ބަހުރައިން އާއި އިސްރާއީލުން ގުޅުން ގާއިމު ކުރުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކޮށްފި

ބަހުރައިން އާއި އިސްރާއީލުން ގުޅުން ގާއިމު ކުރަން ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ -- ފޮޓޯ: އޭއެފްޕީ

ގާޒާ (ސެޕްޓެމްބަރު 14): ބަހުރައިން އާއި އިސްރާއީލުން ގުޅުން ގާއިމު ކުރަން ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން މުޒާހަރާކޮށްފި އެވެ.

ބަހުރައިން އާއި އިސްރާއީލުން ގުޅުން ގާއިމު ކުރަން ނިންމާފައިވާކަން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ މެދުއިރުމަތީގެ ސުލްހައަށް އޭނާގެ ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެކެވެ.

ބަހުރައިން އިން އެފަދައިން ނިންމީ، މިދިޔަ މަހުގެ 13ގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން ވެސް އިސްރާއީލާ ގުޅުން ގާއިމު ކުރަން ނިންމި ފަހުންނެވެ.

އެ ދެ ގައުމުގެ ނިންމުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ގާޒާގައި ކުރިއަށްގެންދިޔަ މުޒާހަރާގައި އެ މީހުން ވަނީ އިސްރާއީލާއި އެމެރިކާ އާއި ބަހުރައިން އާއި ޔޫއޭއީގެ ލީޑަރުންގެ ފޮޓޯތައް އަންދާފަ އެވެ.

އިސްރާއީލާ އެކު ގުޅުން ގާއިމު ކުރުމަކީ މެދުއިރުމަތީގެ ސުލްހަ އާއި ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއް ކަމަށް އެ ހަތަރު ގައުމުން ދެކެ އެވެ. ނަމަވެސް އޭގެ ސަބަބުން، އިސްރާއީލުން ހިފާފައިވާ ބިންތައް ދޫކޮށްލުމަށާއި ފަލަސްތީނަކީ ވަކި ދައުލަތަކަށް ހެދުމަށް އަރަބި ދުނިޔެއިން ގޮވާލާ ގޮވާލުމުގެ އަޑު މަޑުވެގެން ދާނެ ކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކެ އެވެ.

ގާޒާގައި ވެރިކަން ކުރާ ހަމާސްގެ އިތުރުން ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)އިން ވެސް ވަނީ ޔޫއޭއީ އާއި ބަހުރައިންގެ ނިންމުމާ ދެކޮޅު ހަދައިފަ އެވެ. އަދި ޕީއެލްއޯގެ ސެކްރެޓަރީ ޖެނެރަލް ސާއިބު އުރައިގާތު ވިދާޅުވި ގޮތުގައި އެތައް އަހަރުތަކެއް ވެފައިވާ އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލު ނުކުރާހާ ހިނދަކު ސުލްހަ ގާއިމެއް ނުކުރެވޭނެ އެވެ. އަދި އެ ގުޅުންތައް ގާއިމު ކުރަނީ އަސްކަރީ އެލަޔަންސެއް އުފެއްދުމަށް ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ބަހުރައިން އާއި އިސްރާއީލާއި އެމެރިކާގެ ގުޅުންތައް ގާއިމު ކުރުމަށް ހެދި އެއްބަސްވުމަކީ ބޮޑު ޕެކޭޖެއްގެ ދަށުން ހަދާ އެއްބަސްވުމެއް. އެއީ ގައުމުތަކުގެ މެދުގައި ގުޅުން ގާއިމު ކުރުން ނުވަތަ ސުލްހައާ ބެހޭ އެއްބަސްވުމެއް ނޫން. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އެލަޔަންސެއް، މި ސަރަހައްދުގައި އަސްކަރީ އެލަޔަންސެއް އުފެދޭތަން،" އުރައިގާތު ވިދާޅުވި އެވެ.

ޔޫއޭއީ އާއި ބަހުރައިން އަކީ ފާއިތުވި 70 އަށް ވުރެ ގިނަ އަހަރުތަކުގެ ތެރޭގައި އިސްރާއިލާ ފުރިހަމައަށް ގުޅުންތައް ގާއިމު ކުރި ތިން ވަނަ އަދި ހަތަރު ވަނަ އަރަބި ދައުލަތެވެ.

comment ކޮމެންޓް