ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލާގައި ދައުލަތަށް ގިނަ ސުވާލުތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒް ކުރަން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ގިނަ ދުވާލުތަކެއް ކުރިމަތި ކުރުވައިފި އެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރެއް މިދިއަ އަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ނެރުނީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބުނެ އެވެ. އެ އަމުރުގައި ބުނެފައިވަނީ އެ ފައިސާ ނުހިފަހައްޓައިފި ނަމަ އޭގެން އެމަނިކުފާނު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު އޮތް ކަމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ ނިންމާފައިވަނީ ރައީސް ޔާމީނާ އެއްކޮޅަށެވެ. އެމައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

ފަނޑިޔާރު އައިޝާ ޝޫޖޫން ވިދާޅުވީ ވަކި ޓްރާންސެކްޝަނަކާ ގުޅިގެން ތުހުމަތު ކުރެވޭއިރު، ގިނަ އަދަދެއްގެ އެކައުންޓުތައް ފްރީޒް ކުރަން އަމުރަށް އެދިފައިވާ ކަމަށެވެ. އަދި އެއީ ކިހިނެއް ހިނގި ކަމެއްތޯ ފަނޑިޔާރު ދައުލަތާ ސުވާލު ކުރެއްވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ބޭންކް އެކައުންޓުތަކުގެ މައުލޫމާތުތައް ބެލި އިރު، ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ދައުލަތަށް ލިބެން ޖެހޭ ކަމަށް ބެލެވުނު އެއް މިލިއަން ޑޮލަރު ޖަމާވިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެ އެކައުންޓުން އެމަނިކުފާނުގެ އެހެން ތިން އެކައުންޓަށް ފައިސާ ޖަމާ ކުރި ކަމަށް ވިދާޅުވިއެވެ.

"މުޅި މައްސަލައިގެ ތަހުގީގުގައި މި ފައިސާ އައި ގޮތާއި މި ފައިސާއާ މެދު ގޮތެއް ކަނޑައެޅުމަށް ޓަަކައި ނުވަތަ އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ނުވަތަ ނޫންކަން ބެލުމަށް ޓަކައި މި ހުރިހާ ފައިސާއެއް ހިފަހައްޓަން މި ޖެހުނީ. ނުވަތަ އެ ފައިސާއިން މުއާމަލާތު ކުރުން ހުއްޓުވަން ޖެހުނީ،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މަނީ ލޯންޑަރިންގެ ގާނޫނުގެ 62 ވަނަ މާއްދާގައިވާ ގޮތުން ލޯންޑާ ކުރި ފައިސާއާއި އެ ފައިސާއާ އެކުވެފައި ހުރި ހުރިހާ ފައިސާ އަކީވެސް ދައުލަތަށް ނެގޭނެ ފައިސާ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ހުރިހާ ފައިސާއެއް ފްރީޒް ކުރަން ފުލުހުން އެދުނީ އެގޮތުގެ މަތިން ކަމަށްވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ޝުޖޫން ދެން ސުވާލު ކުރެއްވީ ކްރިމިނަލް ކޯޓުން އަމުރު ނެރުނު އެ ސަބަބު ބަޔާން ކުރެއްވިތޯ އެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓަތައް ފްރީޒް ކުރުމުގެ އަމުރަށް އެދުނުއިރު ޓްރާންސެކްޝަންތައް ހިނގާފައިވާގޮތް ތަހުގީގަށް އެނގިފައި ނުވާ ކަމަށެވެ.

އެމައްސަލާގައި ފަނޑިޔާރު ހުސްނުއްސުއޫދުވެސް ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން އެންމެ ޓްރާންސެކްޝަނަކުން ސުވާލު އުފެދިގެން މީހެއްގެ މުޅި މިލްކިއްޔާތު ފްރީޒް ކުރެވިދާނެތޯ ފަނޑިޔާރު ސުއޫދުވެސް ސުވާލު ކުރެއްވި އެވެ. އަދި އެސްޓީއާރްގައި ފާހަގަކޮށްފައި ވަނީ އެއް މިލިއަން ޑޮލަރު ކަމަށްވާއިރު، އެއަށް ވުރެ ގިނައިން ފައިސާ ހިފަހައްޓަން އަމުރަކަށް އެދުނީ ކޮން އަސާސަކަށް ބިނާކޮށްތޯވެސް ފަނޑިޔާރު ސުއޫދު ސުވާލުކުރެއްވި އެވެ.

"މީހެއްގެ މުޅި އެސެޓުތައް، މީހެއްގެ މުޅި މިލްކިއްޔާތު ފްރީޒް ކުރަން ހަމަ އެދެވިދާނެތޯ ގާނޫނީ ގޮތުން. އެއީ ތުހުމަތު ކުރެވިފައި އޮތީ އެންމެ އެސްޓީއާރަކާ ގުޅިގެން. އެއް މިލިއަން ޑޮލަރެއްގެ އިޝޫ މި އުޅެނީ،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

އެސުވާލަށް ދައުލަތުން ދިނީ ފަނޑިޔާރު ޝުޖޫނަށްވެސް ދިން ޖަވާބެވެ. ވިދާޅުވީ މަނީ ލޯންޑަރިންގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އެގޮތަށް ފައިސާ ނެގިދާނެ ކަމަށެވެ.

އެ ޖަވާބާ ގުޅިގެން ފަނޑިޔާރު ސުއޫދު ސުވާލު ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑުގެ ވާހަކައަކީ އަމުރަށް އެދިވަޑައިގެންނެވި އިރު ތިބޭފުޅުންގެ ނަަޒަރުގައި އޮތީ ހަމައެކަނި އެއް މިލިއަން ޑޮލަރު އެހެންވީމަ އެއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ އެކައުންޓުތަކުގައި ހުރި ކަމަށް ވިއްޔާ އެ ހުރިހާ ފައިސާއެއް، ތިބޭފުޅުން އެދިވަޑައިގެންނެވި އިރު ފްރީޒް ކުރައްވަން އެނގިވަޑައިގެންނެވީ ކިހިނެއްތޯ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފަތޯ؟،" ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވި އެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވީ އިތުރު ޓްރާންސެކްޝަންތަކެއް ފާހަގަ ކުރެވުނު ކަމަށެވެ.

"ބައްލަވާ ތި ވާހަކައެއް ނެތޭ އެދިވަޑައިގެންނެވި އަމުރުގައި ލިޔުއްވާފައެއް. އެއާއެކު ހުށަހެޅުއްވި ޑޮކިއުމެންޓެއްގައި ތި ވާހަކައެއް ލިޔުއްވާފައެއް. ތިއީ ހަމަ ހިތްޕުޅުގައި އޮތް ވާހަކައެއް ތި ވިދާޅުވަނީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ދައުލަތަށް ލިބެން ޖެހެނީ ކިހާ އަދަދެއްގެ ފައިސާ ކަމާއި، އެ ފައިސާ ދައުލަތަށް ލިބެން ޖެހޭ ކަމަށް ގަބޫލު ކުރެވުނު ސަބަބަކީ ކޮބައިތޯ ސާފުކޮށްގެން ދެން އޮންނަ އަޑުއެހުމަކަށް ވަޑައިގަތުމަށް ސުއޫދު އެދިވަޑައިގެންނެވި އެވެ. ދެން އަޑުއެހުން އޮންނާނެ ދުވަހެއް ޝަރީއަތުން އިއުލާނެއް ނުކުރެ އެވެ.

comment ކޮމެންޓް