ޔޫއޭއީ އާއި ބަހުރައިންއިން އިސްރާއީލާއެކު ގުޅުން ގާއިމު ކުރަން އެއްބަސްވުމުގައި ސޮއިކޮށްފި

ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއޭއީ އާއި ބަހުރައިން އިން ވަނީ އިސްރާއީލާ ގުޅުން ބަދަހި ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފަ -- ފޮޓޯ: ގެޓީ

ވޮޝިންޓަން (ސެޕްޓެމްބަރު 16): ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އާއި ބަހުރައިން އިން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރަން އިއްޔެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.

ޔޫއޭއީ އާއި ބަހުރައިން އިން އެ އެއްބަސްވުންތަކުގައި ސޮއި ކުރީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިހު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އާއި ބަހުރައިންގެ ފޮރިން މިނިސްޓަރު އަބްދުލްއާތިފް އަލް ޒަޔާނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ޔޫއޭއީ އާއި ބަހުރައިން އިން އިސްރާއިލާ އެކު ގުޅުން ބަދަހި ކުރަން ނިންމިކަން އިއުލާން ކުރީ އެމެރިކާއިން މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި އެ އެއްބަސްވުންތަކާ އެކު "އާ މެދުއިރުމައްޗަކަށް ވަނީ އަލިވިލިފަ" އެވެ. އަދި ނަތަންޔާހޫ ވަނީ އެއީ ވަރަށް ތާރީހީ މުނާސަބަތެއް ކަމަށާއި އެ އެއްބަސްވުންތަކުގެ ސަބަބުން ސުލްހައަށް މަގުފަހިވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ މުޝީރު އަދި ދަނބިދަރިކަލުން ޖެރަޑް ކުޝްނާ ވިދާޅުވި ގޮތުގައި ބަހުރައިން އާއި އިސްރާއީލުން ހެދި އެއްބަސްވުމުގެ ދަށުން އެއް ގައުމުން އަނެއް ގައުމުގައި އެމްބަސީތައް ގާއިމު ކުރާނެ އެވެ. އަދި އިސްރާއީލާއި ޔޫއޭއީއާ ދެމެދުގެ ހެދި އެއްބަސްވުމުގެ ދަށުން އިސްރާއިލުން ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކޮށްފައިވާ ސަރަހައްދުތައް އިސްރާއީލުގެ ބަޔަކަށް ހެދުމުގެ ރޭވުންތައް މަޑުޖައްސާލަން އެއްބަސްވެފައި ކަމަށް ޔޫއޭއީން ބުންޏެވެ.

އެއީ އަރަބި ގައުމުތަކާއި އިސްރާއިލާ ދެމެދު ސޮއި ކުރެވުނު އެފަދަ ތިން ވަނަ އަދި ހަތަރު ވަނަ އެއްބަސްވުމެވެ. އެގޮތުން އިސްރާއިލް އަކީ ވަކި ދައުލަތެއް ކަމަށް ބަލައިގަނެ، އެގައުމާ އެކު ސުލްހައިގެ އެއްބަސްވުންތަކުގައި މީގެ ކުރިން ސޮއި ކުރި އަރަބި ދެ ގައުމަކީ މިސްރާއި އުރުދުން އެވެ. އެއީ 1979 އާއި 1994ގަ އެވެ.

އަރަބި ގިނަ ގައުމުތަކުން ބުނާ ގޮތުގައި އެ ގައުމުތަކުން އިސްރާއީލާ އެކު ގުޅުން ގާއިމު ކުރާނީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުވުމުންނެވެ. އަދި ޔޫއޭއީ އާއި ބަހުރައިން އިން އިސްރާއީލާ އެކު ގުޅުން ބަދަހި ކުރަން ނިންމުމުން، ފަލަސްތީން ވަކި ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އެޅޭ ކަމަށް ފަލަސްތީނުގެ ރައްޔިތުން ބުންޏެވެ.

comment ކޮމެންޓް