މަނަދޫ ކޭހުން ފިލާވަޅެއް، ކުޑަ ކަމަކުން ބޮޑު ނުރައްކަލެއް!

ކޮވިޑް-19ގެ ކޮމިޔުނިޓީ ސްޕްރެޑެއް މާލެއިން ފެނުމާއެކު އެންމެ ބޮޑު ނުތަނަވަސް ކަމަކަށް ވީ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މި ބަލި ފެތުރި ގަނެފާނެތީ އެވެ. އެ ބިރު ބޮޑުވީ ފެށުނީއްސުރެ މުޅި ރާއްޖޭގެ ހުރިހާކަމެއް މާލެއަށް ބަރޯސާ ވާން ޖެހިފައި ވުމުން، ރަށްރަށަށް ގެންދާ ކާބޯތަކެއްޗާއި ޒަރޫރީ މުދަލާއި ބޭސްފަރުވާއަށް ބުރޫއަރާފާނެތީ އެވެ. އަދި މާލެއާ އެއްވަރަށް ރަށްރަށުގައި ބަލި ފެތުރިއްޖެ ނަމަ، ވަސީލަތްތައް ބެހިފައި ހުރި ގޮތުން އެއީ ސިއްހީ ނިޒާމަށް ކުޅަދާނަ ކަމަކަށް ނުވުމަކީ ވެސް އޮތް ކަންބޮޑުވުމެކެވެ.

މާލެއިން ބަލި ފެނުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުންވެސް ދުވަސްކޮޅަކަށް މަނާކުރި އެވެ. އެ ފިޔަވަޅު އެޅީ އެއްވެސް ރަށަކުން ބަލި ހުރި މީހެއް ފެނިދާނެކަމަށްޓަކަ އެވެ. މާލެ ދަތުރުކުރާ ބޯޓުތަކުން ބަލީގެ ކޭސްތައް ފެނުނުއިރު، އެ ބޯޓުތަކާ ގުޅިފައިވާ ރަށްރަށުންވެސް ބަލި ފެނުނެވެ. ނަމަވެސް ކޮންޓްރޯލު ނުކުރެވޭ ހާލަތަކަށް ނުދެ އެވެ.

މުޅި ދުނިޔޭގައި ބާރަށް ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޕްރީލް 15 ގައި މާލެއިން ކޮމިޔުނިޓީ ސްޕްރެޑެއް ފެނުނުފަހުން މާދަމާ އަށް ފަސް މަސް ވާނެ އެވެ. މާލެއިން ރަށްރަށަށް ދިޔުމުގައި މިހާރު ހަރުދަނާ ފިޔަވަޅުތައް އަޅާފައި އެބަހުއްޓެވެ. މާލެ އައުމުގައި އެއްވެސް ދައްޗެއް ނެތް ނަމަވެސް މާލެއިން ރަށަށް ދެވޭނީ ވަކި ޝަރުތުތަކެއް ހަމަވާނަމަ އެވެ. ރަށަށް ގޮސް ފުރަތަމަ ޖެހެނީ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރާށެވެ. ކަރަންޓީނަށްފަހު ރަށުތެރެއަށް ނިކުމެ އުޅެވޭނީ ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވް ވުމުންނެވެ. މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އަޅާފައިވާ މުހިއްމު، ހަރުދަނާ ފިޔަވަޅެކެވެ. ކަރަންޓީނާ ހިލާފުވާ މީހުންނަށް ބޮޑެތި ޖޫރިމަނާ ތަކާވެސް ކުރިމަތިލާންޖެހެ އެވެ.

ކަރަންޓީނާ ހިލާފުވެ، ރަށުތެރެއަށް ނިކުތުމުން މުޅިރަށް ނުރައްކަލުގެ ތެރެއަށް ހުށަހެޅެނީ އެވެ. މިދިޔަަ ހުކުރުު ދުވަު ނ. އަތޮޅުގެ ވެރިކަންކުރާރަށް މަނަދޫ އަށް އަރާފޭބުން މަނާކުރީ އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު ގެއިން ބޭރުގައި ހުއްޓާ، އޭނާގެ ކޮވިޑު ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެގެންނެވެ.

ރަށުތެރޭ ދެކެވުނު ވާހަކަތަކަށް އިޝާރާތްކޮށް އެރަށުގެ މީހަކު ހޮނިހިރު ދުވަހު ބުނިގޮތުގައި އޭގެ ކުރިންވެސް އެމީހާ ރަށުތެރޭ އުޅުނުތަން މީހުންނަށް ފެނިފައި އެބަހުއްޓެވެ. އަނެއްކޮޅުން ޓެސްޓުގެ ނަތީޖާ ލިބުނު އިރު އޭނާ ހުރީ ބަޔަކާއެކު ކަނޑުމަތީގައި މަސްވެރިކަމުގަ އެވެ. މަސްބާނައިގެން ރަށަށް ލެފިއިރު އޭނާގެ ސަބަބުން މުޅި ރަށް މިއޮތީ ނުރައްކަލަކަށް ހުށަހެޅިފަ އެވެ.

މަނަދޫ---

މަނަދޫ ކޭސް އާއި ގުޅުގެން 11 މީހަކު ކަރަންޓީނު ކޮށްފައިވާއިރު އޭގެ ތެރޭގައި ޕޮޒިޓިވްވި މީހާ އާއެކު މަހަށް ދިޔަ މީހުންނާއި، އޭނާ އާއި ބައްދަލުވިކަމަށް އަމިއްލަ އަށް މައުލޫމާތުދިން މީހުން ހިމެނެ އެވެ.

މަނަދޫގެ އިތުރުންވެސް އެހެން ރަށްރަށުންވެސް ބައެއްފަހަރު އިވޭ ޝަކުވާއަކީ މިއެވެ. ކަރަންޓީނުަގއި ތިބޭ މީހުން ބޭރަށް ނިކުމެ އުޅުމާއި އާއިލާގެ މީހުންނާ ބައްދަލު ކުރުމެވެ. އާއިލާގެ އެހެންމީހުން މުޖުތަމައު ތެރެއަށް ނިކުމެ އުޅޭއިރު ރަށަށް އޮންނާނީ ބިރުވެރިކަމެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވެސް ވަނީ ދުރަބަންދު ކަރަންޓީނުގައި ތިބޭއިރު، ގައިޑްލައިންތަކަށް ތަބައަވުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ. މިގޮތަށް އުސޫލުތަކާ ހިލާފުވާ މީހުންގެ ސަބަބުން މުޅި ރަށް ނުރައްކަލަށް ހުށަހެޅޭކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ/ އެޗްއީއޯސީ

މަނަދޫ އިން ފެނުނު ކޭހުން ލިބުނު ފިލާވަޅަކީ ކަރަންޓީ ނުގެ 14 ދުވަސް ހަމަވިޔަސް އަދި ނިމުނީ ނޫންކަމެވެ. ބައްޔަށް ޓެސްޓު ކުރަން ސާމްޕަލް ނަގާ ހިސާބުން ބައެއް މީހުންނަށް "އެކަން އެނިމުނީ" ކަމަށް ހީވިޔަސް ޓެސްޓުގެ ނަތީޖާ ލިބުމާ ހަމައަށް އެމީހަކު ހުންނަން ޖެހޭނީ އެހެން މީހުންނާ އެކަހެރިވެ، ކަރަންޓީނުވެގެންނެވެ. ޓެސްޓުގެ ނަތީޖާ ނެގެޓިވްވުމާ ހަމައަށް ބަލަންޖެހޭނީ ތިމާ އަކީ ބަލި ހުރެދާނެ މީހެއް ކަމަށެވެ. އަދި ކަރަންޓީނުގައި ހުރެ މީހުންނާ ބައްދަލުކުރުން ފަދަ ކަންކަން ކުރާ ނަމަ، އެލެވެނީ މުޅި ރަށް ނުރައްކަލަށެވެ.

މިދިޔަ މަސް ނިމުނު އިރު 2،705 މީހަކު ފުރަބަންދު ކަރަންޓީނަށް ގޮސްފައިވާއިރު 121 މީހަކު ބައްޔަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ރޭ އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ އިރުއޮއްސި ހަޔަކާ ހަމައަށް މާލެ ފިޔަވާ، ރާއްޖޭގެ 25 ރަށެއްގައި ކޮވިޑުގެ 99 ކޭހެއް އެބައޮތެވެ. މީގެ ތެރެއިން ހަތް މީހަކަށް ފަރުވާ ދެމުންދަނީ ކޮވިޑަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ފެސިލިޓީތަކުގައެވެ. ބާކީ މީހުން ތިބޭ ގޭގަ އެވެ.

އިއްޔެގެ ހަޔަކާ ހަމައަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުުންގެ ޖުމްލަ އަކީ 9،173 އެވެ. މިހާރު 1،809 މީހުން ބައްޔަށް ފަރުވާ ހޯދަމުންދާއިރު އޭގެ ތެރެއިން 113 މީހަކު ތިބީ ހޮސްޕިޓަލުގަ އެވެ. 7،326 މީހުން ބަލިން ރަނގަޅުވެފައިވާއިރު 32 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.

comment ކޮމެންޓް