ނުވަ މިލިއަން ރުފިޔާގެ ތަފްސީލުވެސް އޮޑިޓަށް ފޯރުކޮށްދިނިން: އެންޑީއެމްއޭ

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ކޮވިޑް19ގެ އެމެޖެންސީ ސެންޓަރަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީގޮތުން ބަހައްޓާފައި ތިބި ތަންތަނަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަރަދުކުރި ފައިސާގެ ތެރެއިން ނުވަ މިލިއަން ރުފިޔާ ހަރަދުކުރި ގޮތް ނޭނގޭ ކަމަށް އޮޑިޓުގައި ބުނެފައި ވީނަމަވެސް، އޭގެ ތަފްސީލުތައް ހިއްސާކޮށްފައި ވާނެކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން އެކި ފެސިލިޓީތަކަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އިން އެކިއެކި ފަރާތްތަކާއި ހަވާލުކޮށްފައިވެއެވެ.

އެގޮތުން ހަވާލުކުރެވުނު ފަރާތް ތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ވާގޮތުން ފައިސާ ދައްކަންޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ހުސްވި ޖޫން މަހުގެ ނިޔަލަށް ފެސިލިޓީތަކަށް ކެއުންބުއިން ފޯރުކޮށްދިނުމަށް ޖުމްލަ 17،125،268 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޯޑަރު ކުރެވުނުގޮތް ލިޔެކިޔުމުން ބަލަހައްޓާފައިނުވާ ހަރަދުތަކުގެ ޖުމުލަ 9،806،724 އަށް އަރާކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.

ހަރަދުކުރެވުނު ގޮތުގެ ތަފްސީލް:

ކޮވިޑް އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ): 5،902،877

ހުޅުމާލޭ ކޮވިޑް19 ގެ ޑިސްޓްރިބިއުޝަން ސެންޓަރު: 840،745

ހުޅުލޭ އައިލެންޑް ހޮޓެލް: 1،482،127

އެސްޓީއޯ ހިޔާ: 1،393،990

ހުޅުމާލޭ ފަރުކޮޅު ކޮވިޑް ސެންޓަރު: 186،985

އއ.ވެލިދޫ: 5،014،053

ގުޅީފަޅު ކޮވިޑް ސެންޓަރު: 2،304،491

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އއ. ވެލިދޫގައި ހިންގާ ކޮވިޑް19 ގެ ކަރަންޓީނު ސެންޓަރާއި ގުޅިފަޅުގައި ހިންގާ ކޮވިޑް19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ހިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި އެންޑީއެމްއޭގެ ޑެޕިއުޓި އެގްޒެކެޓިވް ޗީފް އުމަރު މޫސާ ފިކުރީ ވިދާޅުވީ ދަރުބާރުގެއަކީ އެތަނަށް ވަންނަ މީހުންނާއި އެތަނުން ނުކުންނަ މީހުންގެ މައުލޫމާތު ބެލެހެއްޓޭނެ ސިސްޓަމެއް ގާއިމުކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެ ސިސްޓަމްގެ ތެރެއިން، އެންއީއޯސީއަށް ވަދެފައިވާ އެންމެންގެ "ޑެއިލީ ލޮގް" ނެގިފައިވާ ކަމަށާއި އަދި އެ މައުލޫމާތު އޮޑިޓާ ޖެނެރަލްގެ އޮފީހާ ހިއްސާކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެންއީއޯސީ އުފެދުމާއެކު އެއީ ފްރަންޓްލައިންގައި އުޅޭ މީހުން 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށް އެތަން ބަދަލުވެގެން ދިޔަ ކަމަށެވެ. އަދި އާއިލާތަކާ ދުރުގައި ގައުމީ ބޮޑު މަސައްކަތެއް ކުރާ ތަނެއްގައި އެފަރާތްތަކުގެ ޒަރޫރީ ބޭނުންތައް ފުދެން ޖެހޭނެކަމަށް ގަބޫލުކުރެވޭތީ ދަރުބާރުގޭގައި އެފަރާތްތަކުގެ ކެއުމުގެ އިންތިޒާމުތައް ހަމަޖައްސާދިން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މާލެ ފުރަބަންދުކޮށް، ހޮޓާ ރެސްޓޯރަންޓް އަދި ކެފޭތަކުގެ ހިދުމަތްތައް މެދުކެނޑުމުން، ދަރުބާރުގޭގައި އެފަރާތްތަކުގެ ކެއުމުގެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ މުހިންމުކަން ފެނިގެން ދިޔަ ކަމަށެވެ.

އުމަރު ވިދާޅުވީ ދަރުބާރުގޭގައި އެންއީއޯސީގައި މަސައްކަތް ކުރަމުން ދިޔަ މީހުންނަށް ދުވާލެއްގެ ތިން އިރުގެ ކެއުން ހަމަޖައްސާދިން ކަމަށެވެ. އަދި ކޭޓަރިން އެއްބަސްވުންތަކަށް ބަލާއިރު، ދުވާލަކަށް ބޮލަކަށް ޖެހެނީ 160 ވަރަކަށް ރުފިޔާ ކަމަށެވެ.

"ލޮގްތަކުން އަޅުގަނޑުމެންނަށް ފެނޭ ގާތްގަނޑަކަށް އެވްރެޖުކޮށް އެންމެ މަދުވެގެން ދުވާލަކަށް 550 ފްރަންޓްލައިން ވޯކަރުން ކޮންމެ ވަގުތެއްގައި ވެސް މިތާ [ދަރުބާރުގެ] ތެރޭގައި މަސައްކަތް ކުރަމުން ދާކަން،" އުމަރު ވިދާޅުވިއެވެ.

ކޭޓަރިންގެ ހިދުމަތަށް ފައިސާ ދައްކާގޮތުގެ ތަފްސީލް ދެއްވަމުން އުމަރު ވިދާޅުވީ ކޮންމެ ދުވަހަކު ކެއުމުގެ ކަންކަން ނިމުމުން، އެދުވަހަކު ކޭ މީހުންގެ މައުލޫމާތު ހިމެނޭ ޑެލިވަރީ ނޯޓެއް ތައްޔާރުކުރާ ކަމަށާއި، ފައިސާ ދައްކަނީ އެ ނޯޓުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

"ކޮންމެ ޑެލިވަރީ ނޯޓެއްގައި ވެސް އެދުވަހަކު ކޭ މީހުންގެ އަދަދުތައް ވަރަށް ބޮޑަށް ސާފުވެގެން ދާނެ،" އުމަރު ވިދާޅުވިއެވެ.

ފެސިލިޓީތަކުގައި ވެސް ކަންކަން ތަރުތީބުކޮށްފައި ވާނީ ހަމަ އެ އުސޫލުގެ ދަށުން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކޭޓަރުންނަށް އޯޑަރު ދެނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދު ބެލުމަށް ފަހުގައި ކަމަށް އުމަރު ވިދާޅުވިއެވެ.

އެ ފެސިލިޓީތަކުން ވެސް ޑެލިވަރީ ނޯޓު ތައްޔާރުކޮށް މެނޭޖަރު ސޮއިކުރާނެ ކަމަށާއި، އެ ނޯޓުތައް އެންޑީއެމްއޭއަށް ލިބުމުން އޭގައިވާ އަދަދުތަކަށް ފައިސާ ދައްކާ ކަމަށެވެ.

އެހެންކަމުން ކޮންމެ ދުވަހަކު އެ ފެސިލިޓީތަކުން ވެސް ހިދުމަތްތައް ބޭނުންކުރި އަދަދު އެ ޑެލިވަރީ ނޯޓުތަކުން ވަރަށް ސާފުކޮށް އެނގޭނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ފެސިލިޓީތަކަށް މީހުންގެންދާ ތާރީހު އެނގުނު ނަމަވެސް އެމީހުން ދޫކުރި ތާރީހު އެނގޭނެ ގޮތަށް، ލިޔެކިޔުމުން މައުލޫމާތު ބަލަހައްޓާފައި ނެތުމުން، ބިލުކޮށްފައިވަނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށްކަން ކަށަވަރުކުރެވެން ނެތްކަމަށް އޮޑިޓުގައިވެއެވެ.

އޭގެ އިތުރުން، ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރުކުރި އަދަދާއި އޮކިއުޕަންސީ މައުލޫމާތު ފުރިހަމައަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އުމަރު ވިދާޅުވީ އެއީ ކޮންމެ ދުވަހަކު ވެސް އެންއީއޯސީން ވަރަށް ރަނގަޅަށް ބަލަހައްޓާ މައުލޫމާތު ކަމަށެވެ. އަދި އެއީ އާންމުންނަށް ވެސް ވަރަށް ރަނގަޅަށް ފެންނަން ހުންނާނެ މައުލޫމާތު ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އޮޑިޓް ޕްރޮސެސް ތެރޭގައި އަޅުގަނޑުމެން މި ހުރިހާ މައުލޫމާތެއް ރޯ ޑޭޓާގެ ގޮތުގައި ވާނީ އޮޑިޓު ޓީމަށް ވާނީ ހިއްސާކޮށްފައި. އަޅގަނޑުމެން ބަލަހައްޓާފަ ހުރި ޓޭބަލްތަކާ މެއިންޓެއިން ކޮށްފައި ހުރި ޝީޓުތައް ހަމަ އެ ހުރިހާ ހުރިހާ މައުލޫމާތެއް އެއްކޮށް ވާނީ އޮޑިޓާ ހިއްސާކޮށްފައި،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ފެސިލިޓީތަކުގައި ކެއުމަށް އޯޑަރުދޭ އިންތިޒާމު ހަމަޖައްސާފައި ވަނީ ވެސް އެވަގުތު އެތަނުގައި ތިބޭ މީހުން ކާން ބޭނުންވޭތޯ ނުވަތަ ނޫންކަން ޔަގީންކުރުމަށް ފަހުގައި ކަމަށެވެ.

"މިގޮތަށް އިންތިޒާމު ކުރީ އިސްރާފު ކުޑަ ކުރުމަށާއި ދައުލަތަށް ދާ ހަރަދު ކުޑަކުރުމަށް. ފެސިލިޓީތަކުގައި ތިބި ބައެއް ބޭފުޅުންނަކީ މިސާލަކަށް މެންދުރު ކާން ބޭނުން ނުވާ ބޭފުޅުން. ބައެއް ބޭފުޅުން ރޯދައަށް ތިއްބަވާ. އެހެންވީމަ ހުރިހާ ގަޑިއެއްގައި އެއް ނަންބަރަކަށް ފެސިލިޓީތަކުގައި ކޭ މީހުންގެ އަދަދު އެއްގޮތްވުމަކީ ނާދިރު ކަމެއް،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެ މައުލޫމާތު ނެތް ކަމަށް އޮޑިޓުގައި ބުނެފައި ވަނީ ފަހަރެއްގައި އޮޑިޓް އޮފީހުން ބޭނުންވާ ފޯމެޓަށް ނެތުމުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކެއުމުގެ ހިދުމަތަށް އެދޭއިރު ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކަށް އޯޑަރުުދެވުނީ ކިހާ އަދަދެއްކަން އެނގޭގޮތަށް ދެފަރާތުގެ ސޮއި ހިމަނައިގެން ލިޔެކިޔުން ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އެންޑީއެމްއޭއަށް އަންގައިފައެވެ.

އަދި ކޮންމެ ދުވަހަކު ކޮންމެ ފެސިލިޓީއެއްގައި ތިބޭ ފަރާތްތަކުގެ ތެރެއިން ކެއުމުގެ ހިދުމަތް ފޯރުކޮށް ދޭންޖެހޭ ފަރާތްތަކުގެ މައުލޫމާތު ލިޔެކިޔުމުން ބެލެހެއްޓުމަށް ވެސް އަންގާފައިވެއެވެ.

ކެއުން ބުއިމުގެ ހަރަދުތަކަށް ފައިސާ ދެއްކުމުގައި، ކަމާގުޅޭ ލިޔެކިޔުން އެކަށީގެންވާ ގޮތަށް ތައްޔާރުކޮށް ބަލަހައްޓާފައި ނުވާތީ މާލީ ޒިންމާދާރުވެރިޔާ އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ރިއާޔަތްކުރާއިރު، މި ފައިސާ ހަރަދު ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސުން ބެލުމަށް ވެސް ވަނީ އަންގައިފައެވެ.

comment ކޮމެންޓް