އަމިއްލަ މީހެއްގެ ބިމުގައި ކޮވިޑް ފެސިލިޓީ ހެދުމުން ދައުލަތަށް ގެއްލުންވުމުގެ ބިރު

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީ --- ފޮޓޯ/ އެސްޓީއޯ

ކޮވިޑް19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް، އަމިއްލަ މީހެއްގެ ބިމުގައި ކޮވިޑް ފެސިލިޓީ ގާއިމުކޮށްފައިވާތީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް މިހާރު ވަނީ އާންމުކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ޑިޒާސްޓާއިން ކުރި ހަރަދުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް19 ގައި ބަލިވާ މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާޗުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާ ދެމެދު ވެފައިވާ "ހޭންޑް އޯވާ" އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން 42،071 އަކަ ފޫޓުގެ ބިމާއި އެބިމުގައިވާ އިމާރާތްތައް އެންޑީއެމްއޭއާ ހަވާލުކޮށްފައިވެއެވެ.

ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އިން ދޫކޮށްފައިވާ، 4،315،153.75 އެމެރިކާ ޑޮލަރުގެ ލޯނަކަށް، ރަހުނު ކޮށްފައިވާ ތަނެއްކަން އޮޑިޓުގައި ފާހަގަކޮށްފައިވެއެވެ.

އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ހައްގު މޮރިޝަސް ކޮމާޝަލް ބޭންކަށް ސިވިލް ކޯޓުގެ ގަޒިއްޔާއަކުން ވަނީ ލިބިދީފައެވެ.

އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިންމުމާ ގުޅިގެން، އެޗްޑީސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކް އާދެމެދު 24 މާޗުގައި ހޭންޑް އޯވާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓު ސްޓްރަކްޗާއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން
އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޮޑިޓުގައިވެއެވެ.

އަދި އެ އެއްބަސްވުމުގެ މުއްދަތަކީ ތިން މަސް ދުވަސް ކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެ ފެސިލިޓީ އެ ބިމުގައި ގާއިމުކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެންޑީއެމްއޭ އިން އޮޑިޓަށް މައުލޫމާތުު ދީފައިވެއެވެ.

އޮޑިޓުގައި ބުނެފައި ވަނީ މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި އެތަން ބަދަލުކުރުމަށާއި، އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި އެހެނިހެން ހަރަދުތަކަށް، 30 ޖޫން ގެ ނިޔަލަށް ދައުލަތުން ޖުމްލަ 24،194،156 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

އެއީ މެޑިކަލް ފެސިލިޓީއަކަށް އިމާރާތް ބަދަލުކުރުމަށް ހަރަދުކުރި 4،687،967 ރުފިޔާ އާއި، މެޑިކަލް އިއުޕްމަންޓާއި، އެހެނިހެން ހަރަދުތަކަށް ހޭދަކުރި 19،506،188 ރުފިޔާއެވެ.

އަދި އެތަނަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން ކޮވިޑް19 ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ހަރަދުކުރުން އެކަށީގެންވާތީ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެބިމާ އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އޮޑިޓުގައި ވަނީ ލަފާދީފައެވެ.

އަދި ދައުލަތުން އެތަނަށް ހޯދި މުދަލުގެ ތަފްސީލު އެނގޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބެލެހެއްޓުމަށް ވެސް ވަނީ އަންގައިފައެވެ.

comment ކޮމެންޓް