ޖަޕާނުގެ ވެރިކަން ކުރާ ޕާޓީއަށް އާ ލީޑަރަކު ހޮވައިފި

ޖަޕާނުގެ ވެރިކަން ކުރާ ޕާޓީން ވަނީ އާ ލީޑަރު ކަމަށް ޗީފް ކެބިނެޓު ސެކްރެޓަރީ ޔޮޝިހިދޭ ސުގާ ހޮވާފަ -- ފޮޓޯ: އީޕީއޭ

ޓޯކިޔޯ (ސެޕްޓެމްބަރު 14): ޖަޕާނުގެ ވެރިކަން ކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ)ގެ ލީޑަރު ކަމަށް އެގައުމުގެ ޗީފް ކެބިނެޓު ސެކްރެޓަރީ ޔޮޝިހިޑޭ ސުގާ ހޮވައިފި އެވެ.

އެލްޑީޕީން އާ ލީޑަރަކު ހޮވީ އެ މަގާމުގައި ހުންނެވި ބޮޑުވަޒީރު ޝިންޒޯ އަބޭގެ ހާލުކޮޅު ގޯސްވުމާ ގުޅިގެން އޭނާ ވެރިކަމުން ދުރަށް ޖެހިވަޑައިގަންނަވަން މިދިޔަ މަހު ނިންމެވުމުންނެވެ. އަދި ޖަޕާނުގެ ޕާލިމެންޓުގެ އަގުލަބިއްޔަތު އޮންނަނީ އެލްޑީޕީއަށް ކަމުން، އާ ބޮޑުވަޒީރު ހޮވުމަށް އަންނަ ބުދަ ދުވަހު ބާއްވާ ވޯޓުގައި އެ މަގާމަށް ހޮވޭނީ ސުގާ ކަމަށް ބެލެވެ އެވެ.

އެއަށް ފަހު އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕާލިމެންޓު އިންތިހާބު ބާއްވަން ދެން ސުގާ ބޮޑުވަޒީރުކަން ކުރައްވާނެ އެވެ.

އެލްޑީޕީގެ 535 ޕާލިމެންޓު މެމްބަރުންނާއި ޑެލިގޭޓުންގެ މެދުގައި މިއަދު ނެގި ވޯޓުގައި ލީޑަރު ކަމަށް ސުގާ އައްޔަން ކުރުމަށް 377 މީހަކު ވޯޓު ދިނެވެ. އަދި އޭނާއާ ވާދަ ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ފޫމިއޯ ކިޝިދާއަށް 89 ވޯޓު ލިބުނު އިރު ކުރީގެ ޑިފެންސް މިިނިސްޓަރު ޝިގެރޫ އިޝިބާއަށް ލިބުނީ 68 ވޯޓެވެ.

އަބޭގެ މުޝީރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސުގާ އެލްޑީޕީގެ ލީޑަރު ކަމަށް ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި އިރު އޭނާ ވަނީ އަބޭގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ އެންމެ ފުރަތަމަ ކުރެއްވީ 2006 އިން ފެށިގެން އެއް އަހަރުވަންދެނެވެ. އެފަހަރު އޭނާ މަގާމުން އިސްތިއުފާ ދެއްވީ، ބޮޑުގޮހޮރު ދުޅަވެ، ފާރުވުމަށް މަގުފަހިކުރާ ބައްޔެއް ކަމަށްވާ އަލްސަރޭޓިވް ކޮލައިޓިސްގެ ސަބަބުން ހާލުކޮޅު ދެރަވުމުންނެވެ. އޭގެ ފަހުން 2012ގައި އޭނާ އަނެއްކާ ވެރިކަމަށް ވަޑައިގެންނެވީ އެ ބައްޔަށް މީގެ ކުރިން ލިބެން ނެތް ބޭހެއް ބޭނުން ކުރައްވަން ފެއްޓެވުމަށް ފަހުގަ އެވެ. ނަމަވެސް އަބޭގެ ހާލުކޮޅު އަނެއްކާ ވެސް ދެރަވުމުން، އަންނަ އަހަރު އޭނާގެ ދައުރު ނިމުމުގެ ކުރިން އިސްތިއުފާ ދެއްވަން ނިންމެވީ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް