ކަންގަނާގެ އޮފީސް ތަޅާލުމުން ބަދަލު ހޯދަން ކޯޓަށް

ކަންގަނާ އިއްޔެ މުމްބާއީ އަށް ދިޔައީ ފުލުހުންގެ ހިމާޔަތުގައި--

މުމްބާއީގައި ހުންނަ އެކްޓަރު ކަންގަނާ ރަނައުތުގެ އޮފީސް ބީއެމްސީ ޓީމުން ތަޅާލިއިރު އެ ތަނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ބޮމްބޭ ހައި ކޯޓަށް އޭނާ ހުށަހަޅައިފި އެވެ.

ކަންގަނާ ބުނީ އެތަނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ކުރޯޑު ރުޕީސް ހޯދަން މިހާރު ކޯޓަށް ހުށައަޅާފައިވާނެ ކަމަށާއި އޮފީސް އިމާރާތުގައި ގަވައިދާ ހިލާފަށް އެއްވެސް ބައެއް އިމާރާތްކޮށްފައި ނުވާނެ ކަމަށެވެ. ބީއެމްސީ އިން ބުނީ އެ އޮފީސް ތަޅާލީ އެތަނުގައި ގަވައިދާ ހިލާފަށް އެ އިމާރާތްކޮށްފައިވާނެ ކަމަށް ބުނެ އެވެ.

ނަމަވެސް ކަންގަނާ ބުނީ އޭނާގެ އޮފީސް ތަޅާލީ ބޮލީވުޑުގެ ތަރި ސުޝާންތު ސިންހް ރާޖްޕުތަށް އިންސާފު ހޯދައިދިނުމުގައި އިންޑިއާގެ މަހަރާޝްތުރާ ސަރުކާރުންނާއި މުމްބާއި ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ބޮލީވުޑްގެ ތަރިންގެ މުޑުދާރު ސިއްރުތައް ފަޅާއަރުވާލުމުން އޭގެ ބަދަލުހިފުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި އެއީ، އޭނާ ފާޑުކީ ބޮލީވޫޑުގެ މަޝްހޫރު އަދި ނުފޫޒުގަދަ ފަރާތްތައް އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ވެސް އޭނާ ތުހުމަތު ކުރެ އެވެ.

ކަންގަނާ ބުނީ އޮފީސް ހެދުމަށްފަހު ކޮވިޑްގެ ސަބަބުން ލޮކްޑައުންވުމާއެކު އޮފީސް އެއްވެސް ގޮތަކަށް ބޭނުންނުކޮށް ހުއްޓާ އެތަން ތަޅާލުމުން މި ހާލަތުގައި އަލުން އެތަން އިމާރާތް ކުރަން ނުކުޅެދިފައިވާ ކަމަށެވެ. އެހެންކަމުން އޭގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމީ ކަމަށް ކަންގަނާ ބުންޏެވެ.

އެކަމާ ގުޅިގެން ކަންގަނާ ވަނީ އެ އަމަލަކީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރޭ އަޑީގައި ހުރެގެން ހިންގި ޖަރީމާއެއްކަމަށް ސިފަކޮށްފަ އެވެ. އޭނާ ބުނީ އޮފީސް ތަޅާލި ހާދިސާ އަށް ފިލްމެއް ވެސް ހަދާނެ ކަމަށެވެ.

އޭނާގެ އޮފީސް ތަޅާލާ ވީޑިއޯތަކެއް މީގެ ކުރިން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ ހިއްސާކުރަމުން ކަންގަނާ ބުނީ ޑިމޮކްރަސީ އެއްކޮށް މަރުވެއްޖެ ކަމަށެވެ.

comment ކޮމެންޓް