ޖަޕާނުގެ އާ ބޮޑުވަޒީރު ކަމަށް ސުގާ އިންތިހާބުކޮށްފި

ޖަޕާނުގެ އާ ބޮޑުވަޒީރު ކަމަށް ޔޮޝިހިދޭ ސުގާ ވަނީ އިންތިހާބުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޓޯކިޔޯ (ސެޕްޓެމްބަރު 16): ޖަޕާނުގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ރައީސް ޔޮޝިހިދޭ ސުގާ އެގައުމުގެ ބޮޑުވަޒީރު ކަމަށް ޕާލިމެންޓުން އިންތިހާބުކޮށްފި އެވެ.

މިދިޔަ ހޯމަ ދުވަހު އެލްޑީޕީގެ ރައީސް ކަމަށް ހޮވި ސުގާ ބޮޑުވަޒީރު ކަމަށް އައްޔަން ކުރަން ޖަޕާނުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ 465 މެމްބަރުންގެ ތެރެއިން 314 މެމްބަރުން ތާއިދު ކުރެއްވި އެވެ. އަދި މަތީގެއިން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 240 މެމްބަރުންގެ ތެރެއިން 142 މެމްބަރުން ތާއިދު ކުރެއްވި އެވެ.

ސުގާ ބޮޑުވަޒީރު ކަމަށް އިންތިހާބު ކުރީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ޝިންޒޯ އަބޭގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އޭނާ ވެރިކަމުން އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ. އަބޭގެ ދައުރު ނިމޭނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އެއަށް ފަހު އެގައުމުގެ ޕާލިމެންޓަށް މެމްބަރުން ހޮވުމަށް އާއްމު އިންތިހާބު ބާއްވާނެ އެވެ.

އަބޭގެ ވެރިކަމުގައި ސުގާ ވަނީ ސަރުކާރުގެ ދެވަނައަށް އެންމެ އިސް މަގާމު ކަމަށްވާ ޗީފް ކެބިނެޓް ސެކްރެޓަރީކަން 2012 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެން ކުރައްވާފަ އެވެ. އަދި ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވަމުން ސުގާ ވަނީ އަބޭގެ ސިޔާސަތުތައް ތަންފީޒު ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަމާ ސުގާ ހަވާލުވެވަޑައިގަންނަވަނީ އެގައުމުން ކޮރޯނާވައިރަސް ބަލިމަޑުކަމާ ކުރިމަތިލާން ޖެހި، އިގުތިސާދީ ހާލަތު ރެކޯޑު މިންވަރަކަށް ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި މުސްކުޅި އާބާދީއެއް އޮތުމުގެ އަސަރުތަކާއި ގިންތީގެ ހަމަހަމަކަން ނެތުން ފަދަ އިޖުތިމާއީ މައްސަލަތަކަށްވެސް ސަމާލުކަން ލިބިފައި ވަނިކޮށެވެ.

ސުގާ އަކީ ޖަޕާނުގެ ސިޔާސީ މައިދާނުގައި އިސްކޮށް އުޅުއްވާ އެހެން ގިނަ ބޭފުޅުންނާ ހިލާފަށް، އެ މައިދާނުގައި ހަރަކާތްތެރިވާ އާއިލާއަކުން ވަޑައިގެންނެވި ބޭފުޅެއް ނޫނެވެ. އޭނާ އަކީ ދަނޑުވެރިކަން ކުރާ އާއިލާއަކުން ވަޑައިގެންނެވި ބޭފުޅެކެވެ. އަދި އޭނާ ސިޔާސީ މަގާމުތަކަށް ވާދަ ކުރެއްވުމުގެ ކުރިން އެލްޑީޕީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ސެކްރެޓަރީގެ ގޮތުގައި 11 އަހަރު ވަންދެން މަސައްކަތް ކުރެއްވި އެވެ.

އެއަށް ފަހު، 1987 ވަނަ އަހަރު ޖަޕާނުގެ އާބާދީގެ ގޮތުން ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށް ޔޮކޮހާމާގެ ސިޓީ ކައުންސިލުން ޖާގައެއް ހޯއްދަވާ، އޭގެ ނުވަ އަހަރު ފަހުން ޕާލިމެންޓު މެމްބަރުކަން ކާމިޔާބު ކުރެއްވި އެވެ. އަދި 2005 ވަނަ އަހަރު ބޮޑުވަޒީރު ޖުނިޗިރޯ ކޮއިޒުމީގެ ކެބިނެޓު މިނިސްޓަރުކަން ކުރައްވާ، އަބޭ ވެރިކަމަށް ވަޑައިގެންނެވުމުން ޗީފް ކެބިނެޓް ސެކްރެޓަރީގެ މަގާމަށް އިސްވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް