އަޔާން އޮފީސް ބޭރުގައި ފޯނެއްގައި ހުރެފައި އެތެރެއަށް ވަންނަން ތަޅުގައި ހިފައިލި ވަގުތު މެސެޖެއް އައުމާއެކު ވައިބައިން އެ މެސެޖް ހުޅުވައިލިއެވެ. އޭގައި އޮތް ފޮޓޯ ފެނި އޭނާގެ ދެބުމަ ގާތް ވެގެން ދިޔައެވެ.

އަތުން ފޯނަށް ބާރުކޮށްލުމަށްފަހު, އޭނާ ހަމަޖެހިލުމުގެ ގޮތުން ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ރައުދާ ހުރީ އޮފީސް ދޮރުމަތީގައެވެ. ރައުދާ ކައިރީގައި ހުރި ކަމާލު ހުރީ އޭނާގެ ވާއަތުން ރައުދާގެ ކަނާއަތުގައި ހިފައްޓާލައިގެންނެވެ. ރައުދާއާ ކަމާލާ ދެމެދު އޮތް އެ ގުޅުން ގޮސްފައިވަނީ ކިހާ ހިސާބަކަށްކަން އަޔާންއަށް ވިސްނުމާއެކު, އޭނާގެ ބޮލުގައި ރިއްސައިލިއެވެ. އަދިވެސް އެހިތުގައި ރައުދާއަށްޓަކައި އިޙްސާސްތަކެއް ވާކަން ރަމްޒުކޮށްދެމުން ދިޔައީ އެ ދެލޮލަށް ޖަމާވެފައިވާ ކަރުނައެވެ.

ފޯނުން ނަޒަރު ވަކިކޮށްލާ ޖީބަށް ޖަހައިލަމުން އަޔާން އެތެރެއަށް ވަނެވެ. މިވަގުތު އެކަމާ ވިސްނުމަށްވުރެ ދިމާވެގެން އުޅޭ ހާދިސާއާ ވަގުތުގެ ނާޒުކުކަން މާ ބޮޑެވެ.

މީޑިއާއަށް މައުލޫމާތު ދިނުމަށް ފުލުހުންނާ ކުންފުނީގެ އިސްވެރިންގެ އިތުރުން އަރްޒަން އާއި އަޔާންއާ ދެމީހުންވެސް ހިމެނޭ ގޮތަށް ކުޑަ ނިއުސްކޮންފަރެންސް އެއް ބޭއްވުނެވެ. އެކި މީހުން އެކި ގޮތްތަކަށް އެ ހަބަރު ފަތުރަމުން ދިޔައީތީއެވެ. ކަމުގެ ދެކޮޅު ހޯދާ ބެލުމުގެ ބަދަލުގައި ދޮގު މައުލޫމާތު ފަތުރާތީއާ ވެސް އެކުގައެވެ. ނިއުސްކޮންފަރެންސް ނިންމައިލުމަށްފަހު، އަރްޒަން އަންވަރާ ވާހަކަ ދައްކައިލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އެހެން ހުރިއިރުވެސް އޭނާގެ ކޮނޑުގައި ކޮންމެވެސް ވަރަކަށް ރިހުން ހުއްޓެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވުނީ އުޅެން ޖެހުނުލެއް ބުރަކަމުންނެވެ.

ޖައުފަރުގެ ދަބަސް ބަލާ ފާސްކުރިއިރު ފުލުހުންނަށް ޖައުފަރު ސިހުރުހަދަން ބޭނުންކުރާކަމަށް ޝައްކުކުރެވޭ ލިޔެކިޔުންތަކަކާއި އެފަދަ ތަކެތި ފެނުމާއެކު އެކަމުގެ ތަހުޤީގުވެސް ކުރެވުނެވެ. އެ ތަޙުޤީޤުކުރުމުގެ ތެރޭގައި އާރާބް ވެސް ހިމެނޭ ގޮތަށް ފުލުހުންގެ ވަރަށް ޚާއްސަ ޓީމެއް ޖައުފަރުގެ ގެ ބަލާ ފާސްކުރަން ދިޔައެވެ.

"ނާވީ... " އާރާބް އެތެރެއަށް ހިނގައިގަންނަމުން އެ ޓީމުގައި ހިމެނޭ އިންވެސްޓިގޭޝަން އޮފިސަރއެއް ކަމަށްވާ ނާވީއަށް ގޮވައިލިއެވެ. ނާވީއަކީ ދާދިފަހުން އެ މީހުންނާ ގުޅުނު ޖޫނިއާރ އޮފިސާއެކެވެ. އާރާބް އެދަނީ ނާވީ ތަމްރީނުކުރަމުންނެވެ. ދެމީހުން ގޭތެރެއަށް ވަދެގެން ހުރި ދޮރުން އެތެރެއަށް ވަދެލިއެވެ. އެއާއެކު އެ ދެމީހުންގެ ނޭފަތުގައި ހަރުލީ، ފާޑެއްގެ ކުނި ވަހެކެވެ. އެ ވަހާއެކު ދެ މީހުންނަށްވެސް ނޭފަތުގައި އަތް އަޅައިލަން މަޖުބޫރުވިއެވެ. އެކަކު އަނެކަކަށް ބަލައިލުމަށްފަހު، ދެމީހުން އެއްފަރާތުގައި ހުރި ކޮޓަރިގަނޑު ހުޅުވާލާފައި ވަނެވެ. އެ ވަސް އަންނަނީ އެ ކޮޓަރިގަނޑުގެ ތެރެއިންކަން އެ މީހުންނަށް ޔަޤީން ކުރެވުނެވެ.

އާރާބް ޓޯޗު ދިއްލައިލާ އެތަނަށް އަލި ކޮށްލަމުން ފަރުވާތެރިކަމާއެކު މުޅި ކޮޓަރިތެރެއަށް ބަލައިލިއެވެ. ދުވަމުންދިޔަ ނުބައިވަހުން ނާވީއަށް އޯކާ ދެމެވުނެވެ. އެއީ އިންސާނަކަށް ކެތްކުރެވޭނޭ ވަހެއް ނޫނެވެ. ނާވީ ހިތްވަރުކޮށްފައި ކޮޓަރި ތެރެ ބަލައިލިއެވެ. އެއްފަރާތުގައި އޮތް ކުކުޅު މަރުވެފައި އޮތް އިރު އޭގައި ވަނީ ފުޅަ އަޅާފައެވެ. ފުޅަތައް މުޅިތަނުގައި ދުވަމުން ދިޔައެވެ. ފާރުގައި ވެސް ލޭތައް ހިކިފައި ހުއްޓެވެ. ނާވީ އަށް އެ މަންޒަރު ބެލުން ވީ އުނދަގޫ ކަމަކަށެވެ. އަނގަމަތީގައި އަތް އަޅައިލައިގެން އިރުކޮޅަކު ހުރުމަށްފަހު، ނާވީ އާރާބް ގާތު ބުނެލާފައި އެތަނުން ނުކުތްއިރު ހޮޑުލެވިއްޖެއެވެ. އެވަގުތު ބޭރުގައި ތިބި ދެ އޮފިސަރުންގެ ތެރެއިން އެކަކު ނާވީއަށް ބަލައިލުމަށްފަހު، ނާވީ ރަނގަޅުހޭ އަހާ ސުވާލުކޮށްލިއެވެ. ނާވީ ބޯ ޖަހައިލަމުން އެތަނުން އެކަކު ނާވީއާ ކައިރިއަށް ޖެހިލާ ކޮނޑުގައި ޖަހައިލުމަށްފަހު، އާރާބް ވަތް ކޮތަރިގަނޑުގެ ތެރެއަށް ވަނީ ނޭފަތުގައި އަތް އަޅާލައިގެން ހުރެއެވެ. ކަރުގައި ފިރުމައިލަމުން ނާވީ ކަރު ކެހިލިއެވެ.

އެދުވަހު ޖައުފަރުގެ ގެއިން ނުކުމެގެން ސްޓޭޝަނަށް އައިސް އާރާބް ބުނީ އޭނާ މިހާރު އެންމެ އިންތިޒާރުކުރަނީ އޮޓޮޕްސީ ރިޕޯޓް ލިބޭނޭ އިރަކަށް ކަމެވެ.

ހަފްތާއެއް ފަސް

*****

އެ ހާދިސާއަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް އެ ވާހަކަ ދިޔައީ ބާރުމިނުގައި ދެކެވެމުންނެވެ. އެއްބަޔަކު ކުންފުންނަށް އިނގިލި ދިއްކުރަމުން ދިޔައިރު، އަނެއްބައި މީހުން ދިޔައީ އެ މަރުގެ އެންމެ އަޑިއަށް ވާސިލްވުމަށް ގޮވާލާ ސޯޝަން މީޑިއާގައި އަޑު އުފުލަމުންނެވެ. އެ މަރުގެ ފަހަތުގައި ވަނީ ކޮންބައެއްގެ އިހުމާލެއްތޯ ބަލާ ޔަޤީން ކުރުމަށް ގޮވައިލަމުން ދިޔައެވެ.

އާރާބްމެންނަށް ލިބުނު ބަޔާންތަކުން އެނގުނު ގޮތުގައި އެއާރޕޯޓް ތެރޭގައި ވެސް އޭނާ އުޅުނީ ހަމަ ނުޖެހޭ މީހަކު އުޅޭ ގޮތަށެވެ. ވުމާއެކު އެ މީހުންނަށް ޖައުފަރަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ގޮތަށް ބުރަވެވުނެވެ. ޖައުފަރު ފްލައިޓް ތެރޭގައި އޭނާގެ ކަރުގައި އަމިއްލައަށް ހިފީތީއާ ވެސް އެކުގައެވެ.

*****

ނިދަން އޮށޯވެ އޮތް އާރާގެ ލޮލާ ނިދިވަނީ އެތައް ހާސް މޭލެއް ދުރުގައެވެ. އޭނާއަށް ވިސްނެނީ ޖިނާންއާ މެދުގައެވެ. ހިތުގެ ކަނަކުން ރަފްހާންގެ ޚިޔާލުތައް ފުހެލާ ޖިނާންއަށް ފުރުސަތުދޭން ގޮވަމުން ދިޔައެވެ. އެއީ އޭނާގެ ނަފުސަށް ލިބޭނޭ ލުޔެއްކަމުގައި ލޭނާރުތަކުގައި ދައުރުވަމުންދިޔަ ޖަޒުބާތުތައްވެސް އަންގަމުން ދިޔައެވެ. އެކަމާ ހެދި އާރާގެ ނަފުސުގައި ވަނީ ބުނެދޭން ނޭނގޭފަދަ އުނދަގޫކަމެކެވެ. އޭނާގެ ސިކުނޑިއާ ހިތާ ދެމެދު އުފެދިގެން އުޅޭ ހައިޖާނުގަނޑަށް ނިމުމެއް ގެންނާނެގޮތެއް އާރާއަކަށް ނުވިސްނުނެވެ. ހިތުގެ އެދުމަށް ދެކޮޅު ހަދަން މަސައްކަތް ކުރިނަމަވެސް އާރާއަށް އެކަން ކުރާކަށް ވެސް މިފަހަރު ފަސޭހައެއް ނުވިއެވެ. ޖިނާންއަކީ ކާކުކަން އޭނާއަށް އެނގޭއިރު އަދި އެއީ ގާތް އެކުވެރިއަކަށް ވާއިރު ޖިނާންއާ އެކު އުޅެން ކިތަންމެ ހާވެސް ފަސޭހަވާނޭކަމަށް އޭނާގެ ހިތް ވިސްނައިދެމުން ދިޔައެވެ. ޖިނާން އާރާދެކެ ވަނީ ހަޤީޤީ ލޯބިކަމާއި އެއީ އަމިއްލަ އެދުމެއްނެތް ސާފު ތާހިރު ލޯތްބެއްކަމުގައި އޭގެ ހިތް ވިސްނައިދެމުން ދިޔައެވެ. އާރާ ހައިރާންވީ އެ ހިތަށް ވެރިވާ އެފަދަ ކޮންމެ ޚިޔާލަކަށް މިފަހަރު އޭނާގެ ސިކުނޑިން ވެސް ތާއީދުކުރަމުން ދިޔައީތީއެވެ.

އޭނާ އެރޭ ވިސްނުމަށްފަހު، ޖިނާންއަށް ފުރުސަތެއް ދޭން ނިންމިއެވެ. ރަފްހާންގެ ޚިޔާލުތަކާ ދުރުވެވޭނީ އެގޮތަށް ކަންތައްކޮށްގެންކަން އޭނާގެ ސިކުނޑިއަށް ވިސްނުނީތީ އެވެ. ޖިނާން އޭނާއަށް ބޭނުންވާ ވަގުތު ދޭނޭކަމަށާއި، ޖިނާން އަކީ އޭނާއަށް އިތުބާރުކުރާނޭ މީހަކަށް ވާނޭކަން އޭނާއަށް ޔަޤީންވާތީއާ ވެސް އެކުގައެވެ. ރަފްހާންއާ ޖިނާންއާ ދެމީހުންގެ ހުރި ތަފާތު އޭނާގެ އަމިއްލަ ހިތަށް ވެސް ފަހުމް ވީތީއާވެސް އެކުގައެވެ. އެކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނީތީއާވެސް އެކުގައެވެ.

އޭނާ ވިސްނަން އޮވެފައި ޖިނާންއަށް މެސެޖެއް ލިޔެލިއެވެ. ޖިނާން ދެއްކި އެއްވެސް ވާހަކައަކުން ރުޅި ނާންނަކަމަށް ބުނެފައެވެ. ޚުދު އޭނާގެ ހިތުގައި ވެސް ޖިނާންއަށްޓަކައި ތަފާތު އިޙްސާސްތަކެއް އުފެދެން ފެށިކަމަށް ބުނެއެވެ. އޭނާ ބޭނުންވަނީ ރަފްހާންގެ ޚިޔާލުތަކުން ނުކުމެ އަލުން ޙަޔާތުގެ އާ ބާބެއް ފަށަން ކަމުގައި އާރާ ބުނެލިއެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތް ލޯތްބެއް އޭނާފަދަ އަންހެން ކުއްޖަކަށް ޖިނާން ފަދަ ކުއްޖެއްގެ ހިތުން ކަށަވަރު ކުރެވިފައިވާތީ އުފާވާކަމުގައި އާރާ ބުންޏެވެ. ޖިނާންއާއެކު އުޅެން އޭނާ ބޭނުންވަނީ ޖިނާންގެ އެއްބާރުލުންކަމަށާއި އެކުގައި އުޅެން ފެށުމުން އެ ދެމުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެން ދާނޭކަމުގައި ޤަބޫލުކުރެވޭކަމަށްވެސް އާރާ ބުނެލިއެވެ. ޖިނާންއަށްޓަކައި އިޙްސާސްތަކެއް ހަމަހަޤީގަތުގައިވެސް އުފެދިއްޖެކަމަށާއި އަދި އެއަށް ލޯބި އެ ލަފުޒުކިޔާ މާނަކުރަން އަވަސްނަމަވެސް އޭނާ ވެސް ޖިނާންއަށް ބޭނުންވާކަމުގައެވެ.

މެސެޖް ލިޔުމަށްފަހު، އެތައް އިރަކު އެއަށް ބަލަހައްޓައިގެން އާރާ އިނެވެ. އޭނާ އިނީ ދެ ވިސްނުމެއްގައެވެ. ޖިނާންގެ ޖަވާބު އަންނާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ހާސްވީވަރުން އޭނާއަށް ބޮޑުވާ އިނގިލީގެ ނިޔަފަތި ގަނޑު ހެފެން ފެށުނެވެ. ލޯ މަރައި ފިއްތާލައިގެން އިނުމަށްފަހު، އާރާ އެ މެސެޖް ޖިނާންއަށް ފޮނުވައިލިއެވެ. ފުންނޭވާއެއް ދޫކޮށްލިނަމަވެސް އަތްފައިގައި ވި މަޑުތުރުތުރު އެޅުމަށް ބަދަލެއް ނައެވެ. ހަށިގަނޑުގައި ވި ފިނިކަމަށް ބަދަލެއް ނައެވެ.

ފެންވަރާ ތާޒާވެލައިގެން އެނދުގައި އޮށޯވެލި ޖިނާންއަށް ސައިޑް ކަބަޑުމަތީގައި އޮތް ފޯނަށް މެސެޖެއް އައި އަޑާއެކު އެ ދިމާލަށް ބަލައިލެވުނެވެ. އޭނާ ތެދުވެ އެނދުގައި އިށީނދެލަމުން ފޯނަށް އައި މެސެޖު ހުޅުވައިލީ އާރާގެ މެސެޖަކަށް ވުމާއެކު އެ ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުންނެވެ. މެސެޖުގައި ވާއެއްޗެއް ކިޔައިލި ޖިނާންގެ ތުންފަތް މައްޗަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހިތަށް ފިނިކަން ލިބިއްޖެއެވެ. އާރާ އޭނާގެ މީހަކަށް ވާނޭ ކަމުގެ ފެހި ސިގްނަލް އޭނާގެ ސިކުނޑި ހިތަށް ދީފިއެވެ. އާރާގެ އެ މެސެޖަށް ދޭނޭ ޖަވާބެއް ނޭނގިފައި ޖިނާންއަށް އެތައް އިރަކު އނދެވުނެވެ.

"އިފް ސޯ ވިލް ޔޫ ބީ މައި ގާލް!" އެންމެ ފަހުން ހިތްވަރުކޮށްފައި ޖިނާން މެސެޖްލިޔެފައި ފޮނުވައިލިއެވެ. މާގިނަ އިރުތަކެއްނުވެ އާރާގެ މެސެޖެއް އޭނާއަށް ލިބުނެވެ.

"ޔެސް" އެތައް ފަހަރަކު ޖިނާންއަށް އެ ބަސް ތަކުރާރުކޮށް ކިޔައިލެވުނެވެ. އެތައް ދުވަހެއްގެ ފޮނި އުންމީދުތައް އޭނާއަށް ހާސިލްވި ކަމުގައި ހިތް އަންގައިދިނުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ތުންފަތް މައްޗަށް އެކަމުގެ ރަމްޒީ ހިނިތުންވުމެއް ވެރިވިއެވެ. އެކަނި އިނދެ ހުރިހާ ދަތެއް ފެންނަވަރަށް އޭނާއަށް ހީލެވުނެވެ. އުފާވީވަރުން އެއަށް ދޭނޭ ޖަވާބެއް ވެސް އޭނާއަށް ނޭނގުނެވެ. އާރާއަށްޓަކައި އޭނާ ހާދަހާ ދިގު އިންތިޒާރެއް ކޮށްފި އެވެ.

"އާރާ... އަހަރެން އުފާވީވަރު ބުނެދޭކަށް ވެސް ނޭނގެ! އަހަރެން ހަޤީގަތުގައި ވެސް އާރޫއަށް ހާދަ ދިގު އިންތިޒާރެއް ކޮށްފީމޭ. އަހަރެން އާރޫއަށް ބޭނުންވާ ޓައިމް ދޭނަން. ދުވަހަކުވެސް ކަމަކަށް މަޖުބޫރެއް ނުކުރާނަން..." ޖިނާން އެހެން މެސެޖެއްވެސް ފޮނުވައިލިއެވެ.

*****

ޖެހިގެން އައި ދުވަހު، ޒޭބާއަށް ރާކިންއާ ދިމާވީ ޑިއުޓީންނެވެ. އެ ދުވަހަކީ ރާކިން ސަސްޕެންޝަނަށްފަހު ، ވަޒީފާއަށް ނުކުތް ފުރަތަ ދުވަސް ވެސްމެއެވެ. މިވީ ދުވަސްތަކުގައި ޒޭބާ ރާކިންއަށް ވައިބާއިން އެތައް މެސެޖެއް ކުރިއެވެ. ރާކިން އެންމެ މެސެޖަކަށް ވެސް ރިޕްލައިއެއް ނުކުރެއެވެ. އޭނާ ގުޅާއިރު ނަންބަރުވެސް އޮންނަނީ ބްލޮކް ކޮށްލާފައެވެ. އެކަމާ ކިތަންމެ ދެރަވިޔަސް އަދިވެސް ޒޭބާއަށް އޭނާގެ ރުޅިގަނޑު ބޭލެނީ ޒީޝާންއަށެވެ. އޭނަ ގަބޫލުކުރާގޮތުގައި އޭނާއާއި ރާކިންއާ ދެމެދަށް އެރޭ ހުރަހަކީ ޒީޝާންއެވެ. އޭނާ ހުރި ނަޝްވާ އާ އެކުގައެވެ. ރާކިން ހަމަ ފެނުމާއެކު އޭނާ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ. ރާކިން އަޅާނުލާ ފަސްއެނބުރި ހިނގައިގަތުމާއެކު ޒޭބާ ވާހަކަ ދެއްކިއެވެ.

"ކިތަންމެ ވަރެއްވިޔަސް ރާކިންއަކަށް ޒީޝާންއެއް ނުލިބޭނެ. މިހާރު ޒީޝާންއަކީ އަރްޒަންގެ މީހެއް!" ޒޭބާގެ މަޤްސަދަކަށްވީ ރާކިން ރުޅިއަރުވައިލުމެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ. ރާކިންގެ އަތް މުށްކެވިގެން ދިޔަތަނާ އެއަށް އަވަސް އަވަހަށް ޖީބަށް ޖަހައިލިތަން ޒޭބާއަށް ފެނުނެވެ. އޭނާގެ ތުންފަތް މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. ރާކިންގެ ލޯބި އެގޮތަށް ނުހޯދޭނޭކަން ޒޭބާއަށް ނުވިސްނެނީ ކަންނޭނގެ އެވެ. ލޯތްބަކީ ގަދަބާރުން ހާސިލް ކުރެވޭނޭ އެއްޗެއްކަން އޭނާއަށް ނޭނގެނީ ކަމަށްވެސް ވެދާނެއެވެ.

"ތިހެން ހަދައިގެން ޒޭބްއަށް ރާކިން ލިބޭނެތަ؟" ރާކިން ފިޔަވަޅުތައް އަވަސްކޮށްލާ އެ ދެމީހުންނާ ދުރަށް ހިނގައިގަތުމާއެކު ޒޭބާ ކައިރީގައި ހުރި ނަޝްވާ ވާހަކަ ދެއްކިއެވެ.

"އޭނައަށް އެއްޗެއް ވިސްނޭނީ އޭރުން!" ޒޭބާ ބުނެލިއެވެ. އޭނާ ނަޝްވާއަށް ބަލައިލިއެވެ.

*****

ޑިއުޓީ ނިންމާލާފައި އައި ޒީޝާން ހުރީ ފެންވަރާ ތާޒާވެލަން ބޭނުންވެފައެވެ. އޭރު ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ގޭތެރޭގައި އެކަކުވެސް ފެންނާކަށް ނެތެވެ. ކޮޓަރިއަށް ގޮސް ކުޑަދޮރު ލައްޕައިލާ ނިދަން ލާހެދުން ނަގައިގެން އޭނާ ވަނީ ފާޚާނާއަށެވެ. ފެންވަރާލައިގެން ނުކުމެ އެނދުގައި އޮށޯވެލުމަށްފަހު، ޒީޝާން އޭނާގެ ފޯނު ނަގާ އަރްޒަންއަށް ގުޅައިލިއެވެ. ކަންފަތުގައި ފޯނު ޖައްސައިލި ޒީޝާން ސިއްސައިގެން ދިޔައީ ވަރަށް ބާރަށް އެއްޗެއް ޖެހުނު އަޑު އިވިފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު