ބީއެމްއެލްގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު ދަށްކޮށްފި

ރާއްޖެއަށް ލިބޭ ޑޮލަރު ވަރަށް ބޮޑުތަކުން މަދުވެފައި ވުމާ އެކު، މިއަދުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އަދަދުތައް ކުޑަކޮށްފި އެވެ.

އެގޮތުން ދެން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް ކާޑަކުން ބޭނުންކުރެވޭނީ 750 ޑޮލަރާ ހަމައަށެވެ. ރާއްޖޭގައި ނަމަ ކާޑުތަކުން އޮންލައިންކޮށް ބޭރުގެ މުއާމަލާތްކުރެވޭނީ ކާޑަކުން މަހެއްގެ މައްޗަށް 250 ޑޮލަރާ ހަމައަށެވެ.

މީގެ ކުރިން ބީއެމްއެލްގެ ކާޑުތަކުން ދުވާލަކު 400 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރުގައި ފައިސާ ނެގޭއިރު، ޕީއޯއެސް މެޝިންތަކުން އަދި އެ ނޫން ގޮތްގޮތުން 600 ޑޮލަރާހަމައަށް ވިޔަފާރި ބޭރުގައި ކުރެވެ އެވެ. އެހެން ނަމަވެސް، 95 ޕަސެންޓް ކަސްޓަމަރުން އެ ލިމިޓާ ކައިރި ކުރާ ވަރަށް ވެސް ބޭނުން ނުކުރާ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްލްއިން ބުނީ ބޭރުގައި މުއާމަލާތް ކުރެވޭ އަދަދު މިވަގުތު ލިމިޓް ކުރަން މަޖުބޫރުވީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރު މަދުވުމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ރާއްޖޭން ބޭރަށްދާ ޑޮލަރުގެ އަދަދު މަދުކުރުމަށް ޓަކައި ކަމަށެވެ. އަދި މިހާރު ހުރި ޑޮލަރު ކޮންމެހެން ޒަރޫރީ ކަންކަމަށް ބޭނުން ކުރުމުގެ މުހިންމުކަން މިވަގުތަށް ބޮޑުވެފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

"ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށާއި އަދި ހަމައެހެންމެ ރާއްޖޭން ބޭރުގައި ސިއްހީ ހިދުމަތާއި ތައުލީމް ހޯދުމަށް ދައްކަންޖެހޭ ފައިސާއަށް އިސްކަންދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އަށްވެސް މި ފިޔަވަޅު އަޅަން މަޖުބޫރު ވީ އެވެ،" ބީއެމްއެލްއިން ނެރުނު ބަޔާނުގައިވެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ކޮވިޑްއާ އެކު ޓޫރިޒަމް ހުއްޓުމާ އެކު މީގެ ކުރިން މަހެއްގެ މައްޗަށް އެވްރެޖްކޮށް 50 މިލިއަނެއްހާ ޑޮލަރު ލިބުނު ނަމަވެސް މިހާރު މަހެއްގެ މައްޗަށް ލިބެނީ ހަތަރު މިލިއަނެއްހާ ޑޮލަރެވެ. އަދި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވެސް މި ފަހުން ވަނީ ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމަށް ފިޔަވަޅު އަޅާނެކަން ހާމަކޮށްފަ އެވެ.

ބީއެމްއެލްއިން ބުނީ މި ބަދަލާ ގުޅިގެން ބޭންކުގެ 95 ޕަސެންޓު ކަސްޓަމަރުންނަށް އެކަމުގެ އަސަރެއް ނުކުރާނެކަމަށެވެ. އަދި ހަމައެހެންމެ މިއީ މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަން މަޖުބޫރުވި ވަގުތީ ފިޔަވަޅެއްކަމުގައި ވިޔަސް، ހާލަތު ބަދަލުވުމާއެކު ބޭންކުން މި ނިންމުން އިއާދަ ކުރާނެ ކަމަށްވެސް ބުންޏެވެ.

އާ ލިމިޓްތައް ކަނޑައެޅީ ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށް އެކަނި ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ. އަދި ބުނީ ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ ކަމަށެވެ. މި ގޮތުން ޑޮލަރު އެކައުންޓަކުން ދުވާލަކަށް 3000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެ އެވެ.

comment ކޮމެންޓް