ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޗައިނާ ހޯދި ކާމިޔާބަށް އެެމެރިކާ އިއުތިރާފު ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ވޮޝިންޓަން (ސެޕްޓެމްބަރު 15) : ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ޗައިނާ ހޯދި ކާމިޔާބަށް ނުސީދާ ގޮތެއްގައި އެެމެރިކާ އިއުތިރާފު ވެއްޖެއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ ޗައިނާގައި މިހާރު ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށް އެމެރިކާގެ ރައްޔިތުން ޗައިނާއަށް ދިޔުމަށް އެމެރިކާ ގެންގުޅުނު ހިފެހެއްޓުންތައް މިހާރު ދޫކޮށްލާފައިވާ ކަމުގައެވެ. ނަމަވެސް މިހާރު ކަންބޮޑުވަނީ އެމެރިކާގައި ކޮވިޑް-19 ކޮންޓްރޯލް ވެފައިނުވާތީ އެމެރިކާ ރައްޔިތުން ޗައިނާއަށް ވަނުމަށް އަޅާފައިވާ ހުރަސްތައް ޗައިނާއިން ދޫނުކުރާތީ ކަމަށާ އެހުރަސްތައް ޗައިނާއިން ނައްތާލާނެ ދުވަހަކަށް އުންމީދު ކުރާކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރައިން ނެރުނު ބަޔާނެއް ބުނެއެވެ.

ޗައިނާއަކީ ކޮވިޑް-19 އެންމެ ފުރަތަމަ ކޭސްތައް ފެނުނު ގައުމެވެ. އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ފުރަބަންދުގެ ހަރުކަށި ފިޔަވަޅުތައް ފުރަތަމަ އެޅި ގައުމަކީވެސް ޗައިނާއެވެ. ޗައިނާއަށް ކޮވިޑްގެ މުސީބާތް ލައިގަތުމާއެކު އެބަލި ކޮންޓްރޯލްނުވެ އެމެރިކާއަށާއި ދުނިޔޭގެ އެހެން ގައުމުތަކަށް އެބަލި ފެތުރޭން ފެށުމުން އެމެރިކާވަނީ ޗައިނާއަށް އެހީތެރިވުމުގެ ބަދަލުގައި ޗައިނާއަށް ފާޑުކިޔައި މަލާމާތް ކޮށްފައެވެ.

މިގޮތުން އެމެރިކާއަށާއި ދުނިޔޭގެ އެހެންގައުމުތަކަށް ކޮވިޑް ފެތުރުނީ ޗައިނާއިން އެބަލީގެ ހަގީގަތް ހާމަކުރުމަށް ފަސްޖެހުމުގެ ސަބަބުން ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ފަދަ ހަރުކަށި ބޭފުޅުން ގެންދެވީ ތަކުރާރުކޮށް ކޮވިޑްގެ މައްސަލާގައި ޗައިނާއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ނަމަވެސް އެމެރިކާ ރުޅިއައި ހަގީގީ ސަބަބަކީ ޗައިނާއިން ކޮވިޑް ކޮންޓްރޯލް ކުރި ހަރުދަނާ ގޮތަށް އެކަން ކުރުމުގައި އެމެރިކާ ނާކާމިޔާބުވުމުން އެމެރިކާގެ އެތެރޭން ޓްރަމްޕްގެ ސަރުކާރަށް ކުރިމަތިވި ފިއްތުންތަކުން ސަލާމަތްވުމަށްޓަކައިކަން ފަހުންވަނީ ހާމަވެފައެވެ.

މިދިޔަ ޑިސެމްބަރު މަހު ކޮވިޑް-19 ފުރަތަމަ ކޭސް ފެނުނީ ޗައިނާއިން ކަމަށްވިޔަސް މިހާރު ކޮވިޑްގެ މައި ކަރުކަޒުކަމުގައި ވެފައިވަނީ ޗައިނާގެ ބަދަލުގައި އެމެރިކާއެވެ. ކޮވިޑް-19 އާއެކު އެމެރިކާގެ ސިއްހަތާބެހޭ ނިޒާމު މުޅިން އިނދަޖެހި އެބަލި އެއްވެސް ވަރަކަށް ކޮންޓްރޯލް ކުރުމަށް އެމެރިކާވަނީ ނުކުޅެދިފައެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެމެރިކާ ނާކާމިޔާބުވުމާ ގުޅިގެން އެމެރިކާގެ ރައްޔިތުން ޗައިނާއަށް ވަނުމަށް ޗައިނާއިން ބޮޑެތި ހުރަސްތަކެއް އަޅާފައިވީނަމަވެސް ޗައިނާގައި މަސައްކަތްކުރާ އެމެރިކާގެ ކުންފުނިތަކުގެ މުވައްޒަފުން އެނބުރި ޗައިނާއަށް ދިޔުމުގެ ފުރުސަތު ދިނުމަށް ޗައިނާ މިހާރުވަނީ ނިންމާފައެވެ.

ޗައިނާގެ މިނިންމުމަށް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި މަރުހަބާ ކިޔާފައިވެއެވެ. ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދަށް ބަލާއިރު އެމެރިކާއަކީ ދުނިޔޭގެ އެއްވަނައެވެ. ޗައިނާ އުޅެނީ 40 ވަނައިގައެވެ. އެމެރިކާގެ 6.7 މިލިޔަން މީހުންނަށް ކޮވިޑް ޖެހި 2 ލައްކަ މީހުން އެބަލިގައި މަރުވެފައިވާއިރު ޗައިނާގައި ކޮވިޑް ޖެހުނީ 85 ހާސް މީހުންނަށެވެ. އެބަލީގައި ޗައިނާގައި މަރުވީ 4 ހާސް ހަ ސަތޭކަ މީހުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު