ފުރަތަމަ ފަހަރަށް ޑަބްލިއުޓީއެމް ލަންޑަން ފެއާ ވާޗުއަލްކޮށް ބާއްވަނީ

މީގެ ކުރިން ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖޭގެ ސްޓޭންޑް-- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

އިނގިރޭސިވިލާތުގެ ލަންޑަންގައި އަހަރަކު އެއްފަހަރު ބާއްވާ ވޯލްޑް ޓްރެވަލް މާކެޓު (ޑަބްލިއުޓީއެމް) މިއަހަރު ވާޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

މިއީ އެ ފެއާ 1980 ވަނަ އަހަރު ބާއްވަން ފެށިފަހުން ލައިވް އިވެންޓެއްގެ ބަދަލުގައި ވާޗުއަލްކޮށް ބާއްވާ ފުރަތަމަ ފަހަރެވެ.

ވާޗުއަލްކޮށް މި ފެއާ ބާއްވަން ނިންމި މައިގަނޑު ސަބަބަކީ ކޮވިޑް19ގެ ސަބަބުން ގިނަ ގައުމުތަކުގައި ދަތުރުފަތުރު ކުރުން މަދުކުރަން ފިޔަވަޅުތަކެއް އަޅާފައިވުމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެންމެ ގިނަ ކުންފުނިތަކާއި މަންދޫބުން ބައިވެރިވާ އެއް ފެއާއަކީ ވެސް ޑަބްލިއުޓީއެމް ލަންޑަން އެވެ.

ޑަބްލިއުޓީއެމް ލަންޑަންގެ ވާޗުއަލް އިވެންޓު ބޭއްވުމަށް ރާވާފައިވަނީ ނޮވެބަރު 9-11 އާ ހަމައަށެވެ.

އެހެން އަހަރުތަކުގެ ފެއާގައި ބާއްވާ 'ވަން އޮން ވަން' ބައްދަލުވުންތަކާއި ކޮންފަރެންސް އަދި ނެޓްވޯކިން ސެޝަންތައް މިއަހަރު ބާއްވާނީ ވާޗުއަލްކޮށެވެ.

މިދިޔަ އަހަރުގެ ޑަބްލިއުޓީއެމް ލަންޑަންގައި ރާއްޖެ ތަމްސީލުކުރަން 63 ކުންފުންޏަކުން 161 މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

ކޮވިޑް19ގެ ސަބަބުން ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ ބޮޑެތި ފެއާތައް މީގެ ކުރިން ކެންސަލްވެސް ކޮށްފައިވާއިރު، މިކަމުގެ ގެއްލުން ފޯރާފައިވާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިކަމުގެ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްޕީއާރުސީގެ މާކެޓިން ސްޓްރެޓަޖީ ވެސް ބަދަލުކޮށް، މިހާރު ރާއްޖެ އިޝްތިހާރު ކުރަމުންދަނީ އޮންލައިން އަދި ޑިޖިޓަލް ކެމްޕޭންތައް މެދުވެރިކޮށެވެ.

comment ކޮމެންޓް