އެޕަލް އިވެންޓް: އާ އައިޕެޑާއި ގަޑި އަދި އައިއޯއެސް14

އެޕަލްގެ އާ ޕްރޮޑަކްޓްތައް ދައްކާލުމަށް "ޓައިމް ފްލައިސް"ގެ ނަމުގައި ބޭއްވި އިވެންޓުގައި އާ އައިޕެޑްއާއި އެޕަލް ވޮޗްގެ އިތުރުން އެހެން ޕްރޮޑަކްޓްތައް ދައްކާލައިފިއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ އާ އައިފޯން ރޭގެ އިވެންޓުގައި ދައްކާލާފައި ނުވި ނަމަވެސް އެ އިވެންޓުގައި ވަނީ ގިނަ ޕްރޮޑަކްޓްތަކެއް ދައްކާލާފައެވެ.

އާ އައިޕެޑް އެއާ ލައިންއަޕް

އައިޕެޑް ޕްރޯ ޑިޒައިންގެ އައިޕެޑް އެއާއެއް!

އެޕަލްގެ އެންމެ ޕްރީމިއަމް އައިޕެޑް ކަމަށްވާ "އައިޕެޑް ޕްރޯ"އާ އެއްގޮތަށް އެކުންފުނީގެ "އައިޕެޑް އެއާ"ގެ ޑިޒައިން ބަދަލުކޮށް އާ އައިޕެޑް ދައްކާލައިފި އެވެ. އައިޕެޑް އެއާއަކީ އެޕަލް ކުންފުނީގެ މިޑްރޭންޖް ލެވެލްގެ އައިޕެޑެވެ.

އެޕަލް އިން ބުނަނީ އެ އައިޕެޑް އަކީވެސް ވަރަށް ވަރުގަދަ އައިޕެޑަކަށް ވާނެ ކަމަށެވެ.

ކުރީގެ ފޯމް ފެކްޓާގައި ބެޒެލްތައް ކުޑަކޮށް އާ އައިޕެޑްގެ ޑިސްޕްލޭ މިހާރު އިންނާނީ ބޮޑުކޮށްފައި ކަަމަށް އެޕަލްއިން ބުނެއެވެ. އެޕަލްއިން ބުނާގޮތޮގައި އެ އައިޕެޑް 599 ޑޮލަރަށް ގަންނަން ލިބޭނެ އެވެ.

އޭގެއިތުރުން އެންޓްރީ ލެވެލްގެ އައިޕެޑްއެއްވެސް ވަނީ ރޭގައި ދައްކާލާފައި. އެ ވިއްކަން ފަށާ އަގަކީ 299 ޑޮލަރެވެ.

އެޕަލް ވޮޗް ސީރީޒް 6

އާ އެޕަލް ވޮޗްއިން ލޭގެ އޮކްސިޖަން ލެވެލް ބެލޭނެ

އެޕަލް އިން ރޭގެ އިވެންޓުގައި ވަނީ އެކުންފުނީގެ ސްމާޓްވޮޗް ސީރީޒްްގެ އެންމެ ފަހުގެ ޖެނެރޭޝަން ގަޑި އެޕަލް ވޮޗް 6 ދައްކާލާފައެވެ.

ކުރިއެކޭވެސް އެއްގޮތަށް ޑިޒައިން ބަހައްޓާފައިވާ ސްމާޓްވޮޗްގެ އިންޓާނަލްސް އަށް ވަނީ ބޮޑެތި ބަދަލު ގެނެސްފައެވެ. އެގޮތުން މިއަހަރުގެ ގަޑީގައި އެންމެ ފާހަގަކުރެވޭ ކަމަކީ އެ ގަޑީން އިންސާނާގެ ލޭގެ އޮކްސިޖަން ހުރި މިންވަރު މޮނިޓާ ކުރެވުމެވެ.

އޭގެ އިތުރުން އަލަށް ތައާރަފުކުރި ގަޑިއަށް ބޭނުންވާ ކަމަރުތަކަށްވެސް އާ ވައްތަރެއްގެ ކަމަރުތަކެއް އެޕަލްއިން ވަނީ ލޯންޗުކޮށްފައެވެ. "ސޯލޯ ލޫޕް" ކިޔާ ކަމަަރުތަކަކީ ދެމޭ ސިލިކޯން އިން ތައްޔާރުކޮށްފައިވާ ކަމަރުތަކަކެވެ. އެ ގަޑި ގަންނަން ލިބޭނީ 399 ޑޮލަރުން ފެށިގެންނެވެ.

އައިއޯއެސް 14

އައިއޯއެސް 14 މިއަދު ރިލީޒްކުރާނެ

އެޕަލްގެ އައިފޯނުތަކަށް ހާއްސަ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ "އައިއޯއެސް14"ގެ އެންމެ ފަހުގެ ބިލްޑް ވަނީ ރޭގައި ދައްކާލާފައެވެ.

މީގެކުރީން ޕްރިވިއު ބިލްޑްތައް ރިލީޒްކޮށްފައިވާއިރު ސިސްޓަމް ސްޓޭބަލްކޮށް އާ އައިއޯއެސް މިއަދު ރިލީޒްކުރާނެ ކަމަށް އެޕަލް އިން ވަނީ ބުނެފައެވެ.

އައިއޯއެސް 14 އާއެކު ތަފާތު އާ ފީޗާތައް ލިބޭނެއެވެ. އޭގެތެރޭގައި ވިޖެޓް ފަދަ ޓައިލްތަކާއި ޕިކްޗާ އޮން ޕިކްޗާ ހިދުމަތް ހިމެނެއެވެ.

އެޕަލް ސަބްސްކްރިޕްޝަން ބަންޑްލް އެޕަލް ވަން

އެޕަލް "ވަން" އާއެކު ހުރިހާ ހިދުމަތެއް އެކީގައި ބަންޑަލްކޮށް!

އެޕަލް އިން ވަނީ އެކުންފުނީގެ ހުރިހާ ސަބްސްކްރިޕްޝަން ހިދުމަތްތަކެއް އެއް ބަންޑަލްއެއްގެ ގޮތުގައި ވިއްކުމަށް "ވަން"ގެ ނަމުގައި ހާއްސަ ސާވިސްއެއް ލޯންޗުކޮށްފައެވެ.

އެ ސާވިސްގައި އެޕަލް މިއުޒިކްއާއި އެޕަލް ޓީވީ ޕްލަސްއާއި އެޕަލް އާކޭޑްގެ އިތުރުން އެޕަލް އައިކްލައުޑް ސްޓޯރޭޖް ހިމެނެއެވެ. އެގޮތުން އެ ހިދުމަތް ވިއްކަން ފަށާ އަގަކީ 14.95 ޑޮލަރެވެ. އެ ހިދުމަތާއެކު އެޕަލްގެ އައިކްލައުޑްގެ 50 ޖީބީ ލިބިގެންދާނެކަމަށް އެޕަލްއިން ބުނެއެވެ.

އެ ހިދުމަތުގެ ބައެއް އިންޑިއާއަށް ހާއްސަކޮށްގެން ނެރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން އިންޑިއާގެ 195 ރުޕީސްއަށް އެޕަލް ވަން ލިބޭނެއެވެ. އެ އަގަކީ ހަމައެކަނި އިންޑިއާއަށް ހާއްސަކޮށްފައިވާ އަގެއް ކަމަށް އެޕަލް އިން ބުނެއެވެ.

comment ކޮމެންޓް