ދިވެހީންގެ ލޯތްބާއި ފޯރި ގަސްހެެއްދުމަށް

ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކު ވަޒީފާ ގެއްލި ގޭގައި ތާށިވުމާއެކު ހުސްވަގުތު ބޭނުން ކުރާނެ ރަނގަޅު އެތައް ގޮތެއް ބަޔަކު ދަސްކުރި އެވެ. އެއް ބަޔަކު ކައްކަން ފެށިއިރު އަނެއް ބަޔަކު ކުރަހާ ފޮތް ކިޔާ ހެދި އެވެ. އެ ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ މަގުބޫލުވި އެއް ކަމަކީ ގޭގައި ގަސް އިންދުމެވެ. ތަފާތު އެކި ކަހަލަ ގަސްތައް އިންދައި ގަހުގެ މާ ގާތް އެކުވެރީންނަށް ދިވެހީން ވަނީ ބަދަލުވެފަ އެވެ.

އެއާ އެކު، މާލޭގައި ގަސް ވިއްކާ ފިހާރަތަކަށް އޮތް ޑިމާންޑު ރާސްލާފައި މައްޗަށް ދިޔަ އެވެ. މާލޭގައި މާ ވިއްކުމުގައި އުޅުނު "ޕިކްސީ" އަދި "ލޯލާ" ފަދަ ތަންތަނުން ގަސް ގެނެސް އެ ވިޔަފާރީގެ ތެރެއަށް ވަނީ މިހާރު ވަދެފަ އެވެ. އެއާއެކު ގަސް ވިއްކާ އޮންލައިން އެތައް އިސްޓޯރެއް ފޭސްބުކާއި އިންސްޓަގުރާމުގައި ވެސް ހުޅުވިއްޖެ އެވެ.

ގެއެއްގައި ތަފާތު ހައުސްޕްލާންޓް ހައްދަފާއި -- ސަން ފޮޓޯ

ގަސް ވިއްކާ އޮންލައިން ވިޔަފާރި ޕޭޖެއް ކަމަށްވާ "އިންޑޯ ޕްލާންޓްސް.އެމްވީ" އިން ބުނީ ކޮވިޑް-19 އާ ގުޅިގެން ގޭތެރޭގައި ހެއްދޭ އެކި ޒާތުގެ ގަސްތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑުވި ކަމަށެވެ. އަދި އެކި ކަހަލަ ތަފާތު ގަސްތައް އާންމުން ގަންނަން ފަށާފައިވާ ކަމަށްވެސް "އިންޑޯ ޕްލާންޓްސް" އިން ބުންޏެވެ.

ތަފާތު އެކި ގަސްތައް ގަނެ ހެދި ނަމަވެސް ދިވެހީންގެ މެދުގައި ހާއްސަކޮށް މަގުބޫލު ވަކި ގަސްތަކެއް އެބަހުއްޓެވެ.

"އިންޑޯ ޕްލާންޓްސް" އިން ބުނިގޮތުގައި ދުވަސްކޮޅާ ގުޅިގެން އާންމުންގެ މެދުގައި މަގުބޫލުވާ ގަސްތައް ބަދަލުވަމުން އަންނަ ކަމަށެވެ. އެގޮތުން މިދުވަސްކޮޅު އެންމެ މަގުބޫލު ގަސްތަކުގެ ތެރޭގައި އެކެވޭރިއާ އާއި ކެލޭޑިއަން ހިމެނޭ ކަމަށް އެ ޕޭޖުން ބުނެ އެވެ.

https://www.instagram.com/p/CE851vipatd/

އެހެންނަމަވެސް އެ ހުރިހާ ގަސްތަކަށްވުރެ ދިވެހީންގެ ލޯބި އެންމެ ބޮޑަށް އޮތީ، "މޮންސްޓޭރާ" އަށެވެ. ގޭގައި ބަހައްޓާލުމަށް ރީތި، ބޮޑެތި ފަތްތަކެއް ލާފައި ހުންނަ މޮންސްޓޭރާ އަކީ މިހާރު ދިވެހީންނަށް އެންމެ ކަމުދާ ގަހެވެ.

"އިންޑޯ ޕްލާންޓްސް" އިން ބުނިގޮތުގައި މޮންސްޓޭރާ އަކީ ވަރަށް މަގުބޫލު ގަހެއް ކަމަށެވެ. އެ ގަސް އެހާ ބޮޑަށް މަގުބޫލުވެފައި ވަނީ އެ ގަހަކީ ގޭގައި ގެންގުޅޭ ގަސްތަކުގެ ތެރެއިން ހައްދަން ފަސޭހަވެފައި ރީތިކޮށް އަދި ތަފާތު ގޮތަކަށް ހުންނަ ގަހަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CEK0BAJAv3z/

މޮންސްޓޭރާގެ ތެރެއިންވެސް "ވެރިގޭޓެޑް" ގަސްތައް މަގުބޫލު ކަމަށާއި އެ ގަސްތަކުގެ ފަތްތަކަކީ ދެކުލައެއްގައި ހުންނަ ފަތްތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް މޮންސްޓޭރާއަކީ އަގުބޮޑު ގަހެއް ކަމަށް އެ ޕޭޖުން ބުނެ އެވެ. އެގޮތުން އެ ގަހަކީ އިންޓަނޭޝަނަލް މާކެޓުގައިވެސް ވަރަށް މަދުން ލިބޭ އެއްޗަކަށް ވެފައި އޭގެ ޑިމާންޑު ބޮޑުވުމުން އެ ގަސްތައް އަގުބޮޑުވަނީ ކަމަށް ފާހަގަކޮށްފައިވެ އެވެ. އެ ޕޭޖުން ބުނިގޮތުގައި އާދައިގެ މޮންސްޓޭރާއަށްވުރެ ވެރިގޭޓެޑް ގަސްތައް އަގުބޮޑުވާނެ އެވެ.

އާދައިގެ ގަހެއްގެ އަގަށް ބަލާއިރު 100 ސެންޓިމީޓަރުގެ ގަހެއްވެސް އުޅެނީ 5،000 އާއި 6،000 ރުފިޔާ އާ ދެމެދުގައި ކަމަށް އެ ޕޭޖުން ބުނެ އެވެ.

ފުރަބަންދާ ގުޅިގެން ގަސް ހައްދަން ފެށި ޒުވާނެއް ސަން އަށް މައުލޫމާތު ދިން ގޮތުގައި އޭނާ އަބަދުވެސް ގޭގައި ގަސް ހައްދާ ހިތްވި ކަމަށެވެ. އެހެންނަމަވެސް ފުރަބަންދުގައި އިތުރު ވަގުތު ލިބުމާއެކު ގަސް ހައްދަން އެންމެ ފަހުން ފެށީ ކަމަށް އޭނާ ބުނެފައިވެ އެވެ.

"އަސްލު އަހަރެންނަށް އެއީ ޑިސްޓްރެކްޝަނެއް. ދުވަހު ކުރަން ލިބޭ މަސައްކަތެއް. މިސާލަކަށް ކޮންމެ ދުވަހަކު އެ ގަސް ބަލަހައްޓަން މަސައްކަތް ކުރުމާ ބަލައިގެން ފެން ދިނުން،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދެން ކޮންމެ ދުވަހަކު އެއަށް އަޅާލުމުން އެ ގަސް ހެދިބޮޑުވަމުންދާ މަންޒަރު ފާހަގަކުރެވެ އެވެ.

"ހަމަ ހީވަނީ މީހަކަށް އަޅާލުން ކަހަލަ ކަމެއް ކުރެވޭ ހެން. މިއީ ވަރަށް ސްޓްރެސް ފިލާ ކަމެއް،" އޭނާ އިތުރަށް ބުނެފައިވެ އެވެ.

އޭނާ ބުނީ އެކި ކަހަލަ ގަސްތައް ހައްދަމުން ގެންދާ ކަމަށެވެ. ބަގީޗާ ގަސްތައް އިންދައި ހެދި ނަމަވެސް މިހާރު މިރުސް އަދި ލެޓިއުސް ކަހަލަ ގަސްތައްވެސް ހައްދަމުން ގެންދާ ކަމަށް އޭނާ ބުނެފައިވެއެވެ.

ގަސް ހެއްދުމަކީ ކުރަން ވަރަށް ރަނގަޅު ކަމެއް ކަމުގައި ސިފަކޮށް އޭނާ ބުނީ ފައިސާ އެއްކޮށްގެން މިހާރު ކުރާ ކަމަކީ ގަސް ގަންނަނީ ކަމަށެވެ. އެގޮތުންތުން ކޮންމެ ދެމަހުން އެއް މަހަކު ގަހެއް ގަނެވޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ގޭގައި ގަސް ހެއްދުމަކީވެސް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެ ގަސް ހައްދައި ބެލުމަކީ އެކަމަށް ސަމާލުވެގެން ކުރަން ޖެހޭނެ ކަމެކެވެ. "އިންޑޯ ޕްލާންޓްސް" އިން ބުނީ ގަސް ހައްދަން ޖެހޭނީ ދަރިއަކު ބަލާހެންނެވެ. އެއަށް އަޅާލުމާއި ލޯބި ދޭން ޖެހޭނެއެވެ.

https://www.instagram.com/p/CEIIIlCAMOG/

ގަސް ހެއްދުމުގައި އެންމެ ބޮޑަށް ބަލަން ޖެހޭނެ ކަމަކީ އެއަށް ގިނައިން ފެން ނުދިނުމެވެ. އިންޑޯ ޕްލާންޓްސް އިން ބުނި ގޮތުގައި ދިވެހީންގެ އަތުން ގިނަ ފަހަރަށް ގަސް މަރުވަނީ މާ ގިނައިން ފެން ދެވިގެން ނުވަތަ ފެން ދެވޭ ގޮތެއްގެ ސަބަބުން ކަމަށެވެ.

އެހެންކަމުން ފެން ދިނުމުގައި ސަމާލުވާން ޖެހޭނެ އެވެ. ފުރަބަންދުގައި ފޫހި ފިލުވައިދިން އެކުވެރިން ބަލަހައްޓާއިރު އެއަށް އަޅާލުމާއި ލޯބި ބޭނުންވާނެ އެވެ.

comment ކޮމެންޓް