މަނަދޫ ކޭސްއާ ގުޅިގެން 11 މީހަކު ކަރަންޓީނުކޮށްފި

މަނަދޫ---

ނ. މަނަދޫ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ އާއި ކޮންޓެކްޓުވި 11 މީހަކު ކަރަންޓީނުކޮށްފައިވާ ކަމަށް މަނަދޫގައި ހުންނަ ނ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގު "ސަން" އަށް މިއަދު ވިދާޅުވީ ޕޮޒިޓިްވި މީހާ އާއި ކޮންޓެކްޓުވެގެން ކަރަންޓީނު ކުރި 11 މީހުންގެ ތެރޭގައި އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އަންގަން ބެލިއިރު މަހަށް ނިކުމެ އުޅުނު ދޯނީގައި އޭނާ އާއެކު ތިބި މީހުންނާއި، ކޮންޓެކްޓުވި ކަމަށް އަމިއްލަ އަށް މައުލޫމާތު ހިއްސާކުރި މީހުންވެސް ހިމެނޭ ކަމަށެވެ.

މަނަދޫ ގައި ފުރަބަންދު ކަރަންޓީންގައި ހުރި އެމީހާ އަށް ނަތީޖާ ދޭން ބެލި އިރު، އޭނާ ހުރީ ދޯންޏެއްގައި މަހަށް ނިކުމެ އެވެ. އޭނާ ގޭގައި ނެތްކަން އެނގުނީ ނަތީޖާ ހަވާލުކުރަން ގުޅިއިރު ފޯނަށް ނުގުޅުމުން އެ ގޭގެ އެހެން މީހަކަށް ގުޅައިގެން އޭނާ ކޮބައިތޯ ބެލިއިރު އެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ.

މަނަދޫ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ރަށް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ. ޝަފީގް ވިދާޅުވީ ޕޮޒިޓިވްވި މީހާގެ ފަރާތުން ބަލީގެ އަލާމާތެއް ނުފެންނަ ކަމަށާއި ކޮންޓެކްޓުގެ ގޮތުގައި ފާހަގަވި މީހުންގެ ފަރާތުންވެސް އަލާމާތެއް ނުފެންނަ ކަމަށެވެ.

އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ރޭގެ 6:00 އާއި ހަމައަށް 8،990 މީހަކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. ބައްޔަށް ފަރުވާހޯދާ 2،107 މީހުން ތިބިއިރު 6،846 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. 31 މީހަކު ބަލީގައި މަރުވެފައިވެ އެވެ.

ރޭގެ 6:00 އާއި ހަމައަށް 28 ރަށެއްގައި 100 ޕޮޒިޓިވް ކޭސް އެބައޮތެވެ. މީގެ އިތުރުން 25 ރިސޯޓެއްގައި ބައްޔަށް ޕޮޒިޓިވް 13 ޓޫރިސްޓަކާއި 42 ސްޓާފަކު އެބަތިއްބެވެ.

comment ކޮމެންޓް