އިންޑިއާ ފްލައިޓުން އައީ ސިފައިންނެއް ނޫން، ޕޮލިސް އެކެޑަމީގެ ލޭބަރުން

ރޭ އައްޑޫ ގަން އެއާޕޯޓަށް ޖެއްސި އިންޑިއާ ފްލައިޓު: އެ ފްލައިޓުން އިންޑިއާ ސިފައިން އައި ކަމަށް ބުނާ ވާހަކަތައް އެއާޕޯޓުން ދޮގު ކުރޭ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އިންޑިއާގެ ސްޕައިސްޖެޓްގެ ފްލައިޓެއްގައި ރޭ އައްޑޫ ސިޓީ ގަން އިންޓަނޭޝަލް އެއަޕޯޓަށް ޖެއްސި ޗާޓާޑް ފްލައިޓުން އައީ އެގައުމުގެ ސިފައިން ނޫން ކަމަށާއި އެއީ ޕޮލިސް އެކަޑަމީގެ މަސައްކަތްކުރާ ލޭބަރުން ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ރޭ ގަމަށް ޖެއްސި އެ ފްލައިޓުން އައީ އިންޑިއާގެ ސިފައިން ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެ ވާހަކަތައް އެއާޕޯޓު ހިންގާ އައްޑު އިންޓަނޭޝަލް އެއާޕޯޓު (އޭއައިއޭ) ކޮމްޕެނީން ދޮގު ކުރެއެވެ.

އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ގައިސް ނަސީރު މިއަދު "ސަން"އަށް ވިދާޅުވީ، އެ ފްލައިޓުން އައީ އައްޑޫ ސިޓީގައި އިންޑިއާގެ އެހީއާއެެކު އިމާރާތް ކުރާ ޕޮލިސް ޓްރެއިނިންގް އިންސްޓިޓިއުޓް އެންޑް ލޯ އެންފޯސްމަންޓް އެކެޑެމީގެ ލޭބަރުން ކަމަށެވެ. އަދި އެ ފްލައިޓުން އިންޑިއާގެ އެއްވެސް ސިފައިންގެ މީހެއް ނާންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފްލައިޓުން އައީ މިކޮޅުގެ ޓްރޭނިން ސްކޫލްގެ ޝްރީއަވަންތިކާ ކުންފުނީގެ ލޭބަރާސް. 165 ލޭބަރާސް އައި،" ގައިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރު އެ ހުރިހާ އެންމެވެސް އައްޑޫގެ ދޫގަސް ގެސްޓްހައުސްގައި ކަރަންޓީންވެފައިވާ ކަމަށެވެ.

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޕައިސްޖެޓުން އިންޑިއާ ސިފައިން ނާންނަކަމަށް އައްޑޫ ސިޓީ ކައުންސިލުންވެސް "ސަން"އަށް ކަށަވަރުކޮށްދިނެވެ.

އައްޑޫގައި އިންޑިއާގެ އަސްކަރީ އިމާރާތެއް އަޅަމުންދާ ކަމަށް ބުނެ މީގެ ކުރިން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރިއެވެ. އެހެން ނަމަވެސް ސަރުކާރުވެސް އަދި އިންޑިއާ އެމްބަސީންވެސް ބުނެފައިވަނީ، އައްޑޫގައި އިމްރާތް ކުރަނީ، އަސްކަރީ މަރުކަޒެއް ނޫން ކަމަށާއި އެއީ ޓްރޭނިން އެކަޑަމީއެއް ކަމަށެވެ. އަދި އެތަނުގައި އަސްކަރީ ހަރަކާތެއް ކުރިއަށް ގެންދަން އެއްބަސްވެފައިވެސް ނުވާ ކަމަށް ބުނެފަވެއެވެ.

comment ކޮމެންޓް