ކެއުންބުއިމަށް ހޭދަކުރި 9 މިލިއަން ރުފިޔާ އާމެދު ސުވާލުތަކެއް

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19ގެ އެމެޖެންސީ ސެންޓަރު (ދަރުބާރުގެ) އަށާއި، ބައެއް އައިސޮލޭޝަން ފެސިލިޓީތަކާއި އަދި ބިދޭސީން ވަގުތީގޮތުން ބަހައްޓާފައި ތިބި ތަންތަނަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަރަދުކުރި ފައިސާގެ ތެރެއިން ނުވަ މިލިއަން ރުފިޔާ އާމެދު އޮޑިޓަ ޖެނެރަލްގެ ރިޕޯޓުގައި ސުވާލުއުފައްދައިފިއެވެ.

ކޮވިޑާ ގުޅިގެން އެކި ފެސިލިޓީތަކަށް ކެއުންބުއިމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެންޑީއެމްއޭ އިން އެކިއެކި ފަރާތްތަކާއި ހަވާލުކޮށްފައިވެއެވެ.

އެގޮތުން ހަވާލުކުރެވުނު ފަރާތް ތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގައި ވާގޮތުން ފައިސާ ދައްކަންޖެހޭނީ ކޮންމެ ދުވަހެއްގެ ކެއުމުގެ ކޮންމެ ވަގުތަކަށް އޯޑަރު ކުރާ މީހުންގެ އަދަދަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ރޭޓަށެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ކޮމްޕްލަޔަންސް ރިޕޯޓުގައި ބުނެފައިވަނީ ކެއުމުގެ ކޮންމެ ވަގުތެއްގައި ކެއުން ހަމަޖައްސަން ޖެހޭ މީހުންގެ އަދަދު ސަޕްލަޔަރަށް އަންގަންޖެހޭނެ ކަމަށެވެ.

އަދި ކެއުމުގެ ކަންތައްތައް ހަމަޖެއްސުމަށް ހަވާލުކޮށްފައިވާ ސަޕްލަޔަރުންނަށް ފައިސާދައްކާފައިވަނީ ކެއުމަށް އޯޑަރުކުރި މިންވަރަށްކަން ޔަގީން ކުރެވޭނީ ކޮންމެ ދުވަހެއްގެ ކޮންމެ ކެއުމަކަށް އޯޑަރު ކުރި އަދަދު އެނގޭގޮތަށް ލިޔެކިޔުން ބަލަހައްޓާފައިވާނަމަ ކަމަށެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހުސްވި ޖޫން މަހުގެ ނިޔަލަށް ފެސިލިޓީތަކަށް ކެއުންބުއިން ފޯރުކޮށްދިނުމަށް ޖުމްލަ 17،125،268 ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އެހެހން ނަމަވެސް އޯޑަރު ކުރެވުނުުގޮތް ލިޔެކިޔުމުން ބަލަހައްޓާފައިނުވާ ހަރަދުތަކުގެ ޖުމުލަ 9،806،724 އަށް އަރާކަމަށް އޮޑިޓު ރިޕޯޓުގައި ވެއެވެ.

ހަރަދުކުރެވުނު ގޮތުގެ ތަފްސީލް:

ކޮވިޑް އޮޕަރޭޝަން ސެންޓަރު (ދަރުބާރުގެ): 5،902،877

ހުޅުމާލޭ ކޮވިޑް19 ގެ ޑިސްޓްރިބިއުޝަން ސެންޓަރު: 840،745

ހުޅުލޭ އައިލެންޑް ހޮޓެލް: 1،482،127

އެސްޓީއޯ ހިޔާ: 1،393،990

ހުޅުމާލޭ ފަރުކޮޅު ކޮވިޑް ސެންޓަރު: 186،985

އއ.ވެލިދޫ: 5،014،053

ގުޅީފަޅު ކޮވިޑް ސެންޓަރު: 2،304،491

އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ އއ. ވެލިދޫގައި ހިންގާ ކޮވިޑް19 ގެ ކަރަންޓީނު ސެންޓަރާއި ގުޅިފަޅުގައި ހިންގާ ކޮވިޑް19 ގެ ކަރަންޓީނު ސެންޓަރު ފިޔަވައި ދެން ހުރި ފެސިލިޓީތަކުން ކެއުމުގެ ހިދުމަތަށް އެދި އޯޑަރު ކުރީ ކިތައް މީހުންނަށްކަން އެނގޭނެ ގޮތަކަށް ލިޔެކިޔުން ބަލަހައްޓާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އޯޑަރުކުރީ ލިޔުމުންކަން އެނގެން ނެތްކަމަށާއި، ދިން އޯޑަރުގެ ލިޔުމުގެ ކޮޕީއެއް އޮތުމަކީ ލާޒިމްކޮށް ބަލަހައްޓަންޖެހޭ ލިޔުންތަކެއް ނަމަވެސް އެ ލިޔުންތައް ބަލަހައްޓާފައިނުވާ ކަމަށެވެ.

އަދި ފެސިލިޓީތަކަށް މީހުންގެންދާ ތާރީހު އެނގުނު ނަމަވެސް އެމީހުން ދޫކުރި ތާރީހު އެނގޭނެ ގޮތަށް، ލިޔެ ކިޔުމުން މައުލޫމާތު ބަލަހައްޓާފައި ނެތުމުން، ބިލުކޮށްފައިވަނީ އެ ދުވަހަކު އެ ފެސިލިޓީއެއްގައި ތިބި މީހުންގެ އަދަދަށްކަން ކަށަވަރުކުރެވެން ނެތްކަމަށެވެ.

އޭގެ އިތުރުން، ކެއުމުގެ ކޮންމެ ވަގުތަކަށް ބިލުކޮށްފައިވާ އަދަދުތަކުގައި ތަފާތުތައް ހުރުމުން، އޯޑަރުކުރި އަދަދާއި އޮކިއުޕަންސީ މައުލޫމާތު ފުރިހަމައަށް ލިޔެކިޔުމުން ބެލެހެއްޓުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ވެސް އޮޑިޓުގައު ފާހަގަކޮށްފައިވެއެވެ.

މިފަދަ ހާލަތްތަކުގައިވެސް ދައުލަތުގެ މާލީ ކަންކަމާ ހަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރިކުރުމާއި
އެ ފައިސާއިން ކުރެވޭ ހަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ކަންކަން ހިންގައި ބެލެހެއްޓުމަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ
ދަށުން އެފަރާތްތަކުގެ ޒިންމާއެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

ނަމަވެސް، ކެއުންބުއިމަށް ކުރި އޯޑަރުތައް ލިޔެކިޔުމުން ފެންނަން ނެތުމާއި ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން، ފައިސާދެއްކެނީ ލިބިފައިވާ ހިދުމަތަށްކަން ކަށަވަރުކޮށްފައި ނުވުމުން އެކަމުގައި މާލީ ޒިންމާދާރުވެރިޔާއާއި ފައިސާ ހަރަދުކުރަން ހުއްދަ ދޭ ފަރާތްތަކުން އެފަރާތްތަކުގެ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާކަމުގައި އޮޑިޓް އޮފީހުން ދެކޭ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައިވެއެވެ.

"އެހެންކަމުން، 30 ޖޫން 2020 ގެ ނިޔަލަށް ކެއުމުގެ ހިދުމަތަށް ދައްކާފައިވާ ފައިސާގެތެރެއިން 9،806،724 ހަރަދުކޮށްފައިވަނީ ހަގީގަތުގައިވެސް ލިބުނު ހިދުމަތަށްކަން ކަށަވަރުކުރެވިފައިނުވެއެވެ." އޮޑިޓުގައި ބުނެފައިވެއެވެ.

އެހެންކަމުން ކެއުމުގެ ހިދުމަތަށް އެދޭއިރު ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތަކަށް އޯޑަރުުދެވުނީ ކިހާ އަދަދެއްކަން އެނގޭގޮތަށް ދެފަރާތުގެ ސޮއި ހިމަނައިގެން ލިޔެކިޔުން ބެލެހެއްޓުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ އަންގައިފައެވެ.

އަދި ކޮންމެ ދުވަހަކު ކޮންމެ ފެސިލިޓީއެއްގައި ތިބޭ ފަރާތްތަކުގެ ތެރެއިން ކެއުމުގެ ހިދުމަތް ފޯރުކޮށް ދޭންޖެހޭ ފަރާތްތަކުގެ މައުލޫމާތު ލިޔެކިޔުމުން ބެލެހެއްޓުމަށް ވެސް އަންގާފައިވެއެވެ.

ކެއުން ބުއިމުގެ ހަރަދުތަކަށް ފައިސާ ދެއްކުމުގައި، ކަމާގުޅޭ ލިޔެކިޔުން އެކަށީގެންވާ ގޮތަށް ތައްޔާރުކޮށް ބަލަހައްޓާފައި ނުވާތީ މާލީ ޒިންމާދާރުވެރިޔާ އާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް ރިއާޔަތްކުރާއިރު، މި ފައިސާ ހަރަދު ކުރުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ މައްސަލަ މިނިސްޓްރީ އޮފް ފިނޭންސުން ބެލުމަށް ވެސް ވަނީ އަންގައިފައެވެ.

comment ކޮމެންޓް