ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގެ ނަތީޖާ އެބަފެނޭ: ފައްޔާޒު

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެތައް ޒަމާންތަކަކަަށް ދެމިގެން ގޮސްފައިވާ މައްސަލައެއްގެ ގޮތުގައި ސިފަ ކުރެވިފައިވާ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ވަރަށް ކާމިޔާބުކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބިދޭސީންގެ މައްސަލައަކީ ވަރަށް ގިނަ ދުވަސް ވަންދެން ދޫކޮށްލެވި، ވަރަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް އޭގެ ވަށައިގެންވާ މައްސަލައެކެވެ.

"މިދިޔަ ވިއްސަކަށް އަހަރު ދުވަސްތެރޭ އުފެދިގެން ގޮސްފައިވާ ކަމެއް މިއީ. އަޅުގަނޑު އެކަން ހައްލުކުރަން މި ފެށީ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ނަތީޖާ ހަމަ ވަރަށް ރަނގަޅު. ރަނގަޅުކަމަށް މި ދެކެވެނީ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނަށް މިކަން ނުކުރެވޭނެއޭ ބުނެފަ އޮއްވާ މިކަން ފެށިއްޖެ. އަޅުގަނޑުމެންނަށް މޮރެޓޯރިއަމްއެއް ގެނެވިއްޖެ." މިނިސްޓަރު ފައްޔާޒު ފާހަގަކުރެއްވި އެވެ.

މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށް ދަންނަވާ ބައެއް ސަބަބުތަކަށް އަލިއަޅުވާލަމުން މިނިސްޓަރު ވަނީ ސަރުކާރުގެ ރީރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ނަތީޖާ ފާހަގަކޮށް، ރާއްޖެއަށް އަލަށް އެތެރެވާ ބިދޭސީންގެ އަދަދު މަދުކޮށް، ކޯޓާ ވައްކަން ފަދަ މައްސަލަތަކަށްވެސް ހައްލެއް ހޯދިފައިވާކަމަށް ވިދާޅުވެފަ އެވެ.

43،000 އަށް ވުރެ ގިނަ ބިދޭސީން ގަވާއިދަށް ފެއްތިއްޖެ!

މިނިސްޓަރު ވިދާޅުވިގޮތުގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަކީ އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓުގައިވާ މުހިންމުކަމެއް ކަމުގައިވާއިރު އެ މަސައްކަތާއި ހަވާލުވިފަހުން ގިނަ އަދަދެއްގެ ބިދޭސީން އަބުރާ ގާނޫނީ އިމުގެ ތެރެއަށް ގެނެވިފައިވާކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރަމުންދިޔަ މަސައްކަތަށް އޭރުވެސް ގޮންޖެހުންތަކެއް ހުރިއިރު ކޮވިޑާ ހެދި އެކަން މުޅިންހެން މަޑުޖެހިގެން ދިޔަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"43،000 މީހުން އަޅުގަނޑުމެންނަށް ރެޖިސްޓްރީ ކުރެވިއްޖެ. އޭގެ ވެރިފިކޭޝަންއާ ޑޮކިއުމެންޓޭޝަންގެ މަރުހަލާއަށް ދާން އުޅެނިކޮށް ކޮވިޑު ޖެހިގެން އެކަންތައް ވަރަށް ބޮޑަށް ލަސްވެގެން ދިޔައީ. ފިޒިކަލީ އެކަން ކުރެވޭނެ ގޮތެއް ނެތުނީ. އެކަމަކު މިހާރު އަނެއްކާވެސް މަހެއްހާ ދުވަސް މިވަނީ އަނެއްކާ އަލުން ފަށައިގެންތާ، ތަންކޮޅެއް މަދު އަދަދަކުން ދުވަހަކުން ދުވަހެއް މިދަނީ" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދާ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތްކަން ގަބޫލުކޮށް އެ "ޕޫލް" ދެނެގަނެ، އެކަމަށްޓަކައި ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ވަޒީފާ ދޭ ފަރާތްތަކުންވެސް ބިދޭސީން ރެޖިސްޓްރީކުރުމަށް އަހައްމިއްޔަތުކަން ދީ އެކަން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެގޮތުން 9،000 އެއްހާ މީހުން ރެގިއުލަރައިޒް ކުރުމަށް އެމީހުންނަށް ވަޒީފާ ދިން ފަރާތްތަކުން ހުށަހަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އޭގެ އިތުރުންވެސް ސީދާ ލިޔެކިޔުން ނެތް ބިދޭސީންގެ ތެރެއިން 7،000 އާއި ގާތްކުރާ އަދަދަކަށް މީހުން އަބުރާ ގައުމަށް ފުރުވާލެވިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެވެސް ވަރަށް ބޮޑު އަދަދެއް އިނގޭތޯ، ޓޯޓަލް ހިސްޓަރީއަށް ބައްލަވާ، އެ ޕްރޮގްރާމް ހަމަ އެ ކުރިޔަށް ދަނީ. ބަންގްލަދޭޝްގެ ސަރުކާރުގެ އެސިސްޓެންސާއި އެއްކޮށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ އެއް ދުވަހުން ނުވަތަ ދެ ތިން ދުވަހުން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަކީ ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކަށްވެސް ބޭނުންތެރި ބައެއް ކަމަށެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އެއް ދުވަހުން ތިކަން ނިމެންޖެހޭނެއޭ. ކީއްވެހޭ ތިކަން ނުވާންވީ. އެހެންވާކަމެއް ނޫން އެއީ، އެހެނެއް ނުވާނެ. އަޅުގަނޑުގެ ބޭނުމަކީ މީތި ރެގިއުލޭޓްކޮށްގެން ކޮރަޕްޝަނަށް މަގުފަހި ނުވާ ގޮތަކަށް މިކަން ކުރުން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

މެއި 12، 2020: މާލޭގެ ބާޒާރު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރި ވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އެއްވެސް ހާލެއްގައި ގަދަކަމުން ބިދޭސީން ފޮނުވާނުލާނޭކަމަށް އަދި ގިނަ އަދަދެއްގެ ބިދޭސީން އަމިއްލައަށްވެސް އެނބުރި ގައުމަށް ދާން ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވުމާއެކު ރާއްޖެއިން އަމަލުކުރާ ބައިނަލްއަގްވާމީ މުއާހަދާތަކެއް ހުރި އިރު ސަރުކާރުން ގަދަކަމުން ބިދޭސީން ފޮނުވާލަން ޖެހޭނެތޯ މިނިސްޓަރު ސުވާލުއުފެއްދެވި އެވެ.

"އަޅުގަނޑުމެންނަށް އިންޓަނޭޝަނަލީ ބްލެކްލިސްޓް ވީމަ، ހިތަށް ނާރާވަރުގެ ދަތިކަން އަންނާނެ ކަންތައްތަކެއް އެބަ ހުރޭ. އެހެންވީމަ ހުރިހާ އެއްޗެއްކަށް ބަލައިގެން އަޅުގަނޑުމެން މި ގެންދަނި ވަރަށް ޕްލޭންކޮށްގެން. ދާން ބޭނުންވޭ އެމީހުން އިނގޭތޯ. އެމީހުންގެ ޓްރެވެލް ޑޮކިއުމެންޓް ފެސިލިޓޭޓް ކުރެވޭ ވަރަކަށް ދާން ބޭނުންވާ ބައިވަރު މީހުން އެބަތިބި. އެހެންވީމަ ކީއްކުރަންތޯ ކޮންމެހެން ގަދަކަމުން ކުރަންވީ؟ ދާން ބޭނުން މީހުން ފުރަތަމަ ފޮނުވާލާނީ ނޫންތޯ؟" މިނިސްޓަރު ވިދާޅުވި އެވެ.

އެކޮމޮޑޭޝަން ގައިޑްލައިން ތަންފީޒުކުރީމަ ތޮއްޖެހިގެން އުޅޭ އުޅުން ހައްލުވާނެ!

ބިދޭސީން ދިރިއުޅޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުގެ ގަވާއިދެއް އިކޮނޮމިކް މިނިސްޓްރީއިން ވަނީ އޭޕްރިލް 14 ވަނަ ދުވަހު އާންމުކޮށްފަ އެވެ. އެ ގަވާއިދަށް އަމަލުކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އިންޓަވިއުގެ ތެރެއިން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި އެކޮމޮޑޭޝަން ގައިޑްލައިންތައް ތަންފީޒުކުރަން ފެށުމުން ތޮއްޖެހިގެން އެއް އެކޮމޮޑޭޝަން ތެރޭގައި ދަތި ހާލުގައި ބިދޭސީން ދިރިއުޅެންޖެހޭ މައްސަލައަށް ހައްލެއް ލިބިގެންދާނެ އެވެ.

"އޮކްޓޯބަރު މަހުން ފެށިގެން އަޅުގަނޑުމެން ފަށާނަން އެކޮމޮޑޭޝަން ގައިޑްލައިން ތަންފީޒުކުރަން. އޭގެ މާނައަކީ އިންސާނުން ގެންގުޅޭ ލެވެލްއެއްގައި ގެންގުޅެން މަޖުބޫރުވާނެ ދެން އެމްޕްލޯޔަރުންނަށް. އަޅުގަނޑުމެން ބަލާނަން. މިހާރު މިދަނީ އެކަމަށް އިންސްޕެކްޓަރުން ނެގުމުގެ މަސައްކަތްވެސް ކުރަމުން. ކުރިޔަކުން ނުތިބެ މިތާ އިންސްޕެކްޓަރުން، އެންމެ އިންސްޕެކްޓަރެއް މި މިނިސްޓްރީގައި ހުންނާނީ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

https://sun.mv/134705

މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން ހުރި ގޮތުންނަމަ ކޮންމެ ތަނެއްވެސް އިންސްޕެކްޓް ކުރަން ދާން އެ މިނިސްޓްރީގައި ހުންނަނީ އެންމެ އިންސްޕެކްޓަރެކެވެ. އެހެންވުމުން ދަތިތައް ކުރިމަތިވިޔަސް މިހާރު މާލީ ގޮތުން ކޮންމެވެސް ވަރެއް ވުމާއެކު އިތުރު އިންސްޕެކްޓަރުން ނަގައި އެ މަސައްކަތްވެސް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ އެއްކަލަ ޓްވިޓާ ތަންތާގައި ޖައްސާ އެ މައްސަލަަތައް އަޅުގަނޑުމެންނަށް ނޯވޭ ބެލޭކަށް. ކިހިނެތްތޯ ދާނީ އެންމެ މީހަކަށް ކިހިނެތް ތޯ ކުރާނީ އެކަން؟" މިނިސްޓަރު ވިދާޅުވިއެވެ. ތަންތަން އިންސްޕެކްޓް ކުރާއިރު އަމިއްލަ ފަރާތުގެ އެމްޕްލޯޔަރުން ބައިތިއްބާ ތަނެއް ނަމަ އެކޮމޮޑޭޝަން ގައިޑްލައިނަށް ދެތޭތޯ ބަލާނެކަމަށް އަދި އެފަދަ އޮކޮމޮޑޭޝަން ސާވިސްއެއް ބޭރު މީހުންނަށް ދޭ ކަމުގައިވާނަމަ ރެޖިސްޓްރީ ކުރަން ޖެހޭނޭކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރެޖިސްޓްރީ ކުރީމަ އަޅުގަނޑުމެން އެތަން ޗެކު ކުރާނަން. މިންގަނޑަށް ފެތޭތޯ. އެއީ އެއްކަލަ މާލޭގެ ތަންތާގައި ތިބޭ ނޫންތޯ 40-50ން މީހުން ކުޑަ ކުޑަ ކޮޓަރީގައި ދިރިއުޅެން ޖެހޭ. އެކަން ހުއްޓުވޭނެ އޭރުން."

ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަނެއް --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މޭވާ ފަދަ ތަކެތި މާލެ ތެރޭގައި ވިއްކުމުގެ މައްސަލައަށްވެސް ހައްލެއް ހޯދުމަށް ގަވާއިދެއް މިހާރު ނެރެފައިވާކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން އެ ގަވާއިދުގެ ދަށުން އެކަން ރެގިއުލޭޓްކޮށް ދިވެހިން ކުރާއިރު ބިދޭސީން ބައިތިއްބައިގެން މަސައްކަތްކުރެވޭނީ އެކަމަށް ބޭނުންވާ ހުއްދައާއި ވިސާ ނަގައިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ތަނުގައި ވަކި ފެންވަރެއް ހުންނަން ޖެހޭނެ. 30 ދުވަހުގެ މުހުލަތެއް، އަޅުގަނޑު ހަދާންވާގޮތުން އޮންނަނީ ރެޖިސްޓްރީކުރުމަށް، އޭގެ ފަހުން އަޅުގަނޑުމެން އޭތި އެންފޯސްކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.

ކޯޓާ ވައްކަމުގެ ވާހަކަ، މާޒީގެ ތެރެއަށް!

ކުރިން ވަރަށް ބޮޑަށް ޖެހުނު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކޯޓާ ވައްކަމުގެ މައްސަލަވެސް ވަރަށް ބޮޑަށް ހައްލުކުރެވިފައިވާކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ. އަދި މިނިސްޓްރީގެ ސިސްޓަމްތައް އިތުރަށް އެފިޝެންޓްކޮށް ކޮރަޕްޝަނަށް މަގުފަހިނުވާނޭހެން ބައްޓަންކުރުމަށްވެސް މަސައްކަތް މިހާރު ކުރިޔަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިހާރު އަޑުއަހަންތޯ ކޯޓާ ވައްކަމުގެ ވާހަކަ؟ ވަރަށް އަޑެއް ނީވޭނެ. އެ އެއްޗިހި އަޅުގަނޑުމެން ސްޓްރީމްލައިން ކުރަނީ. ކޮންމެ މީހަކަށްވެސް އިނގޭނެ މިހާ ވަރަކަށް ކޯޓާ ލިބޭނެކަން މިވެނި ކަމަކަށް. އޭގެ ބޭރުން އުޅެން ވެއްޖިއްޔާ މި ގޯސް މި އަންނަނީ އަބަދުވެސް." މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓްރީގެ އޮންލައިން ސިސްޓަމްތައްވެސް މިހާރު "ހަގީގީ" އޮންލައިން ސިސްޓަމްތަކަކަށް ބަދަލުކުރުމުގެ މަސައްކަތްކޮށް އެކަމަށް ޓެސްޓުކުރަމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެ ޙިދުމަތް މި މަސް ތެރޭގައި ފޯރުކޮށްދެވެން ފެށޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއާއެކު މަސައްކަތް ހަރުދަނާވެ ކޮރަޕްޝަނަށް ހުންނަ މަގުތައްވެސް ބަންދުވާނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެކަހަލަ ބައިވަރު ސިޔާސަތްތަކުގެ ތެރެއިން އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ދުވަހަކުވެސް އޭގެ ނަތީޖާ ފެންނަމުން މިދަނީ. ދެން އޮވާނައިޓަކުން މިކަން އަޅުގަނޑަކަށް ނުކުރެވޭނެ." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުން ޒަމާންވީ ދިގު މައްސަލައެއް ހައްލުކުރުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފަ އެވެ. ސަބަބަކީ ކޮވިޑުގެ ހާލަތާއިއެކުގައި ވެސް އެކަންކަން ހާސިލުކުުރުމަށް ކުރާ ހުރިހާ މަސައްކަތަކާއި ހޯދަން ޖެހޭ ހުރިހާ ވަސީލަތެއް ހޯދުމުގެ އިތުރުން މަޑު މަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައި ކުރިއެރުންތައް ލިބެމުންދާތީވެކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް