އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި

ރ. އަލިފުށީގައި ސަރުކާރުން އެޅި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު - ކުޅިވަރާ ބެހޭ ވުޒާރާ

ރ. އަލިފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

މި ދަނޑުގެ މަސައްކަތް ނިމުނުކަން ހާމަކުރައްވަމުން ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާލި ފަސް ވަނަ ބޮޑު ޓާފް ދަނޑު ކަމަށެވެ.

"މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދޭ. އުންމީދަކީ އަދި މި ދަނޑާއެކު އަލިފުށިން މޮޅެތި ކުޅުންތެރިންތަކެއް އުފެދިގެން ދިއުން." މަޙްލޫފް ވިދާޅުވިއެވެ. މަޙްލޫފް ވަނީ މި ދަނޑުގެ މަސައްކަތް ކުރުމުގައި އެރަށުގެ ޒުވާނުންނާއި ކައުންސިލް އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް 1,215,470.20 ރުފިޔާއަށް ކޮށްފައިވަނީ އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުންނެވެ. އަދި ސަބް ބޭސްގެ ބައެއް މަސައްކަތްތައް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުން ވެސް ކޮށްފައިވެއެވެ. އަދި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް 4،203،358.36 ރުފިޔާއަށް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. އެހެންކަމުން މި ދަނޑު ހެދުމަށް ޖުމްލަ 5,418,828.56 ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑު އެޅުން ހިމެނޭއިރު، މީގެ ކުރިން ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑުގެ އިތުރުން ނ. ހޮޅުދޫ އަދި އެ އަތޮޅު ކެނދިކުޅުދޫގެ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ. އަދި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން އަމާޒުކޮށްފައި ވަނީ ފަސް އަހަރު ތެރޭގައި 100 ޓާފް ދަނޑު އަޅާށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޖުމުލަ 13 ބޮޑު ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އަދި އިތުރު 22 ދަނޑެއްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފެށޭވަރު ވާނެ ކަމަށް މިނިސްޓްރ މަހްލޫފް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް