ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް މިނިސްޓަރެއްގެ ވާހަކަ ދައްކަވަނީ ވެރިކަމުގެ އުންމީދެއްގައި ނޫން ކަމަށާއި ދެން ދުވަހަކު ވެސް ރާއްޖޭގެ ރައީސްކަން ބޭނުންނުވާ ކަމަށް އެމްޑީޕީ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެގޮތަށް ވިދާޅުވީ، އެމްޑީޕީން ނެރޭ ހަބަރު ސިޓީގެ ހަވަނަ އަދަދުގައި ލިޔުއްވި ލިޔުއްވުމެއްގަ އެވެ. އެ ލިޔުއްވުމުގައި ނަޝީދު ވިދާޅުވީ ބޮޑުވަޒީރުކަމަށް ވާން އެދޭނަމަ ފަހުން އެވާހަކަވެސް ދައްކަވާނެ ކަމަށެވެ.
އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ މައިގަނޑު ދެކަމަކީ ޖަލުގެ އަނިޔާ އާއި ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޖަލުތަކުގައި ސީދާ ކުރާ އަނިޔާތައް ވަރަށް މަދުވެއްޖެ ކަމަށާއި އެއީ އެމްޑީޕީގެ މަސައްކަތް ކަމަށް ވިދާޅުވެފައިވެ އެވެ.
ކޮރަޕްޝަން މަދުކުރުމަށް 2008 ވަނަ އަހަރު ގާނޫނުއަސާސީއަށް ގިނަ ސިފަތަކެއް ގެނެވުނު ނަމަވެސް، އެކަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތްކަމަށް ދެކެން މިއަދުވެސް ދަތިކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަށް އިތުރު އިތުރު ބާރުވެރިކަން ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީއަށް 15 އަހަރު ފުރިފައި ވާއިރު، މިހާރު އެ ޕާޓީ އާ ހަޔާތަކަށް ފައްކާވެފައިވާ ކަމަށާއި ވެރިކަމުގައި ތިބުމަށް ލިބޭ ކޮންމެ ފުރުސަތެއް ކަށަވަރު ކުރެވޭނީ އެ ޕާޓީއާއެކު ރައްޔިތުން ތިބުމުން ކަމަށް ވިދާޅުވެފައިވެ އެވެ.
"ރައްޔިތުންގެ ވޯޓު ޕާޓީއަށް ހޯދޭނެ ސިފަތައް ޕާޓީ އާލާކުރީމައެވެ. އެމްޑީޕީގެ މެމްބަރުން ވަކާލާތުކުރާ ދެކަމެއް އޮވެއެވެ. އަނިޔާ އާއި ވައްކަމާ ދެކޮޅަށް މަސައްކަތް ކުރުމެވެ." ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، މި ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސް މަގާމާ ގުޅޭގޮތުން ސުވާލު އުފައްދަމުން އަންނަ ދަނޑިވަޅުގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެމަނިކުފާނަށް ދީފައިވާ އެންމެ މަތީ މަގާމަކީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވާހަކަދެއްކެވުމުގެ ފުރުސަތު ކަމަށެވެ.
އަދި ރައީސްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ރައީސް ސޯލިހަށް ވެސް އެކަން އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަންނަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިނިސްޓަރުކަމުން ދުރުކުރުމަށް ވަރަށް ފާޅުގައި މަސައްކަތް ފައްޓަވައިފަ އެވެ.
ރައީސް ނަޝީދު ވިދާޅުވާ ގޮތުން ފައްޔާޒު މަގާމުން އެއްފަރާތް ކުރަން ޖެހެނީ "ބްރޯ" ހެދިގެން ހުރިހާ ކަމަކަށް ނުފޫޒު ފޯރުއްވާތީ އެވެ. އަދި ފައްޔާޒާ ދެކޮޅަށް ނަގަން މަސައްކަތް ކުރާ، އިތުބާރު ނެއްކަމުގެ ވޯޓުގެ ބޭނުމަކީ ވެސް ވަކި މިނިސްޓަރަކަށް ސަރުކާރުގެ ތެރޭ ބާރުގަދަކޮށްލައިގެން އުޅުމަށް ފުރުސަތު ނުދެއްވުމެވެ.
"އަޅުގަނޑު ރައީސްގެ މިނިސްޓަރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރަނީ އަޅުގަނޑުގެ ވެރިކަމުގެ އިތުރު އުންމީދަކާ އެކުއެއް ނޫނެވެ. އަޅުގަނޑަކު ދެނަކު ރާއްޖޭގެ ރައީސްކަން ކުރުމަކަށް ނޭދެމެވެ." އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމްޑީޕީން ދިވެހިންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ފާޅުކުރައްވާ ނުކުތާތަކަކީ ސަރުކާރު ނިކަމެތިކުރަން ކުރާ ކަމެއް ކަމަށް ބައެއް ފަރާތްތަކަށް ހީވާ ކަމަށެވެ. ނަމަވެސް އެއީ އޮޅުމެއް ކަމަށެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވާ ވާހަކަ އެ ލިޔުމުގައި ވެސް ތަކުރާރު ކުރައްވައިފަ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި އެމްޑީޕީއަށް ކުރިއަށް އޮތް 10 އަހަރު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވި އެވެ.
"ރައީސް ސޯލިހުގެ ދެވަނަ ދައުރު ލިބުމުގެ އެންމެ ކަށަވަރު މަގަކީ ވެސް ބަރުލަމާނީ ނިޒާމެވެ." އެމަނިކުފާނު ވިދާޅުވި އެވެ.
ނިޒާމު ބަދަލުކުރުމާ ގުޅޭ ވާހަކަ އެމަނިކުފާނުގެ މާ ތަފްސީލުކޮށް އެ ލިޔުމުގައި ވިދާޅުވެފައެއް ނުވެއެވެ. ވިދާޅުވީ މިއަދު ދައްކަވަނީ ކޮރަޕްޝަންގެ ވާހަކަ ކަމަށާއި އެއީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ވާހަކަތަކެއް ނޫން ކަމަށެވެ.
އެހެން ނަމަވެސް ބޮޑުވަޒީރަކަށްވެ ވަޑައިގަތުމާ ގުޅޭގޮތުން ވަރަށް ކުރު ވާހަކަފުޅެއް ވިދާޅުވި އެވެ.
"އަޅުގަނޑު ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ އަޅުގަނޑު ދަންނަވާނަމަވެ. މިހާރުވެސް ކުރަން ހުރި ކަންކަން މަދީއެއް ނޫނެވެ. މީހާ އާއި ދިމާވެފައިވާ މައްސަލަތައް ވެސް ގިނައެވެ." ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ކާމިޔާބު ވާނީ އަމާޒު ނުގެއްލި ކުރިއަށް ދިއުމުން ކަމަށާއި، ބޭނުމަކީ ކޮންމެ މީހެއްގެ ވެސް ޖީބަށް ވަންނަ ވަރު އިތުރުވުން ކަމަށެވެ.
ކޮންމެ މީހަކީ ވެސް އަމިއްލައަށް ކުރާ ހަލާލު މަސައްކަތުން ދިރިއުޅޭ މީހަކަށް ވުން ކަމަށައި ތަރައްގީ އަކީ ވެސް އެމަގުން ލިބޭނެ އެއްޗެއް ކަމަށް ވިދާޅުވި އެވެ.