މިހާރު އެތެރެވަނީ ވިސާ އޮންނަ ވަރަށް މަދު ބިދޭސީން: މިނިސްޓަރު

ޖުލައި 15، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިހާރު އެތެރެވާ ބިދޭސީންނަކީ ވިސާ އޮންނަ ޑޮކިއުމެންޓްތައް ހަމަ، މަދު އަދަދެއްގެ ބައެއް ކަމަށާއި އެއީ އަލަށް ރާއްޖެއަށް އެތެރެވާ ބައެއް ނޫންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ފައްޔާޒް އިއްޔެ "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މިއީ ގިނަ ރައްޔިތުންތަކަކަށް އޮޅިފައި އޮންނަ ކަމެއް ކަމަށާއި އަދި ހީވެފައި އޮންނަނީ އަދިވެސް ހަމަ ގިނަ އަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ރާއްޖެ އެތެރެވަމުންދާކަމަށެވެ.

އެހެންނަމަވެސް މިހާރު ރާއްޖެއަށް އެތެރެވަމުން ދަނީ ކުރިޔާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެއްގެ ބައެއް ކަމަށާއި އަދި އެ ފަރާތްތަކަކީ ވިސާ އޮންނަ ކުރިން ރާއްޖޭގައި އުޅެފައި ބޭރަށް ގޮސް އެނބުރި އަންނަ ފަރާތްތައްކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

"ވަރަށް ގިނަ ރައްޔިތުން އެބަ ބުނޭ ކޮންމެ ދުވަހަކުވެސް ބަންގްލަދޭޝްގެ މީހުން ނޫނީ އެހެން ގައުމުތަކުގެ މީހުން އެބަ އާދެޔޭ. އެއީ ވިސާ ހުރި މީހުން ފުރަފުރައިން ގޮއްސަ އަންނަ އައުން. އެއީ އަލަށް އަންނަ މީހުންނެއް ނޫން." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ޖުލައި 15، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އެއް އަހަރު ދުވަސް ތެރޭ ބަންގްލަދޭޝްއަށް މޮރެޓޯރިއަމްއެއް ގެނެސްފައި އޮއްވާ އޭގެ ކުރިން އެޕްލައިކޮށްފައިވާ ފަރާތްތަކާއި އެކު ރާއްޖެއަށް އެތެރެވެފައިވަނީ ގާތްގަނޑަކަށް 1،500 އާއި 2،000އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ.

"އެއީ އަލަށް އައި މީހުންގެ އަދަދު. އެއީ ވަރަށް ބޮޑު އެޗީވްމެންޓެއް. އޭގެ ކުރިންވެއްޖިއްޔާ މަހެއްގެ މައްޗަށް ދެ ތިން ހާސް ފަސް ހާސް ވަރު އަންނަމުން ދިޔައީ." މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

އިންޓަވިއުގެ ތެރެއިން މިނިސްޓަރު ފައްޔާޒު ވަނީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހިފެހެއްޓުމަށްވެސް މަސައްކަތްތެރިން ބޭނުންވާކަމަށް ފާހަގަކުރައްވާފަ އެވެ.

އެގޮތުން ސަރުކާރުގެ މައިގަނޑު އަމާޒަކީ ބިދޭސީންގެ ކަންތަކުގައި ކޮރަޕްޝަނަށް މަގުފަހިނުވާފަދަ ގޮތަކަށް މައްސަލަ ހައްލުކޮށް ރެގިއުލަރައިޒް ކުރުންކަމަށް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ގުޅިގެން 7،000 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ރާއްޖެއިން ފޮނުވާލާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުންނަކީ ސަައްހަ ޑޮކިއުމެންޓް ނެތް ފަރާތްތަކެވެ.

ރާއްޖޭގައި 60،000 އެއްހާ ބިދޭސީން ގަވާއިދާ ޙިލާފަށް އުޅެމުންދާކަމަށް މިނިސްޓަރު ފައްޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ސަރުކާރުން ދަނި މި އަހަރުގެ ނިޔަލަށް ގަވާއިދާ ޙިލާފަށް އުޅޭ 20،000 އެއްހާ ބިދޭސީން އަބުރާ ގައުމަށް ފޮނުވާލުމަށް މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް