އިސްމާއިލް ޒަކަރިއްޔާ އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

އިސްމާއިލް ޒަކަރިއްޔާ --

ރ. އަތޮޅު ކުރީގެ މެންބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އާއިލާ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ވަނީ އިސްމާއިލް ޒަކަރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ތައުޒިޔާގެ ސިޓީފުޅެއް ފޮނުވައްފައިފައެވެ. އެ ސިޓީފުޅުގައި އެ ހިތާމައިގައި ބައިވެރިވެވަޑައިގެން ފާތިމަތު އިބްރާހީމަށާއި، އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސްގެެ ސިޓީފުޅުގައި، މަރުހޫމް އިސްމާއިލް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރައްވާ އެމަނިކުފާނަކީ ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ހާއްސަކޮށް، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގަޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުން ދިޔަ މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ.

އިސްމާއިލް ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމު ހިމެނެއެވެ.

އިސްމާއިލް ޒަކަރިއްޔާ އަވަހާރަވީ ކޮވިޑު19 އާލާސްކަންފުޅުގައި މިދިޔަ ހޯމަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރަކީ 79 އަހަރެވެ.

comment ކޮމެންޓް