ޕާޓީތައް ސަސްޕެންޑް ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅަނީ

އިލެކްޝަން ކޮމިޝަންގެ މެމްބަރެުން: ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އީސީން ދަނީ ތައްޔާރުވަމުން --- ފޮޓޯ/ މަޖިލިސް

ސިޔާސީ ޕާޓީތަށް ސަސްޕެންޑް ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުމަށް ޑްރާފްޓެއް އެކުލަވާލައި ބަންޑާރަނައިބު އޮފީހަށް ފޮނުއްވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެެވެ.

މިހާރު ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވެ އެވެ. ގާނޫނަށް އަމަލު ނުކުރުމުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި އޮންނަނީ، ޖޫރިމަނާ ކުރުމާއި ޕާޓީ އުވާލުމެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު އަކްރަމް މިއަދު "ސަން"އަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެ ކޮމިޝަނުން ޑްރާފްޓެއް އެކުލަވާލުމުގެ މައްސަކަތް ކުރަމުންދާ ކަމަށެވެ. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އޮތީ، ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރެވޭ ގޮތަށް ގެންނަ އިސްލާހެވެ.

"ޖޫރިމަނާ ކުރުމާއި އުވާލުމުގެ މެދަށް ކޮމިޝަނުން ބޭނުން ވަނީ، ސަސްޕެންޝަން ގެންނަން ބޭނުމަކީ، އެހާ ފަސޭހައިން އުވާލެވޭ އެއްޗަކަށް ޕާޓީވެގެން ނުދިޔުން،" ކޮމިޝަނުގެ ތަރުޖަމާނުކަންވެސް ކުރައްވާ އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ކޮމިޝަންގެ ވިސްނުމަކީ ޕާޓީއެއް ގާނޫނުގައި ބުނާ މުއްދަތެއްގައި ކުރަން ޖެހޭ ކަމެއް ނުކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ވަކި މުއްދަތެއްދީ ޕާޓީ ސަސްޕެންޑް ކުރުން ކަމަށެވެ.

"މިސާލަކަށް ގާނޫނުގައި އެބަ ބުނޭ، ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން. ނުބާއްވައިފި ނަމަ ޕާޓީ އުވާލަން ވާނޭ. އެހެންވީމަ މިހާރު މި ގެންނަން އުޅޭ އިސްލާހަކީ ވަކި މުއްދަތެއްގެ ތެރޭ ކުރަން ޖެހޭ ކަމެއްނުކޮށްފި ނަމަ ޕާޓީ ސަސްޕެންޑް ކުރުމުގެ ބާރު. ކޮންގްރެސް ނުބާއްވައިގެން ސަސްޕެންޑްކޮށްފިނަމަ، އެމީހުނަށް ބޭއްވޭނީ ކޮންގްރެސް. އިތުރު ސިޔާސީ ހަރަކާތެއް އެ މުއްދަތުގައި ނުބޭއްވޭނެ،" އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ދެން ގެންނާނެ ބަދަލެއްގެ ގޮތުގައި ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުުރުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ޕާޓީތަކަށް ފައިސާ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް އަމަލު ކުރުމުން އަންނަ އުސޫލަކީ އެ ޕާޓީތައް ސިޔާސީ ގޮތުން ހަރަކާތްތެރިވާ މިންވަރަށް ބަލަނީ. އެގޮތް މިނޭނެ ގޮތަކީ އިންތިހާބުތަކުގައި އެ ޕާޓީތަކަށް ވޯޓު ލިބޭ އަދަދުން،" އަކްރަމް ވިދާޅުވިއެވެ.

މިހާރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދު ހަރަދު ކުރާ ގޮތަށް ގާނޫނުގައި އޮވެއެވެ. އެހެންނަމަވެސް ގާނޫނުގައި އެބައިވެސް ބަދަލު ކުރުމަަށް ހުށަހަޅާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ ދައުލަތަށް ލިބޭ އާންމުދަނީގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓަށް ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ހިމެނުމަށް،" އަކްރަމް ވިދޅާޅުވިއެވެ.

އޭގެ އިތުރުން ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، އެކަންތައްތަކުގެ އިތުރުންވެސް ޕާޓީތަކަށް ފަސޭހަވާނެ ވަރަށް ގިނަ ކަންކަން ޑްރާފްޓްގައި ހިމަނާފައިވާނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ، ބަންޑާރަނައިބު އޮފީހުން ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ކުރަމުންދާއިރު، ކޮމިޝަނުން ބޭނުންވަނީ ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނަށް ފާހަގަ ކުރެވޭ ކަންކަން ހިމަނައިގެން ޑްރާފްޓް އެކުލަވާލުމަށް ކަމަށެވެ. އެގޮތުން ގާނޫނަށް ގެންނަ 75 ޕަސަންޓް ބަދަލާއެކު މި މަހު އެ ޑްރާފް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފެށީވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއެކު ކަމަށާއި އެ ޑްރާފްޓްގައި ފައިނަލްކޮށް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނީވެސް އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އަކްރަމް ވިދާޅުވިއެވެ

comment ކޮމެންޓް