އާ ސީޕްލޭން ޓާމިނަލްގެ އެގްޒެކެޓިވް ލައުންޖު ކުއްޔަށް ހިފާނެ ބަޔަކު ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އާ ސީޕްލޭން ޓާމިނަލް އިމާރާތުގެ "އެގްޒެކެޓިވް ލައުންޖު"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް، ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދަން އިއުލާނުކޮށްފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ލައުންޖް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެންބަރު 23 ވާ ބުދަދުވަހުގެ ހެނދުނު 11:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދޭ ކަމަށެވެ.

ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް އަދި ގުޅޭނެ ނަންބަރުތައް ފޯރުކޮށްދޭން ވާނެ ކަމަށާއި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެ ކަމަށް އެމްއޭސީއެލްގެ އިއުލާނުގައިވެއެވެ.

އަދި ކުރިމަތިލާ ފަރާތްތަކަކީ ސީޕްލާން/ޓުއާ/ރިސޯޓު އޮޕަރޭޓަރަކަށް ވާންވާނެ ކަމަށާއި 10,000 ޑޮލަރު ނުވަތަ އެ އަދަދާ އެކަށީގެންވާ ދިވެހި ރުފިޔާ ބިޑު ސެކިއުރިޓީއެއްގެ ގޮތުގައި ކުއްޔަށް ހިފަންބޭނުންވާ ކޮންމެ ސަރަހައްދަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ އޮޕްޝަނަލް "ސައިޓް ވިޒިޓް" އޮންނާނީ ސެޕްޓެންބަރު 28 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައެވެ.

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 11 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، އެ ކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލު ކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ހަވާލު ކުރަން އުޅޭކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުންނާއި އޭސީސީ އިން އެ މައްސަލަ ބެލިއެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭއާ މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގުގައި (އަކަމީޓަރަކަށް 10.35 ޑޮލަރު) އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ވަނީ ނުނިމިއެވެ.

comment ކޮމެންޓް