އެންޑީއެމްއޭ އޮޑިޓް: ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނީ އެތައް ގުނައެއް ބޮޑު އަގުގައި!

ކޮވިޑް19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައިވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި ކަމާއި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން
ހާމަވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ އިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް މިހާރު ވަނީ އާންމުކޮށްފައެވެ. އޮޑިޓު ރިޕޯޓުގައި ޑިޒާސްޓާއިން ކުރި ހަރަދުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ބާޒާރުގައި ތަކެތީގެ އަޑު އުފުލެން ފެށުމާއެކު، އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރިއެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައި ފިޔާ އަދި އަލުވި ކިލޯއެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 20 ރުފިޔާ ކަމަށާއި، ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑުކޮށް ވިއްކޭނީ 45 ރުފިޔާ އަށް ކަމަށާއި އަދި ބިހެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.80 ކަމަށް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ.

އެހެން ނަމަވެސް އެންޑީއެމްއޭގެ އޮޑިޓުން ހާމަވެފައިވާ ގޮތުގައި، ކަރަންޓީނު ފެސިލިޓީތަކާއި ހާލުގައި ޖެހުނު މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެ ތަކެތި ގަނެފައި ވަނީ ކޮންޓްރޯލް ކުރި އަގަށްވުރެ ބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.

އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެންޑީއެމްއޭ އިން ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު ގަނެފައިވަނީ، އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 23،457 ރުފިޔާ އަގުބޮޑުކޮށެވެ.

ހަމައެއާއެކު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އެންޑީއެމްއޭ އިން ގަނެފައިވާއިރު، އޭގެ ތެރެއިން ބައެއް ތަކެތި ގަނެފައިވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައެވެ.

އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ތެރެއިން އަގު ބޮޑުކޮށް ގަނެފައިވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައި ވަނީ ވަޅޯމަސް، މަސްދަޅު ކޭސް، ރިހާކުރު، މިލްކް ޕައުޑަރު، އަސޭމިރުސް، ހިކިމިރުސް، މޭވާ، ލުއި ބުއިން، ތާޒާ ކަނޑު މަސް އަދި ޗިކަން ބޭކަން އެވެ.

އެ ތަކެތި ގަނެފައިވަނީ އަސްލު ޖެހޭ ޖުމްލަ އަގަށްވުރެ 224،546 ރުފިޔާ އަގުބޮޑުކޮށް ކަން ވަނީ ހާމަވެފައެވެ.

އޮޑިޓުން އެ ހިސާބުތައް ހަދާފައި ވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންނާއި އެކި ސަޕްލަޔަރުންގެ ފަރާތުން ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

އެހެންކަމުން އިކޮނޮމިކް މިނިސްޓްރީން އަގު ކޮންޓްރޯލްކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރާ ޖަމާކުރުމަށް ވަނީ އަންގައިފައެވެ.

އަދި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް ވެސް އޮޑިޓުގައި ލަފާދީފައިވެއެވެ.

ހަމައެއާއެކު ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރި
އަގު އަޅާކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށް ވަނީ އަންގައިފައެވެ.

އަގު ކޮންޓްރޯލްކޮށްފައިވާ މުދަލެއް، އަގުބޮޑުކޮށް ވިއްކައިފިކަމަށް ފާހަގަކުރެވޭ ފުރަތަމަ ފަހަރު، އެ ފަރާތެއް 100,000 ރުފިޔާއިން ތަކުރާރުކުރާ ކޮންމެ ފަހަރަކު 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަށް ވިޔަފާރިކުރާ ތަން ބަންދުކުރުމަށް އެންގޭނެ އެވެ.

comment ކޮމެންޓް