އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި، އެކަމަކު ރާއްޖެއަށް ލިބޭނެ

އިންޑިއާގެ ހޯލްސޭލް މާރުކޭޓެއްގައި ވިއްކާ ފިޔާ--

އިންޑިއާގައި ފިޔާ ލިބުން ދަތިވުމާއެކު ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ.

އިންޑިއާ ސަރުކާރުން މިގޮތަށް ނިންމީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފިޔާގެ ސަޕްލައިއަށް ދަތިތަކެއް ކުރިމަތިވުމުންނެވެ. މިއާއެކު އިންޑިއާގެ ބާޒާރުގައި ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ވަނީ ބޮޑުވެފަ އެވެ.

ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު "ސަން" އަށް ވިދާޅުވީ، އިންޑިއާއިން މިގޮތަށް ނިންމި ނަމަވެސް އެގައުމާއެކު ރާއްޖެއިން ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެ ކަމަށެވެ.

"އިންޑިއާއިން ރާއްޖެއަށް ބޭނުންވާ އެސެންޝަލް ކޮމޯޑިޓީސް އެކްސްޕޯޓު ކުރަން މިދިޔަ މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނީ. އެހެންވީމަ ފިޔާ އެކްސްޕޯޓު ކުރުން މަނާކުރި ނަމަވެސް ރާއްޖެއަށް އެކްސްޕޯޓު ކުރާނެ،" މިއުވާން ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އާ ކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު މިދިޔަ މަހު ބޭއްވެވި ވީޑިއޯ ކޮންފަރެންސެއްގައި އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ސުބްރަމަންޔަމް ޖައިޝަންކަރު ވަނީ ވިދާޅުވެފަ އެވެ.

އެގޮތުން ކޯޓާ އިތުރުކޮށްދިން ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް،، މުގު، އަލުވި، ބިސް އަދި ފިޔާ އެވެ.

https://sun.mv/141519

comment ކޮމެންޓް