ހަ މަސް ފަހުން އިޓަލީގެ ސްކޫލްތައް އަލުން ހުޅުވައިފި

އިޓަލީގެ ކްލާހެއްގައި ދަރިވަރުން ކިޔަވަނީ--

ކޮރޯނާއާ ގުޅިގެން ހަ މަސް ދުވަސް ވަންދެން އިޓަލީގެ ސްކޫލްތައް ބަންދުކޮށްފައި އޮތުމަށް ފަހު އެގައުމުގެ ގިނަ ސްކޫލްތައް އަލުން ހުޅުވައިފި އެވެ.

އެގޮތުން އިޓަލީގެ 20 ސްޓޭޓްގެ ތެރެއިން 13 ސްޓޭޓްގެ ސްކޫލްތަކުގައި ވަނީ އަލުން ކްލާސްތަކުގައި ކިޔަވައިދޭން ފަށައިފަ އެވެ. އެއާއެކު 5.6 މިލިއަން ދަރިވަރުން ވަނީ އެނބުރި ކްލާސްތަކުގައި ކިޔަވަން ފަށައިފަ އެވެ.

ކިޔެވުން އަލުން ނުފަށާ ސްޓޭޓްތަކުގައި ކިޔަވައިދޭން ފަށާނީ އަދި ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

އިޓަލީއަކީ މުޅި ޔޫރަޕްގައި ވެސް އެންމެ ގިނައިން ކޮރޯނާ ވައިރަސް ޖެހިގެން މީހުން މަރުވި ގައުމެވެ. އެގައުމުގައި ބަލިޖެހިގެން 35،000 މީހުން މަރުވި އެވެ. އެކަމާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހު އެވެ.

އަލުން ސްކޫލްތައް ފެށީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން ގައިދުރުވެ މާސްކު އެޅުމާއި ސްކޫލަށް ވަނުމުގެ ކުރިން ވަނީ ހުން ވެސް ބަލައިފަ އެވެ.

ކިޔެވުން އަލުން ފެށި ނަމަވެސް ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ ޓީޗަރުން ވަނީ އެމީހުން މި ދުވަސްވަރު ކިޔަވައިދޭން ނުނެރުމަށް އެދި ސިޓީތައް ފޮނުވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ އެދުމާ އެއްގޮތަށް ބައެއް ޓީޗަރުން ސްކޫލްތަކަށް އަލުން ކިޔަވައިދޭން ނެރުމުގެ ބަދަލުގައި ގޭގައި ތިބެގެން އެ ސްކޫލްތަކުގެ އެކި ޕްރޮޖެކްޓްތަކާއި އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރެވޭނެގޮތް ހަދައިދީފަ އެވެ.-- އަލްޖަޒީރާ/ގާޑިއަން

comment ކޮމެންޓް