ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ ސަބަބުން ދައުލަތަށް ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ

އޭޕްރީލް 4، 2020: ހިސާން ހަސަން ސަންއަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ މީހެއްގެ ބިމުގައި ގާއިމުކޮށްފައިވާ ފެސިލިޓީގެ ސަބަބުން ދައުލަތަށް އެއްވެސް ގެއްލުމެއް ވާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓްގައި، ސަރުކާރުގެ މިލްކުވެރިކަން ނެތް ބިމެއްގައި އެ ފެސިލިޓީ ގާއިމުކޮށްފައި ވާތީ، ކުރިއަށް އޮތް ތަނުގައި ނުކުމެދާނެ ގާނޫނީ މައްސަލަތައް ހައްލުކުރުމަށް ވަނީ ލަފާ ދީފައެވެ.

އޮޑިޓް ރިޕޯޓާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިސާން ވިދާޅުވީ، އޮޑިޓު ރިޕޯޓުގައި އެ ފެސިލިޓީއާ ގުޅިގެން ބަޔާންކޮށްފައި ހުރި މައުލޫމާތުތަކާ ދޭތެރޭ ހިތާމަކުރައްވާ ކަމަށެވެ.

ހިސާން ސިފަކުރެއްވި ގޮތުގައި، ހުޅުމާލޭ ކޮވިޑް ފެސިލިޓީއަކީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތެރެއިން ކުރެވުނު އެންމެ މުހިންމު އަދި އެޅުނު އެންމެ މުހިންމު ބޮޑު ފިޔަވަޅުގެ ގޮތުގައެވެ. އަދި އެތަނުގެ ފައިދާ ވަރަށް ރަނގަޅަށް ފެންނަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

"މިއަދު އެތަން، ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގާއިމުކުރެވިފަ ނެތްނަމަ ކޮވިޑާ ގުޅިގެން ބަލިވާ ފަރާތްތައް ނުވަތަ ސިއްހީ ހިދުމަތް ފޯރުކޮށްދޭނެ ޖެހޭ ފަރާތްތައް މަގުމަތިވުން ވެސް އެކަށީގެންވޭ،" ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ އެ ފެސިލިޓީ ގާއިމުކުރުމަށް ކުރެވުނު މަސައްކަތުގެ ތަފްސީލުވެސް މިއަދު ދެއްވައިފައެވެ. އަދި އެ ފެސިލިޓީ ގާއިމުކުރުމަށް ހުޅުމާލެ އާއި މާލޭގެ އެކިއެކި ތަންތަން ބެލި ކަމަށް ވެސް ވިދާޅުވިއެވެ.

"އެގޮތުން ބެލުނު ތަންތަނުގެ ގޮތުގައި ހުޅުމާލެ ފޭސް ޓޫގައި ހުރި އެސްޓީއޯ ހިޔާ ފެސިލިޓީ އާއި އަދި މި ނޫންވެސް އެހެން އިމާރާތްތައް ބެލުނު. އަދި އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަ ބީޔޫސީޖީގެ އެކޮމޮޑޭޝަން ބްލޮކް ވެސް މިކަމަށް ބޭނުންކުރެވިދާނެތޯ ބަލާ އޭގެ ސްޓަޑީތައް ވެސް ވާނީ ހަދާފަ،" ހިސާން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެންމެ ފުރަތަމަ ކޮވިޑް ހޮސްޕިޓަލުގެ ގޮތުގައި ކަނޑައެޅި ޓްރީޓޮޕް ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ހުރި އިމާރާތެއްގައި ފެސިލިޓީ ގާއިމުކުރަން ނިންމީއެވެ. އަދި އޭގެ ސަބަބުތައް ވެސް ހިސާން ސާފުކޮށްދެއްވިއެވެ.

އެގޮތުން ފެސިލިޓީ ގާއިމުކޮށްފައިވާ ތަނަކީ ބަލީގެ ހާލަތު އެންމެ ގޯސްވެ، އެއްފަހަރާ 300 މީހުން އެޑްމިޓް ކުރަންޖެހުނު ނަމަވެސް، އެކަމަށް ޖާގަ އޮތް ތަނެއްކަން ހިސާން ފާހަގަކުރެއްވިއެވެ.

އަދި އިމާރާތުގެ ބޮޑު ބައެއް ނިމިފައިވުމުގެ ސަބަބުން އަލުން ހުސް ބިމެއްގައި ތަނެއް ހަދައިގެން، އަވަސް މުއްދަތެއްގައި އެތަން ނިންމުމަކީ ކުރެވޭނެ ކަމަކަށް ނުވާތީ ވަގުތަށް ބަލައި، އެ ބިމުގައި ފެސިލިޓީ ގާއިމުކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އިމާރާތުގެ ބޮޑު ބައެއް ނިމިފައި ވާތީ، އެކަމަށް ހިނގާނެ ހަރަދުގެ ބޮޑުބައެއް ކުޑަވެެގެން ދިޔަކަން ވެސް ފާހަގަކުރެއްވިއެވެ.

އަދި އެ ފެސިލިޓިއަކީ މާލެއާއި އެއްގަމުން ގުޅިފައިވާ ތަނަކަށް ވާތީ، ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ފަސޭހަކަމާއެކު އެކްސެސްވެވޭނެ ތަނެއް ކަމަށް ވުމުގެ އިތުރުން، އެތަން ޓްރީ ޓޮޕް ހޮސްޕިޓަލާ އިންވެގެން ހުރި ތަނަކަށް ވާތީ، ލިޖިސްޓިކަލީ ކުރަން ހުރި ހަރަދުތައް ވެސް އިންތިހާއަށް ކުޑަވެ، ފަރުވާ އަވަސްވާނެތީ އެތަނުގައި ފެސިލިޓީ ގާއިމުކުރީ ކަމަށް ހިސާން ވިދާޅުވިއެވެ.

"މިތަނަކަީ ދައުލަތުން، އަދި ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ކުއްޔެއް ދައްކަންޖެހޭ ގޮތަކަށް މިހާރުވެސް އޮތް ތަނެއް ނޫން. އަދި މިތަނުގެ އެގްރީމަންޓް ވެސް އޮތީ އިތުރު ކުރެވޭ ގޮތަށް. އެހެންވީމަ މީގެ ސަބަބުން ދައުލަތަކަށް އެއްވެސް ގެއްލުމެއް ވާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވިއެވެ.

ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާޗުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ވެފައިވާ "ހޭންޑް އޯވާ" އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން 42،071 އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭއާ ހަވާލުކޮށްފައިވެއެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އިން ދޫކޮށްފައިވާ، 4،315،153.75 އެމެރިކާ ޑޮލަރުގެ ލޯނަކަށް، ރަހުނު ކޮށްފައިވާ ތަނެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ވަނީ ލިބިދީފައެވެ.

އެ ފެސިލިޓީ އެ ބިމުގައި ގާއިމުކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެންޑީއެމްއޭ އިން އޮޑިޓަށް މައުލޫމާތުު ދީފައިވެއެވެ.

އެހެންކަމުން ކޮވިޑް19 ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ހަރަދުކުރުން އެކަށީގެންވާތީ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެބިމާ އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އޮޑިޓުގައި ވަނީ ލަފާދީފައެވެ.

އޮޑިޓުގައި ބުނެފައި ވަނީ މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބަދަލުކުރުމަށާއި، އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް، 30 ޖޫން ގެ ނިޔަލަށް ދައުލަތުން ޖުމްލަ 24،194،156 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެއީ މެޑިކަލް ފެސިލިޓީއަކަށް އިމާރާތް ބަދަލުކުރުމަށް ހަރަދުކުރި 4،687،967 ރުފިޔާ އާއި، މެޑިކަލް އިއުޕްމަންޓާއި، އެހެނިހެން ހަރަދުތަކަށް ހޭދަކުރި 19،506،188 ރުފިޔާއެވެ.

އަދި އެތަނަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެވާހަކައަށް ރައްދުދެއްވައި ހިސާން ވިދާޅުވީ އެސްޓީއޯ މެދުވެރިކޮށް އެ ފެސިލިޓީއަށް ފޯރުކޮށްދިން ހުރިހާ އިކުއިޕްމަންޓެއްގެ އިންވެންޓްރީއެއް ނަގާފައިވާ ކަމަށެވެ. އަދި މިހާރު ފެސިލިޓީ މެނޭޖުކުރަމުން އަންނަ އައިޖީއެމްއެޗް އިން ވެސް ތަނުގެ އިންވެންޓްރީއެއް ނަގައި ބަލަހައްޓަމުން އަންނަކަމަށެވެ. ހިސާން ވިދާޅުވީ ދެ އިންވެންޓްރީ ވެސް އޮޑިޓް އޮފީހާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އެހެންނަމަވެސް އެކަހަލަ އެއްވެސް ވާހަކައެއް އޮޑިޓުގައި ފާހަގަކޮށްފައި ނުވާކަން އަޅުގަނޑު ފާހަގަކޮށްލަން،" ހިސާން ވިދާޅުވިއެވެ.

comment ކޮމެންޓް