ކޮވިޑާ ހެދި ޑިމޮކްރަސީ އިން ކަށަވަރުކޮށްދޭ ހައްގުތަކަށް ވަނީ ބުރޫ އަރާފައި: ރައީސް

ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19ގެ ސަބަބުން ޑިމޮކްރަސީ އިން ކަށަވަރުކޮށްދޭ ކިތަންމެ ހައްގެއް، އޭގެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސް އެޅިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ފޮނުއްވި ހިތޯބުގައި ރައީސް ވިދާޅުވީ މި އަހަރުގެ ޑިމޮކްރަސީ ދުވަސް ބައްދަލުކުރީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަނދިރިކަން މުޅި ދުނިޔެއަށް ފެތުރި، ގައުމުތަކުގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް، މުޅިންހެން ހުއްޓިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި، ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ދައުލަތުގެ ހުރިހާ ގުނަންތައް އެއް އުސޫލަކުން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

"މި ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މިދަނޑިވަޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރެއިން، ދިވެހި ދައުލަތުގެ އެންމެހައި ގުނަންތައް، އެއް ހަށިގަނޑެއް ފަދައިން މަސައްކަތް ކުރުމަކީ، ގައުމުގެ މަސްލަހަތަށްޓަކައި ނުހަނު ބޭނުންތެރި ކަމެއް،" ރައިސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމޮކްރަސީ ގާއިމުވެފައިވާ ދައުލަތެއްގައި، ރައްޔިތުންނަށް ގިނަ ހައްގުތަކެއް ލިބިގެންވާކަން، ގަބޫލު ކުރައްވާ ކަމަށާއި އެ ހައްގުތަކާއެކު، ރައްޔިތުންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތްކުރަން ތިބި، ދައުލަތުގެ މުވައްޒަފުންގެ ކޮނޑުގައިވެސް، މަސްއޫލިއްޔަތުތަކެއް އެޅިގެންދާކަން ގަބޫލުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"ޑިމޮކްރަސީއަކީ، ރައްޔިތުންގެ ތެރެއިން ރައްޔިތުން އިހުތިޔާރުކުރާ ބަޔަކު، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނަށްޓަކައި ދައުލަތް ހިންގައިދިނުން ކަމުގައި ބުނެވެނީ، މި ދެންނެވި ހައްގުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ގެތިފައިވާ ސިލްސިލާގެ ބަދަހިކަމުން. ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި ދެންނެވި ސިލްސިލާގެ ގުޅުމަށް ވަނީ ބުރޫއަރާފައި. ޑިމޮކްރަސީން ކަށަވަރުކޮށްދޭ ކިތަންމެ ހައްގެއް، އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިގަތުމަށް ހުރަސްތަކާއި ދަތިތަކެއްވަނީ މެދުވެރިވެފައި،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، މި ހާލަތުގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، އިންސާނީ ހައްގުތައް ފުރިހަމައަށް ރައްކާތެރި ކޮށްދިނުމަށް ކަމަށް ރައިސް ވިދާޅުވި އެވެ.

".އޭގެ ތެރެއިންވެސް އެންމެ އިސް ހައްގު ކަމުގައިވާ، ފުރިހަމަ ސިއްހަތެއްގައި ދިރިހުރުމުގެ ހައްގަށް އުނިކަމެއް އަޔަނުދިނުމަކީ، މި ހާލަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

ރަައީސް ސޯލިހު ވިދާޅުވީ ޑިމޮޮކްރަސީގެ ފުރިހަމަ މަންފާ އަލުން އަނބުރާ ހޯދުމަށްޓަކައި، ގަދައަޅައި މަސައްކަތް ކުރަންވީ، ކޮވިޑް-19ގެ ނުރައްކަލުން ވީ އެންމެ އަވަހަކަށް މިންޖުވުމަށް ކަމަށެވެ.

ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފަރުދީ ޒިންމާގެ ދައުރު ފުޅާކޮށް، އިޖުތިމާއީ ގައިދުރުކަމަށް އިސްކަން ދިނުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. އަދި އިގްތިސޯދަށް ދިރުން ގެނައުމަށް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

comment ކޮމެންޓް