސްް އެކަށީގެންވޭ. އެހެންނަމަވެސް އެ ހާލަތުގައި ބަލާނީ ރައްކާތެރިކަމުގެ ސައިޑަށް. އޭގައި ވީހާވެސް ކަށަވަރުކުރެވޭ ގޮތަށް ބަލާނީ. އެހެންވީމާ އެ ރިސްކެއް ނަގާކަށް އެހެން ގައުމަކުން އެއްބަހެއް ނުވާނެ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

އެފަދަ ހާލަތެއްގައި އެމީހަކު ޖެހޭނީ އެ ފްރެގްމަންޓްތައް ދަންދެން މަޑުކޮށްލަންކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

"އިމެޖެންސީ ހާލަތެއްގައި އަޅުގަނޑަށް ހީވަނީ މެޑިކަލް ޓީމަކުން ނުވަތަ އެޗްއީއޯސީގެ ނުވަތަ ހޮސްޕިޓަލަކުންވެސްް ވަކިން އިންޓަވީންކޮށްގެންވެސް ބަލާނެ ކަންނޭނގެ އެފަރާތަކަށް ބޭސް ފަރުވާ ހޯދުމަށްޓަކައި ބޭރު ގައުމަކަށް ދެވޭތޯ. އަޅުގަނޑުމެންގެ ފަރާތުން ހުރިހާ ކަމެއް ކުރާނެއޭ އެބޭފުލަކަށް ފަރުވާ ދިނުމުގެ ފުރުސަތު ދެވޭތޯ ބޭރު ގައުމަކަށް ގޮސްގެން. އެހެން ނަމަވެސް އޭގައި އިންނާނެ ވަކި ހިސާބަކުން ބޭރުގައުމެއްގައި އެ ގެންގުޅޭ އުސޫލުތަކަކުން ތަބާވާންޖެހޭނެތާ އެގައުމަށް މީހަކު ފޮނުވާއިރު،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

comment ކޮމެންޓް