މަދަނައަށް ފައިސާ ދެއްކި މީހުން ޝަކުވާގައި

ހިލޭ ބޭސް ފަރުވާގެ ހިދުމަތްދޭ އާސަންދަ އައުމާއެކު ކުރިން ތައާރަފުކޮށް ހިދުމަތް ހޯދަމުން އައި ''މަދަނަ'' ހެލްތް ސްކީމްގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

މަދަނަގެ ހިދުމަތް ދެމުންދިޔައީ އެ ސްކީމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެއްމަސް ކުރިން ފައިސާ ދައްކާ ރަޖިސްޓްރީ ވާންޖެހޭ ގޮތަށެވެ. އެއީ 2000ރ. އާއި 3500ރ. އަދި 1000ރ. ގެ ޕެކޭޖްތަކުގައި ބައިވެރިވާ ގޮތަށެވެ. އާސަންދަ އާއިރު މިއަހަރު ވެސް މަދަނައިގައި ބައިވެރިވާން ބައެއް ފަރާތްތަކުން ވަނީ މިދިޔަ ޑިސެމްބަރު މަހާއި ނޮވެންބަރު މަހު އެންސްޕާ އަށް ފައިސާ ދައްކާ ހަލާސްކޮށްފަ އެވެ. ނަމަވެސް އާސަންދައާއެކު މިހާރު އެފަރާތްތަކުން ދަނީ ދެއްކި ފައިސާ ހޯދަން ޝަކުވާ ކުރަން ވެސް ފަށައިފަ އެވެ.

މަދަނައަށް ފައިސާ ދައްކާފައިވަނިކޮށް ހިލޭ ބޭސްފަރުވާ ކުރެވޭ އާސަަންދަ ތައާރަފު ކުރުމާއެކު ކުރިން މަދަނައަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ބޭނުން ވަނީ އެމީހުން ދެއްކި ފައިސާ އަނބުރާ ގެންދާށެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓަކްޝަން އެޖެންސީ (އެންސްޕާ)ގެ ޑިރެކްޓާ ޖެނަރަލް މަރިޔަމް ޝަަފީގު ވިދާޅުވީ މިދިއަ އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރުގެ ތެރޭގައި މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހު ފެށިގެން މަދަނައިގައި ބައިވެރިވާން 215 މީހުން ފައިސާ ދައްކާފައިވާ ކަމަށެވެ.

މިގޮތުން '' މަދަނަ '' ގައި ތިބި މީހުންގެ ތެރެއިން ޖެނުއަރީން ފެށިގެން އިން މަދަނަ ޕްލަސް އަށް ބަދަލުވާން 80 ފަރާތަކުން 1500ރ. ދެއްކި އެވެ. ހަމައެކަނި މަދަނަ ޕްލަސްގައި ބައިވާން 47 ފަރާތަކުން 3500ރ. އެންސްޕާއަށް ދެއްކި އެވެ.

މަރިޔަމް ވިދާޅުވީ އެ ފަރާތްތަކުން މަދަނައަށް ދެއްކި ފައިސާގެ އަނބުރާ ހޯދާން ބައެއް ފަރާތްތަކުން އެދެމުންދާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ރިފަންޑަށް އެދި ސިޓީވެސް ލާފައިވާ ކަމަށެވެ.

''މިދިޔަ ހަފްތާގައިވެސް ފަސް ވަރަށް މީހުން އެދުނު. މި ހަފުތާގައިވެސް އެކަކު އެދުނު ރީފަންޑު ދިނުމަށް، އޭގެ ތެރެއިން ބައެއް މީހުން ސިޓީން ވެސް އެދެމުންދޭ. ބައެއް ފަރާތްތަކުން ފޮނުވި ސިޓީ ތަކުގެ ޖަވާބު މިހާރު ވާނީ ދީފައި.'' އެނާ ވިދާޅުވި އެވެ.

އެންސްޕާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ބުނާ ގޮތުންނަމަ މިއަހަރު މަދަނައިގައި ބައިވެރިވުމަށް އެދި ފައިސާ ދެއްކި މީހުން ރިފަންޑް ހޯދަން ކޮންމެ ދުވަހަކުސް އެ އިދާރާގެ ކައުންޓަރު ކައިރިއަށް ޖަމާވެ ޝަކުވާ ކުރެ އެވެ.

މަރިޔަމް ވިދާޅުވި ގޮތުގައި ފައިސާ އަނބުރާ ހޯދަން އެދެމުން ދިޔަ ނަމަވެސް އެ ފައިސާއަކީ ދައުލަތުގެ މާލިއްޔާއަށް ވަދެފައިވާ ފައިސާއަކަށްވާތީ އެ ފަދަ ފައިސާއާ ބެހޭ ގޮތުން އަމަލު ކުރާނެ ގޮތެއްގެ ގާނޫނީ ލަފާ އެންސްޕާއިން ހޯދިއިރު އެފައިސާ ދޭން ޖެހޭނެ ކަމަށް އެންސްޕާއަށް ލަފާ ލިބިފައެއް ނުވެއެވެ.

އޭނާ ވިދާޅުވީ މަދަނައިގައި ބައިވެރިވާން މި އަހަރަށް ފައިސާ ދެއްކި މީހުން ފައިސާ ދައްކަމުން ދިޔައިރު އެ ފައިސާ ނުދެއްކުމަށް އެންސްޕާއިން އަންގާފައި ނުވާނެ ކަމަށެވެ.

"އެ ފައިސާ މި އަހަރަށް ދައްކަމުން ދިޔައިރު އަޅުގަނޑުމެން ނުބުނަން ކަނޑައެޅިގެން އެފައިސާ ނުދައްކާކަށް. [އެއީ] އަޅުނޑުމެނަށް ވެސް އެނގިފައިނެތީ ހިލޭ ބޭސްފަރުވާ ސްކީމް [އާސަންދަ] ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިން ފަށާނެ ކަމެއް، އެފައިސާ ބަލައިގެންއިރު'' މަރިޔަމް ވިދާޅުވި އެވެ.

އާ އަހަރު ފެށުނީ ހުރިހާ ދިވެހިންނަށް ބޭސް ފަރުވާ ހިލޭ ކުރެވޭ ނިޒާމް އާސަންދަ ސަރުކާރުން އިއުލާން ކޮށް ހިދުމަތާއެކު އެވެ. އެ ނިޒާމު އައިރު ބައެއް މީހުން ތިބީ އާ އަހަރަށް މަދަނައަށް ފައިސާ ދައްކާ ނިންމައިގެނެވެ. މިހާރު އެފަރާތްތަކުން ބޭނުން ވަނީ އެ ފައިސާ ހޯދާށެވެ. އެންސްޕާއިން ބުނަނީ އެއީ ފައިސާއަކީ ދެވޭނެ ފައިސާއެއް ކަމަށް ގާނޫނީ ލަފާ ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން ދެމެދަށް މިހާރު ވަދެފައި ވަނީ ޝަކުވާއެއް މި ޝަކުވާތައް ނިމޭނީ ހިސާބަކީ ޝަރުއީ މަރުހަލާ ކަމަށް ބެލެވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް