ޗާޓަޑް އެކައުންޓަންޓުންގެ އިންސްޓިޓިއުޓް އުފައްދައިފި

ރައީސް ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ "އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގާއިމުކުރައްވައިފި އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ބިލު ރައީސް ތަސްދީގުކުރެއްވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

އެކައުންޓެންސީ ދާއިރާއާ ގުޅޭ ކަންކަން ބައިނަލްއަގްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ތަންޒީމުކޮށް، ދިވެހިރާއްޖޭގައި އެކައުންޓަންސީގެ ޕްރޮފެޝަނެއް ޤާއިމުކޮށް، އެ ޕްރޮފެޝަން ކުރިއެރުވުމަށް މަގުފަހިކުރުމަށް ޓަކައި "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި ގާނޫނީ ޝަސްހަސެއް އުފައްދަން ގާނޫނު ލާޒިމުކުރެ އެވެ.

ރައީސް އޮފީހުން ބުނީ، ޗާޓަޑް އެކައުންޓެންޓުންގެ އިނސްޓިޓިއުޓް ރައީސް ގާއިމުކޮށްދެއްވީ މި މަހުގެ އަށ ވަނަ ދުވަހު ކަމަށެވެ.

އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ޝަރުތުތަކާއި، އެ މެމްބަރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކާއި ހަމަތަކާއި، އެނޫންވެސް ކަންކަމާ ގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ އިންސްޓިޓިއުޓް އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ، މިނިވަން، މުސްތަގިއްލު ޝަހްސެކެވެ.

އެ އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ޗާޓަޑް އެކައުންޓެންސީ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި، އިންސްޓިޓިއުޓްގެ މެމްބަރުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި އެކަމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކުރުމާއި، އެކައުންޓެންސީ ދާއިރާގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތައުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތް ކުރުމެވެ.

ގާނޫނަށް އަމަލުކުރަން ފެށުމާއެކު ރާއްޖޭގައި އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތްދިނުމުގެ މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށް ހުއްދަ ދިނުމާއި، ގިންތިކުރުމާއި، މެންބަރުން ރަޖިސްޓަރީކުރުމުގެ އެންމެހައި ކަންކަންކުރުމުގެ ބާރު އެ އިދާރާއަށް ވަނީ ލިބިފައެވެ.

އަދި، ރާއްޖޭގައި ގާނޫނީ އޮޑިޓުކުރުމާއި އެޝޫރެންސްގެ ހިދުމަތް ދިނުމަށް ހުއްދަ ދޫކުރުމާއި، ގިންތިކުރުމުގައި ދައުލަތުގެ މުއައްސަސާތަކުން ކުރަމުން އައި މަސައްކަތް އިންސްޓިޓިއުޓަށް ބަދަލުވާނެއެވެ.

comment ކޮމެންޓް