އެންއައިސީއަށް އައްޔަންކުރަން މަޖިލީހަށް ނަންތަކެއް ފޮނުވައިފި

ރައްޔިތުން މަޖިލިސް ކުރާ ގެ -- ސަން ފޮޓޯ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްގެ މަގާމުން އަހްމަދު ސުލައިމާން ވަކިކުރުމާ ގުޅިގެންނެވެ.

ސުލައިމާން ވަކިކުރުމަށް މަޖިލީހުން ލަފާދިން ގޮތަށް، ރައީސް، އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ އޯގަސްޓް މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އެންއައިސީގެ ހުސްވެފައިވާ އިތުރު ތިން މަގާމަކަށް 17 ފަރާތަކުން ވަނީ ކުރިމަތިލައިފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް، އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.

އެންއައިސީއަށް މިދިޔަ ސަރުކާރުގައި އައްޔަނު ކޮށްފައިވާ ހަތަރު މެންބަރަކު ވަކި ކުރަން ރައީސް ސޯލިހަށް ލަފާ އަރުވަން މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރި އެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނިކޮށް ސުލައިމާނު ފިޔަވައި އަނެއް ތިން މެމްބަރުން ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ.

އެ ތިން މެންބަރުންނަކީ އެ ކޮމިޝަނުގެ ނައިބު ރައީސް ހައްސާން ހަމީދާއި މެމްބަރު އަހްމަދު އަމީންގެ އިތުރުން ހަދީޖާ އަބްދުﷲ އެވެ.

comment ކޮމެންޓް