ދިވެހީންނަކީ ހަރުކަށި ބައެއް ކަމަށް ދައްކަން ކުރާ މަސައްކަތް ހުއްޓާލަން އިދިކޮޅުން ގޮވާލައިފި

ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: ޕީޕީއެމް

އިންޑިއާ އައުޓު ނުވަތަ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވަމުން ދަނީ އައިއެސްގެ ސެލް ތަކުން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކޯލިޝަނުންނާއި ރައްޔިތުން މަސައްކަތްކުރަނީ އައިސިސްއިން ރާއްޖެ ހިފުމުގެ ޕްލޭނަކަށް ކަމަށް ނަޝީދު ވިދާޅުވެފައިވާ ވިދާޅުވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެ ކޯލިޝަންގައި ހިމެނޭ އެއްވެސް ޕާޓީއަކުން ހަރުކަށި އަދި ހައްދު ފަހަނައަޅާފައިވާ އެއްވެސް ފިކުރަކަށް ތާއީދު ނުކުރާ ކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގައި ޓެރަރިޒަމްއާ ދެކޮޅަށް އެންމެ ހަރުކަށި ފިޔަވަޅު އަޅައި، ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވަނީ ޕީޕީއެމްގެ ވެރިކަމުގައި ކަމަށާއި އަދި ރާއްޖެއިން ބޭރުގެ އެއްވެސް ބައެއްގެ ޖާއިޒް ނޫން ނުފޫޒެއް އަޔަނުދީ، ސިޔާދަތީ ބާރު ދިވެހިންނަށް ކަށަވަރު ކޮށްދިނީވެސް ޕީޕީއެމްގެ ވެރިކަމުގައި ކަމަށެވެ.

"އަދި ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމާއި، ދިވެހި ގައުމުގެ ކަންކަން ނިންމާނީ ދިވެހިން ބޭނުންވާ ގޮތަށްކަމާއި، އެ އުސޫލުތައް ސާބިތުކަންމަތީ ހިފެހެއްޓެވީ ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ." ބަޔާނުގައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ މިއަދު އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ސަލާމަތަށް ބުރޫއަރާފަދަ ގޮތްނޭނގޭ އެތައް މަސައްކަތްތަކެއް ބޭރުގެ އެކި ފަރާތްތަކާއެކު ކުރަމުން އަންނަ ކަމަށާއި އަދި އެކަމާ ދެކޮޅަށް ރައްޔިތުން އަޑު އުފުލަމުން އަންނަ ކަމަށެވެ.

ރާއްޖޭގެ ގާނޫނީ ސަރުކާރުތައް ވައްޓާލުމަށް އެތެރެއާއި ބޭރުން އަމަލީގޮތުން މަސައްކަތްކޮށްފައި ވަނީ ކޮން ބައެއްކަން ތާރީހުން ވަރަށް ރަނގަޅަށް ހާމަވާން އޮތް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އަދި ރާއްޖެ ހިފުމަށް ފަހުގެ ތާރީހުގައި މަގުފަހި ކުރަމުން، އެކަންކަމަށް ބޭރުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ގޮވާލަމުން އައިސްފައިވަނީ މިހާރު އެމްޑީޕީގެ ސަރުކާރުގެ ވަޒީރުންނާއި އަދި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަމަށް ވެސް އިދިކޮޅުން ބުންޏެވެ.

"ރާއްޖޭގައި ދީނީގޮތުން ބައިބައިވުން އުފެދޭ ގޮތަށާއި އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކަށް ފުރުސަތު ފަހިވާގޮތަށް ހިތްވަރު ނުދިނުމަށާއި، ދިވެހީންނަކީ "ހަރުކަށި ފިކުރުގެ" ބައެއްގެ ގޮތުގައި ސިފަ ކުރުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ގޮވާލަމެވެ." އެ ބަޔާނުގައިވެއެވެ.

'އިންޑިއާ އައުޓު' ގެ ނަމުގައި އިދިކޮޅު ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލަމުންނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން 'ހާލި' ހަދައިގެން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

comment ކޮމެންޓް