ފައްޔާޒުގެ އެންމެ ޖަވާބެއް، މިއުޅެނީ ރަނުންރަނަށް ވައުދުތައް ފުއްދަން

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓަރު ފައްޔާޒު "ސަން"އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެފައި ވަނީ، މި ވަގުތު ސިޔާސީ މައިދާނުގައި އެންމެ ބޮޑަށް އެބޭފުޅަކާ މެދު ވާހަކަ ދެކެވޭ އެއްބޭފުޅާއަށެވެ. ސަބަބަކަށް ވަނީ ރައީސް މުހައްމަދު ނަޝީދު ސީދާ ފާޅުގައި ފައްޔާޒާ ދެކޮޅަށް ނިކުންނަވައި އެމަނިކުފާނު މިނިސްޓަރުކަމުން ބޭރު ކުރަން މަސައްކަތް ފައްޓަވާފައިވުމެވެ. އެއާ އެކު، ސިޔާސީ ހޫނު ބަހުސްތަކުގެ މެދުގައި މިވަގުތު ހުރީ މިނިސްޓަރު ފައްޔާޒެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުން ފައްޔާޒު މަގާމުން އެއްފަރާތް ކުރަން ޖެހެނީ "ބްރޯ" ހެދިގެން ހުރިހާ ކަމަކަށް ނުފޫޒު ފޯރުއްވާތީ އެވެ. އަދި ފައްޔާޒާ ދެކޮޅަށް ނަގަން މަސައްކަތް ކުރާ، އިތުބާރު ނެއްކަމުގެ ވޯޓުގެ ބޭނުމަކީ ވެސް ވަކި މިނިސްޓަރަކަށް ސަރުކާރުގެ ތެރޭ ބާރުގަދަކޮށްލައިގެން އުޅުމަށް ފުރުސަތު ނުދެއްވުމެވެ.

"ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒު ވަނީ އެ ތުހުމަތުތަކަށް ވަރަށް ތަފްސީލްކޮށް ރައްދުދެއްވައިފަ އެވެ.

މިނިސްޓަރު ފައްޔާޒު ވިދާޅުވީ، "ބްރޯ" ހެދިގެން އުޅުމަކީ ކޮބައިކަން އެމަނިކުފާނަށް އެއްވެސް މިންވަރަކަށް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ، މިނިސްޓަރުކަމުގައި ހުންނަވައިގެން އެމަނިކުފާނު ކުރައްވާހާވެސް ކަމަކީ ރައީސް އޮފީހުން ކަނޑައަޅާފައިވާ އެސްއޯޕީއާ އެއްގޮތަށް މަސައްކަތްތައް ރަނުން ރަނަށް ނިންމުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓް ވަރަށް ބޮޑުކަން ފާހަގަ ކުރައްވާ މިނިސްޓަރު ފައްޔާޒު ވިދާޅުވީ، އެހެންވުމާ އެކު ސަރުކާރުގެ ވަރަށް ގިނަ މުހިންމު މަސައްކަތްތައް އެމަނިކުފާނުގެ މިނިސްޓްރީގެ ބެލުމުގެ ދަށަށް އަންނަ ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ކަންކަމުގައި ޕްރޮއެކްޓިވްކޮށް އެހެން މިނިސްޓްރީތަކާއި ވުޒާރާތަކާ ގުޅިގެން އެމަނިކުފާނު މަސައްކަތް ކުރައްވަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެއީ އެއްވެސް ގޮތެއްގައި އެމަނިކުފާނުގެ މެންޑޭޓުން ބޭރުގައި އުޅޭ އުޅުމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައްޔާޒު ވިދާޅުވި ގޮތުގައި އެހެން މަސައްކަތް ކުރެއްވުމުގައިވެސް ނާޖާއިޒު ނުފޫޒު ފޯރުވައި، ގާނޫނާއި ގަވާއިދުތަކާ ހިލާފު ކަންކަން ކުރުވުމަށް އެއްވެސް ގޮތަކަށް މަސައްކަތް ކުރައްވާފައެއް ނުވާނެ އެވެ.

"އަޅުގަނޑަކީ މި ސަރުކާރުގައި ވައުދުތައް ފުއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ މީހެއް. ދެން އޭގެ ތެރޭގައި އަޅުގަނޑުގެ މިނިސްޓްރީގެ މެންޑޭޓަކީ ވަރަށް ބޮޑު މެންޑޭޓެއް. އިކޮނޮމިކް މިނިސްޓްރީގެ މެންޑޭޓްގައި އެބަހުރޭ ޓޫރިޒަމްއާ ގުޅޭ ކަންކަން. ފިޝަރީޒްއާ ގުޅުން ހުރިކަންކަން. ޕްލޭނިން ރިލޭޓެޑް ކަންކަން ވެސް. ޓްރާންސްޕޯޓް ރިލޭޓެޑް ކަންކަން ވެސް ހުރިހާ މިނިސްޓްރީތަކާ އެއްކޮށް އަޅުގަނޑު ޖެހޭ މަސައްކަތް ކުރަން. ވަރަށް ގިނަކަންކަމުގައި. އެހެންވީމާ، އެބޭފުޅުން ބޭނުން ލެވަލްއެއްގައި އަޅުގަނޑު އެބޭފުޅުންނާ އެންގޭޖްވެގެން، އަޅުގަނޑު މި މަސައްކަތް ކުރަނީ. އެހެންވީމާ، މި މިނިސްޓްރީވާނެ ވަރަށް ގިނަ މިނިސްޓްރީތަކާ އެއްކޮށް މަސައްކަތް ކުރަން ޖެހޭ މިނިސްޓްރީއަކަށް. އެގޮތުން އަޅުގަނޑުގެ އިންޓަރެކްޝަން ވަރަށް ބޮޑުވާނެ ވަރަށް ގިނަ މިނިސްޓްރީތަކާ އެކު. އަޅުގަނޑުމެން އެއްވެސް މިނިސްޓަރަކު ބޭނުން ނުވާ ކަމެއް ކުރުވާކަށް ނޫން މި އުޅެނީ،" ފައްޔާޒު ވިދާޅުވި އެވެ.

"ރައީސް އޮފީހުން ވަރަށް ގިނައިން އަންނާނެ ރިކުއެސްޓް މިވެނި ކަމެއް މިވެނި މިނިސްޓްރީއަކާ ގުޅިގެން އަޅުގަނޑުމެން ކުރާށޭ ކިޔާފައި. އެކަމަކު ބައެއް މިނިސްޓްރީތަކަކީ މެންޑޭޓް އޮންނަ ގޮތުން އެހެން ކަންކަން ހުންނަ މިނިސްޓްރީތަކެއްވެސް ނޫން. މިސާލަކަށް މި ކޮވިޑް އިޝޫ. ހަމަގައިމު އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން އެއީކީއެއް. އެކަމަކު ވަރަށް ބޮޑަށް އެކަމުގައި އަޅުގަނޑުމެން އިންވޯލްވާން ޖެހުނު އޭގެ ސަބަބުން ނަގާ މެޝާތަކުން ވިޔަފާރިތަކަށް ކުރާ އަސަރު މިޓިގޭޓް ކުރުމަށް. އެކަމުގައި އަޅުގަނޑު ވަރަށް ވަކާލާތު ކުރަން ޖެހުނު. ދެން ހެލްތު ބޭފުޅުން ވެސް އަޅުގަނޑުމެންގެ ރައުޔު ވަރަށް ބޮޑަށް ނަގާ. ދެން އެކަން ކުރެވޭތީ ކަން ނޭނގެ މިތުހުމަތުތައް މި އުޅެނީ. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑަށް އެފިޝަންޓް މަސައްކަތެއް އެބަ ކުރެވޭ،"

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 30 އެއްހާ އެމްޑީޕީގެ މެންބަރުން ސޮއިކުރެވިފައިވާ އިރު، ބައެއް މެންބަރުން ފައްޔާޒަށް ތުހުުމަތު ކުރަނީ މެންބަރުންގެ ދާއިރާތަކުގެ ކަންކަމުގަ އާއި މެންބަރުންގެ އެހެނިހެން ކަންކަމާ ފައްޔާޒު ބެހިވަޑައިގަންނަވާ ކަމަށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީއެއްގައި މަސައްކަތް ކުރާއިރު ސަރުކާރުގެ ވައުދުތައް ފުއްދުމަށް މަގުފަހި ކުރަން ޖެހޭ ކަންކަމުގައި މެންބަރުންނަށް ލޮބީ ކުރައްވާފައި ހުންނާނެ ކަމަށެވެ. މިސާލެއް ނަންގަވަމުން މިނިސްޓަރު ވިދާޅުވީ އިމްޕޯޓް އަދި އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހުތަކުގައި ޑިއުޓީއަށް ގެންނަ ބަދަލުތަކާ ގުޅޭ ގޮތުން މެންބަރުންނާ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެއީ ނުފޫޒު ފޯރުއްވުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެއީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި ކަންކުރާ ރީތި ގޮތެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"މީގެ އިތުރުން ވެސް އަޅުގަނޑަށް ކަންކަމުގައި މެންބަރުން ނޫނީ އެހެން މީހަކުވެސް ގުޅީމާ އަޅުގަނޑުގެ މެންޑޭޓުގެ ތެރެއިން މަސައްކަތް ކޮށްދެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭން. މިސާލަކަށް މެންބަރުން ވަރަށް ގިނައިން ގުޅުއްވާނެ އޭޓީއެމް ބަހައްޓަން އެބޭފުޅުންގެ ދާއިރާގައި. ދެން ބޭންކުގެ ބޭފުޅުންނަށް އެވާހަތައް ގެންގޮސްދެން. ދެން އެއީ ނުފޫޒު ފޯރުވުމެކޭ ނުކިޔޭނެ،" ފައްޔާޒު ވިދާޅުވި އެވެ.

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު "ސަން" އަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަޖިލީހުގެ މެންބަރުންނާއި ރައީސް ސޯލިހާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާނުކުރައްވާ ކަމަށެވެ. ނަމަވެސް ފައްޔާޒު ވިދާޅުވީ، ސަރުކާރުން ބިލް ފޮނުވީމާ މަޖިލީހަށް ފެންނަ ގޮތަކަށް އެކަނި ބިލް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކަން ކުރަނީ މަޝްވަރާކޮށް މެދުމިނުގެ ހައްލުތަކަކަށް އައިސްގެން ކަމަށް ވިދާޅުވި އެވެ. އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކަންކުރާ ގޮތް ކަމަށް ވިދާޅުވި އެވެ. އެފަދަ މަޝްވަރާތަކުގައި ވަރަށް ބޮޑަށް ޝާމިލްވެ އުޅުއްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި އަބަދުވެސް މަސައްކަތް ކުރައްވަނީ އެމަނިކުފާނުގެ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަކީ އެމްޑީޕީ ވެސް ޕީޕީއެމްގެ ބޭފުޅުންނާ ވެސް އެންމެންނާ ވެސް ވަރަށް ރަނގަޅު ގުޅުން ތަކެއް އޮންނަ މީހެއް. ދެން މީހުން ގުޅީމާ ފޯނު ނަގާ މީހެއް އަޅުގަނޑަކީ. ދެން އެގޮތުން ރައްޔިތަކު ގުޅާފައި ކަމެއްގެ ވާހަކަ ބުނެފި ނަމަ، އަޅުގަނޑު އެކަމެއް އޮންނަނ ގޮތް ބަލައިލަދެން. އެއީކީ ނުފޫޒު ފޯރުވުމެއް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ މައްޗަށް ތުހުމަތުތައް އަމާޒުވަނީ ފައްޔާޒު ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި އެބޭފުޅެއްގެ "އަމިއްލަ މަގުސަދުތަކެއް" ހާސިލް ކުރަން ބޭނުންވާ ބޭބޭފުޅުން އެކަމަށް މަގުފަހި ކުރުމަށެވެ. އަދި އެއީ ސިޔާސީ ކަންކަން ހިނގާނެ ގޮތްކަން ފާހަގަ ކުރައްވަމުން ފައްޔާޒު ވިދާޅުވީ، އެފަދަ ކަންކަން އެމަނިކުފާނު ނަގަނީ ޕޮޒިޓިވްކޮށް ކަމަށެވެ. އަދި ޑިމޮކްރަސީއެއްގައި ވެރިކަން ކުރަން އުނދަގޫ ނަމަވެސް، އޭގެ ނަތީޖާ ވަރަށް ފޮނިވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެގޮތުން، މި ސަރުކާރުން ދެފުށްފެންނަ ގޮތަށް ކަންކަން ކުރަމުން އަންނަ ކަމަށާއި މަޝްރޫއެއްގެ ބިޑިންގެ ކަންކަން ވެސް ކުރިއަށް ދަނީ ފިނޭންސްގެ ތެރެއިން ކަމަށެވެ. އަދި އެއީ އޭނާވެސް އަދި އިކޮނޮމިކް މިނިސްޓްރީވެސް ބެހޭ ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަނިޔާވެރިކަން އިސްކޮށްގެން ވަރަށް ފަސޭހަ ވެދާނެ ކަންކަންކޮށްލަން. އެކަމަކު އަޅުގަނޑުމެން މި އުޅެނީ ވަގުތު ނެގިޔަސް، އަނިޔާވެރިކަން ނުގެނެސް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑުމެން އެކައުންޓަބުލް ކުރުވަން ޖެހޭނެ. މިކަހަލަ ކަންކަމުން އަޅުގަނޑުމެން އެކައުންޓެބުލް އެބަވޭ. އަޅުގަނޑާ މެދުވެސް ކަމެއް އޮތިއްޔާ ތަންމިނަށް ބަލަންވީ،" ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުގެ ވައުދުތައް ފުއްދަން ޖެހެނީ ފައްޔާޒު ވިދާޅުވި ގޮތުގައި މި ސަރުކާރަށް ވައުދު ނުފުއްދިއްޖެ ނަމަ، އަނެއްކާ ވެސް އަނިޔާވެރިކަމާއި ހުދުމުހުތާރުކަން ރާއްޖެއަށް އެނބުރި އައިސްދާނެތީ އެވެ. މި ސަރުކާރަށް ވައުދުތައް ނުފުއްދިއްޖެ ނަމަ، ޑިމޮކްރަސީގެ މުހިންމުކަން ރައްޔިތުންނަށް ނުވިސްނޭ ހިސާބަށް ކަންކަން ގޮސްފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވައުދު ނުފުއްދޭ ނަމަ، ދެން ވާނެ ގޮތަކީ އަނެއްކާ ޑިމޮކްރަސީއާ ބީރަށްޓެހި ބަޔަކު އަނެއްކާ ވެރިކަމަށް އަންނާނީ އަޅުގަނޑުމެންނަށް ކަންކަން ނުކުރެވުމުގެ މާޔޫސްކަމުގެ ތެރެއިން ރައްޔިތުން ވޯޓްލައިގެން. އެއީ ގައުމަށް ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް. މިސާލަކަށް ބައްލަވާ ޓްރަމްޕް ހޮވުނީމާ އެމެރިކާއަށް ދުނިޔެއަށް އަންނަ ކަންކަން. ބަދަލުތައް. އެހެންވީމާ، އަޅުގަނޑު މަސައްކަތް މި ކުރަނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭން. އަޅުގަނޑު އެހެން ކަމެއް ނުކުރަން. ހުރިހާ ކަމެއް އެ ހުރީ ޓްރާންސްޕޭރަންޓްކޮށް ފެންނަން. ކަންކަން ބަލަންވީ ގޯސްކަމެއް އަޅުގަނޑު ކުރާކަމުގައިވާ ނަމަ،" ފައްޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު އެއްވެސް ކަމެއްގައި އެއްވެސް ގޮތަކުން ނުރަނގަޅު ނުފޫޒެއް ނުފޯރުވަން. އެއީ އަޅުގަނޑު ކުރާ ކަމެއް ނޫން. އެކަމެއް އަޅުގަނޑު ނުކުރަން ނުވެސް ކުރާނެ."

comment ކޮމެންޓް