ލިލީ އެންޓަޕްރައިސް އަދި ލިލީ ޝިޕިންގެ ފަރާތުން ސްކޫލްތަަކަށް އެއްލައްކަ މާސްކު

ލިލީގެ ފަރާތުން ހަދިޔާކުރި މާސްކުތައް--

ލިލީ އެންޓަޕްރައިސަސް އަދި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގެ ފަރާތުން ސްކޫލްތަކަށް 100،000 މާސްކު ހަދިޔާކޮށްފިއެވެ.

މިއީ ސްކޫލްތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރަމުންދާ މަަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދިޔާކޮށްފައިވާ މާސްކުތަކެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަދު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ބައްދަލުވުމެއްގައި އެ މާސްކުތައް ހަވާލުކޮށްދެއްވީ ލިލީ އެންޓަޕްރައިސަސްގެ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް ހުސައިން ފައިސަލް އަދި ލިލީ ޝިޕިންގް އެންޑް ޓްރޭޑިންގްގެ ޗީފް ބިޒްނަސް ޑިވަލޮޕްމެންޓް އޮފިސަރު މުހައްމަދު އިމްތިޔާޒެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މާސްކުތަކާއި ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒެވެ.

މީގެ ހަފްތާއެއްގާ ދުވަސް ކުރިން ލޮޓަސް ފިހާރައިން ވަނީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ސެނެޓައިޒާތައް ދޭން ނިންމިކަން އިއުލާންކޮށްފައެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު އަލުން ހުޅުވީ މިދިޔަ ޖުލައި މަހުއެވެ. ނަމަވެސް މާލޭގައި ސްކޫލުތަކަށް ކިޔަވަން ދަނީ ހަމައެކަނި އޭ ލެވެލްއަށް ކިޔަވާ ކުދިން އެކަންޏެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައިވެސް މިހާރު ދަރިވަރުން ކިޔަވަމުން ދަނީ މާސްކު އަޅައި ގައިދުރުވެ ތިބެގެންނެވެ. އަދި ކްލާސްތަކަށް ވަނުމުގެ ކުރިން އަތް ދޮވެ ހުން ހުރިތޯވެސް ބަލައެެވެ.

comment ކޮމެންޓް