މެސީ މައްސަލަ ޖެހުނީ ކުލަބާ، އަަހަރެންނާ ގުޅުން ރަނގަޅު: ކޫމަން

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމާންއާއި ކެޕްޓަން ލިއޮނެލް މެސީ -- ފޮޓޯ//ބީބީސީ

ކުލަބު ދޫކޮށްލަން އިއުލާން ކުރުމާ ގުޅިގެން ބާސެލޯނާއާއި އެކުލަބުގެ ފޯވާޑް ލިއޮނެލް މެސީއާ ދެމެދު މައްސަލަތަކެއް އުފެދުނު ނަމަވެސް، އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމާންއާ ދެމެދު އޮތީ ރަނގަޅު ގުޅުމެއް ކަމަށް އޭނާ ބުނެފި އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެއީ ކޮންޓްރެކްޓްގައިވާ ވަކި މައްދާއެއްގެ ދަށުންނެވެ. އެކަމަކު ބާސެލޯނާ އިން ބުނީ އެ މުއްދަތު ޖޫން 10 ވަނަ ދުވަހު ހަމަވެފައިވާ ކަމަށެވެ. ބާސެލޯނާގެ ވާހަކަތަކަށް ތާއީދުކޮށް ސްޕެނިޝް ލީގުން ވެސް ވަނީ މެސީ އަށް ކްލަބް ބަދަލުކުރެވޭނީ އޭނާ ގެންދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ (624 މިލިއަން ޑޮލަރު) ދެއްކުމުން ކަމަށް ބުނެފަ އެވެ.

އެ އަދަދަށް މިވަގުތު އެއްވެސް ކުލަބަކަށް ފައިސާ ނުދެއްކޭނެ ކަމަށާއި، ބާސެލޯނާ ގޮވައިން ކޯޓަށް ގޮސްގެން ކުލަބުން ވަކިވާން ބޭނުން ނުވާ ކަމަށް ބުނެ މެސީ ވަނީ ދާދި ފަހުން ކުލަބުގައި އަންނަ ސީޒަން ނިމެންދެން މަޑުކުރާނެ ކަމަށް މެސީ ވަނީ ބުނެފަ އެވެ.

މެސީއާއި، ބާސެލޯނާއާ ދެމެދު ހިނގި ބޮޑު ހާޖާނަށްފަހު މެސީ މިހާރު ވަނީ ރަސްމީކޮށް ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. އަދި ކުލަބާ ދެމެދު މައްސަލަތަކެއް އޮތް ނަމަވެސް އެކަން ފަރިތަކުރުންތަކުން ނުފެންނަ ކަމަށާއި، އެހެން ކުޅުންތެރިންނެކޭ އެއް ގޮތަށް މެސީއާ ދެމެދު ވެސް އޮތީ ރަނގަޅު ގުޅުމެއް ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

"މިދިޔަ ދުވަސްތަކަށްފަހު މިހާރު ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅިއްޖެ. މެސީ މައްސަލަ ޖެހުނީ ކުލަބާ. އަހަރެން އޭނާއާ އެކަމުގައި ވާހަކަ ދެއްކިން. އެއަށްފަހު އެހެން ކުޅުންތެރިންނެކޭ އެއްފަދައިން މެސީ ވެސް ގުޅުން ރަނގަޅު،" ކޫމަން ބުންޏެވެ.

ކޫމަން ބުނީ، މެސީގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ ކުލަބުގެ މެނޭޖްމެންޓުން ކުޅުންތެރިން ގެނައި ގޮތާއި މެދު އެވެ. އެކަން ކުރިއަށް އޮތްތާ ހައްލުކޮށް އަންނަ ސީޒަނުގައި ކާމިޔާބީތަކެއް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.

ކޫމަން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށްފަހު މިހާރު ޓީމުގައި ތިބި ގިނަ ކުޅުންތެރިންތަކަކަށް "އެހެން ގޮތެއް" ހޯދުމަށް އަންގާފައިވާކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އެއާ އެކު އެ ޓީމަށް ކުޅުނު އީވާން ރަކިޓިޗް މިހާރު ސެވިއްޔާއަށް ގޮސްފައިވާ އިރު، ލުއިސް ސުއަރޭޒް އަދި ވިދާލް ވެސް ވަނީ އެހެން ބައެއް ކުލަބުތަކާ އެކު ވާހަކަ ދައްކަން ފަށައިފަ އެވެ.

comment ކޮމެންޓް