ބަޣާވާތުގެ ތުހުމަތުކޮށް ހަސަން ލަތީފު ޗެއާޕާސަން ކަމުން ވަކިކުރަން ހުށަހަޅައިފި

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ހިމޭން ބަޣާވާތެއް ކުރާ ކަމުގެ ތުހުމަތު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފުގެ މައްޗަށްކޮށް އޭނާ މަގާމުން ދުރުކޮށްދިނުމަށް އެދި ރައީސް ސޯލަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ހަސަން ލަތީފު މަގާމުން ދުރުކޮށްދިނުމަށް އެދި ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވަނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ އެވެ.

ޝުއައިބުގެ ސިޓީގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެންމެ އިސް ފަރާތަކީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

"ޕާޓީގެ އަސާސީގަވައިދުގައި މުތުލަގަށް ބަޔާން ކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގު އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުއްވާލެއްވުމުން ޗެއާޕާސަން ހަަސަން ލަތީފު މިހާރުން މިހާރަށް މަގާމުން ދުރުކޮށްދެއްވުމަށް ފިޔަވަޅުއަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ ހައިސިއްޔަތުން އިހުލާސްތެރިކަމާއެކު މަނިކުފާނަށް ދަންނަވަމެވެ." ޝުއައިބު ރައީސް ސޯލިހަށް އެޑްރެސް ކުރައްވާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އޭނާގެ ސިޓީގައި ވިދާޅުވެފައިވަނީ އިރެއްގައި ކިތަންމެ އިހުލާސްތެރި ނަމަވެސް އިންސާނުންނަކީ ވަގުތާ ހާލަތާ އެއްގޮތަށް ބަދަލުވާ ބައެއް ކަމަށެވެ.

ޝުއައިބު އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކަމަށް ހަސަން ލަތީފު ވިދާޅުވެފައެއް ނުވެ އެވެ. ހަސަން ލަތީފު ޝުއައިބަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ޕާޓީގެ އެންމެ އިސްމަގާމަކީ އެޕާޓީގެ ރައީސްގެ މަގާމު ކަމަށެވެ. އެއީ އަސާސީ ގަވައިދުގައިވެސް ބުނެފައިވާ ގޮތެވެ.

"މި ޕާޓީގެ ރައީސްގެ މަގާމަކީ، ޕާޓީގެ އެންމެ އިސް މަގާމެވެ. ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާ ކުރާ އިސްފަރާތެވެ. އެހެން ކަމުން ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް މުހައްމަދު ނަޝީދު ވިސްނުންފުޅު ޕާޓީގެ އާންމު މެމްބަރުންނާ ހިއްސާ ކުރެއްވުމާއި އެ ވިސްނުންފުޅާ އެއްގޮތަށް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގެވުމުގެ އިސް ދައުރު އަދާކުރެއްވުމަކީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތެވެ" ހަސަން ލަތީފު ޝުއައިބަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ.

އެމްޑިޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ޕާޓީ މެމްބަރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ ނަމަ ޕާޓީގެ އެންމެ އިސް ފަރާތަކީ އެމީހަކެވެ. އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް އެވެ.

އެހެން ނަމަވެސް އެއީ ރައިސުލްޖުމްހޫރިއްޔާ އަކީ ޕާޓީގެ އެންމެ އިސް މަގާމުކަމެއް އަސާސީ ގަވައިދުގައި ބަޔާންކޮށްފައި ނުވެއެވެ. އަސާސީ ގަވައިދުގެ 78 ވަނަ މާއްދާގައި ބުނާ ގޮތުން ޕާޓީގެ އެންމެ އިސް މަގާމަކީ، ޕާޓީގެ ރައީސްއެވެ. އަދި އޭނާއަކީ، ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާ ކުރާ އެންމެ އިސްފަރާތްކަމަށްވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް