ސޯނޫ މިފަހަރު ކުދިންނަށް ދެނީ ހިލޭ ސްކޮލަޝިޕްތަކެއް

ސޯނޫ ސޫދު--

ފުދުންތެރި ނޫން އާއިލާތަކުގެ ދަރިވަރުންގެ މަތީ ތައުލީމަށް ސްކޮލަޝިޕްތަކެއް ދޭން ނިންމައި ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު އެކްޓަރު ސޯނޫ ސޫދު ހުޅުވާލައިފި އެވެ.

ޓުވިޓާގައި ސޯނޫކުރި ޕޯސްޓެއްގައި ބުނީ މާލީ ތަނަވަސްކަން ނެތް ކުދިންނަށް މަތީ ތައުލީމް އުނގެނުމުގެ ފުރުސަތުތައް ހަނިވުމަކީ ގަބޫލުކުރެވޭކަމެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް އެމީހަކު ހާސިލްވާން ބޭނުންވާ ހިސާބަށް ހާސިލްވުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. ގިނަ ދާއިރާތަކަކުން މަތީ ތައުލީމް ހާސިލްކުރަން ހުޅުވާލާފައިވާ އިރު ސްކޮލަޝިޕްދޭ ބައެއް ދާއިރާތަކަކީ އެއާލައިންސް އެންޑް ޓޫރިޒަމް، ހެލްތުކެއާ ސައިންސް، ޖާނަލިޒަމް، ފެޝަން، އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ، ބިޒްނެސް ސްޓަޑީޒް، މެޑިސިން، އިންޖިނިއަރިން އަދި ލޯ ހިމެނެ އެވެ.

އަހަރަކު ދެ ލައްކަ ރުޕީސް އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކުގެ ދަރިވަރުންނަށް ސްކޮލަޝިޕަށް ކުރިމަތިލެވޭ އިރު ސްކޮލަޝިޕަށް އެޕްލައިކުރާ ކުދިންނަށް އިތުރު މައުލޫމާތު ލިބިގެންދާނެ ކަމަށެވެ.

ކޮވިޑްއާ ގުޅިގެން ސޯނޫ ވަނީ އާންމުންނަށް ވަރަށް ބޮޑަށް އެހީތެރިވެދީފަ އެވެ. ދާދިފަހުން އެކްޓަރު ވަނީ ފިލިޕީނުގެ 39 ކުޑަކުއްޖަކަށް ލިވާ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ވެސް ހޯދައިދީފަ އެވެ. ހަމައެއާ އެކު އޭނާ ވަނީ ކޮވިޑްއާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި މީހުންތަކަކަށް މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސްދީފައިވެ އެވެ.

comment ކޮމެންޓް