ލުބްނާނުގެ އާ ސަރުކާރުން ކެބިނެޓް އެކުލަވާލާ ގޮތާމެދު ދެބަސްވުންތަކެއް

ލުބްނާނުގެ ޕާލިމަންޓްގެ ސްޕީކަރު ނަބީހު ބޭރީ--

ލުބްނާނުގެ އާ ސަރުކާރުން ކެބިނެޓް އެކުލަވާލާ ގޮތާމެދު ދެބަސްވުންތަކެއް އުފެދިއްޖެ އެވެ.

ލުބްނާނުގެ ބެއިރޫތުގައި ދާދި ފަހުން ހިނގި ވަރުގަދަ ގޮވުމަށްފަހު އެގައުމުގެ ސަރުކާރު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ބެއިރޫތުގެ ގޮވުމުގައި 190 މީހުން މަރުވެ 6000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ނިމިގެން ދިޔަ މަހު ލުބްނާނުގެ ބޮޑުވަޒީރުކަމަށް މުސްތަފާ އަދީބު އައްޔަނުކުރި ފަހުން އެމަނިކުފާނު މިހާރު އުޅުއްވަނީ ކެބިނެޓް އެކުލަވާލެއްވުމުގަ އެވެ

ލުބްނާނުންގެ ޕާލަމަންޓް ސްޕީކަރު ނަބީހު ބޭރީ ވިދާޅުވީ ކެބިނެޓް އެކުލަވާލާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި އަދި އެގޮތް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

އެހެން ނަމަވެސް ގައުމުގެ ކަންތައް ހަމައަކަށް އެޅުމަށް ކުރާ މަަސައްކަތަށް އެއްބާރުލުން ދޭނެކަމަށް ވިދާޅުވި އެވެ.

ނަބީހްއަކީ ލުބްނާނުގެ އަމަލް މޫވްމަންޓްގެ އިސްވެރިޔާ ވެސް މެއެވެ. އެ މޫވްމަންޓަކީ ހިޒްބުﷲ ޖަމާއަތާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ މޫވްމަންޓެެއްވެސްމެ އެވެ. ނަބީހް ވިދާޅުވީ ކެބިނެޓް އެކުލަވާލުމުގައި އެބޭފުޅުންނާ މަޝްވަރާނުކުރާ ކަމަށެވެ.

ލުބްނާނުގެ ހާލަތު ގޯސްވުމުން ފްރާންސުން ވަނީ އެގައުމަށް އެހީ ދޭން ނިންމައިފަ އެވެ. އަދި ދާދި ފަހުން ދެ ފަހަަރެއްގެ މަތިން ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ. ލުބްނާނުގެ ސިޔާސީ މަޝްރަހު ބަަދަލުކުރުމަށް ފްރާންސްގެ ރައީސް އިމާނުއަލް މެކްރޮން ދަނީ ވަރަށް ބޮޑަށް ބާރު އަޅަމުންނެވެ.

ނަބީހް ވިދާޅުވީ ކެބިނެޓް އެކުލަވާލުމުގައި މައްސަލަ ދިމާވެގެން އުޅެނީ ފްރާންސާ ހެދި ނޫން ކަމަށެވެ. އަދި މިއީ ގައުމުގެ އެތެރޭގެ މައްސަލައެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލުބްނާނުގެ ގާނުނުގައި ވާގޮތުން ސަރުކާރުގެ ބާރުތައް އެކި ދީންތަކުގެ މީހުންނާ ހިއްސާކުރަން ޖެހެ އެވެ. މިދިޔަ އަހަރު އެގައުމުގައި ފެށި މުޒާހަރާތަކުގައި ވަނީ އެގޮތަށް ވަކި ވަކި ބާރުތައް ވަކި ދީންތަކުން ހިއްސާކުރުން ހުއްޓާާލުމަށް ވަރަށް ބޮޑަށް ގޮވާލައިފަ އެވެ. އަދި ބެއިރޫތުގެ ގޮވުމަށްފަހު އެ ވާހަކަތަކުގެ އަޑުތައް ވަކިން ގަދަވެފައިވެ އެވެ. -- އޭޕީ

ގުޅޭ ޓެގު
comment ކޮމެންޓް