ހިޔާ ފްލެޓުތަކާ ގުޅޭ 3068 ޝަކުވާ، ޖަވާބު ދިނުމުގެ މަސައްކަތް ފަށައިފި

ހިޔާ މަޝްރޫއުގެ ފްލެޓްތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ހިޔާ" މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުގެ މުއްދަތު ހަމަވުމާއި ގުޅިގެން، އެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ ފްލެޓް ކޮމިޓީއިން ވަނީ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މައްސަލަ ބެލުމަށްފަހު، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ އޯގަސްޓް 24 ވަނަ ދުވަހުއެވެ.

އެ ކޮމިޓީއިން އާންމުކޮށްފައިވަނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ) ކެޓަގަރީއާއި H5 (ޓީޗަރުންނަށް ހާއްސަ) ކެޓަގަރީއާއި H8 (މާލޭ ރަށްވެހިންނަށް ހާއްސަ) ކެޓަގަރީއާއި H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ) ކެޓަގަރީ އެވެ.

ފްލެޓް ކޮމިޓިން މިއަދު ބުނީ އެ މުއްދަތުގެ ތެރޭގައި ޖުމްލަ 3,068 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 2,430 ޝަކުވާއަކާއި، އެހެން ފަރާތަކަށް ލިބިފައިވާ ޕޮއިންޓާއި މެދު ހުށަހަޅާފައިވާ 140 ޝަކުވާއަކާއި، ފޯމު ހުށަހެޅުމަށް ޝަރުތު ހަމަނުވާ ލިސްޓުގައި ހިމެނިގެން ހުށަހަޅާފައިވާ 57 ޝަކުވާއަކާއި، "އިތުރު ކޮމެންޓްސް" ގެ ގޮތުގައި ދީފައިވާ މައުލޫމާތާއި ގުޅިގެން ހުށަހަޅާފައިވާ 85 ޝަކުވާއަކާއި، މައުލޫމާތުގައި ކުށެއް އޮވެގެން ހުށަހަޅާފައިވާ 78 ޝަކުވާއެއްގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ހުށަހަޅާފައިވާ 278 ޝަކުވާއެއް ކަމަށް އެ ކޮމިޓިން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ހަތަރު ކެޓެގަރީގެ ވަގުތީ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއެއް މެދުވެރިކޮށެވެ.

ޝަކުވާ ހުށަހެޅުގެ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތައް ބަލައި، އެ ޝަކުވާތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން މިހާރު ފަށާފައިވާއިރު، އެ ކެޓެގަރީތަކުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓުތައް އެކުލަވައިލުމުގައި އެ ޝަކުވާތަކަށް ރިއާޔަތްކުރާނެ ކަމަށް ވެސް އެ ކޮމިޓީން ބުންޏެވެ.

comment ކޮމެންޓް